މިއަހަރު ޒުވާނުންގެ އެވޯޑް 10 ޒުވާނަކަށް

މިއަހަރު ޒުވާނުންގެ އެވޯޑް 10 ޒުވާނަކަށް

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2021 10:37
0

ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ޒުވާނުންގެ އެވޯޑް މިއަހަރު 10 ފަރާތަކަށް ދެއްވައިފިއެވެ.

ޒުވާނުންގެ އެވޯޑް ލިބުން ފަރާތްތަކަށް، އެވޯޑް ޙަވާލުކޮށްދެއްވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ތަފާތު 18 ދާއިރާއަކުން ކުރިމަތިލުމަށް ހުޅުވާލިނަމަވެސް، އެވޯޑް ދީފައިވަނީ 10 ދާއިރާއަކުންނެވެ.

ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތައް:

  • ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން – އަރުޝަދު އަޙްމާދު (ފަހިވާ، ހއ. އުލިގަން)
  • އާރޓް އަދި ފަންނުވެރިކަމުގެ ދާއިރާއިން – ނާޒިމް ޙަސަން (ކޯނަރ، ކުޅުދުއްފުށި ސިޓީ)
  • ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން – އަޙްމަދު ޢަބްދުލްކަރީމް (ތިބުރޯޒުގެ، ވ. ކެޔޮދޫ)
  • ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން – ޢާއިޝަތު ޠާއިފާ (ޓޯޓަލްގެ، ކުޅުދުއްފުށި ސިޓީ)
  • ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން – ޢަފާ ޙުސައިން (ޕާކް، ކުޅުދުއްފުށި)
  • މަސްވެރިކަމުގެ ދާއިރާއިން – ޢަބްދު ﷲ ޔަމާން (ގުރުވަ، ލ.ގަން ތުނޑި)
  • ދަނޑުވެރިކަމުގެ ދާއިރާއިން – ޢަލީ ފަވާޒް (މިލާޒް، އއ. ތޮއްޑޫ)
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން – މަރިޔަމް ސަހުދާ (ދަފްތަރު ނަންބަރު ރސ 4356
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން – ޙަސަން ފަރުޙާން މުޙައްމަދު (މ. މިޓްރީޕާރކް، މާލޭ ސިޓީ)
  • ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން – އިއްޒަތު އަޙްމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ)

ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގައެވެ. ޒުވާނުންގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ ދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލަޔަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށް ވާތީއާއެވެ.

އަދި ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސްކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފަޔާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.