އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާދެވޭނެ ގޮތެއް ހަދަނީ

އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާދެވޭނެ ގޮތެއް ހަދަނީ

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2021 10:55
0

ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމުގެ މައްސަލަ ކަމުގައެވެ.

ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ ވަށާޖެހޭ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން.

– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ޑްރަގުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ހާލެއްގައި ކަމަށާއި، ޑްރަގުގެ ވަބާގައި 8 އަހަރުގެ ކުދިންވެސް ޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. ފާއިތުވެދިޔަ 2014 ވަނަ އަހަރަށް ބަލާއިރު ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންގެ އުމުރަކީ 22 އާއި 37 އަހަރާއި ދެމެދު ކަމަށާއި ނަމަވެސް މިއަހަރު އުމުރު ފުރާއަށް ބަލާއިރު 17 އަަހަރާއި 68 އަހަރާއި ދެމެދު މީހުން މި ވަބާގައި ޖެހިފައިވާކަމަށް މިދިރާސާއިން ދައްކައެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް މިއައީ ޒުވާނުންގެ ކަންކަމާ މެދުގައި ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޒުވާނުންނަށް ކިޔަވައި ދިނުމާއި މަސައްކަތުގެ ތަމްރީން ހޯދުމާއި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމާއި ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމުގެ އަމާޒެއް ރާއްޖޭގައި ހުރި އިރު ވަކިވަކި ފަރުދުންނާއި އާއިލާތަކާއި ޖަމިއްޔާތަކުން އަމާޒު ހިފާފައި ހުރީ މި މިސްރާބަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި ދެއަތް އުރާލައިގެން ތިބޭ ވަރަށް ގިނަ ޒުވާނުން އެބަތިބިއެވެ. ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ވަރަށް ގިނަ ބިދޭސީން ހަރަކާތްތެރިވާ އިރު، ރައީސް ވިދާޅުވި ގޮތުގައި މިއިން އެނގެނީ މަސައްކަތެއް ނުކޮށް ޒުވާނުން ތިއްބަސް މަސައްކަތުގެ ބާޒާރުގައި ތަފާތު ފުރުސަތުތައް އެބަހުރި ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.