ރާއްޖޭގައި ހުރި ވަޒީފާތަކަށް، ދެއަތް އުރާލައިނުތިބެ ޒުވާނުން ނިކުތުން މުހިންމު: ރައީސް

ރާއްޖޭގައި ހުރި ވަޒީފާތަކަށް، ދެއަތް އުރާލައިނުތިބެ ޒުވާނުން ނިކުތުން މުހިންމު: ރައީސް

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2021 10:27
0

ރާއްޖޭގައި ލިބެންހުރި ވަޒީފާތަކަށް، ދެއަތް އުރާލައިނުތިބެ ޒުވާނުން ނިކުތުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހުގެ މުސާސަބަތުގައި ކުޅުދުފުށި ސިޓީގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ޒުވާނުންގެ ދުވަސް ކުރިމަލާފައިވަނީ ޒުވާނުންގެ ކަންމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައިކަމަށާއި، ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީން ހޯދައިދިނުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދުވެސް، ދެއަތް އުރާލައިގެން ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އުޅޭކަމަށާއި، އޭގެ ބޭނުން ހިފައި ގިނަ ބިދޭސީންތަކެއް ރާއްޖޭގައި ވަޒީފާ އަދާ ކުރަމުންދާކަމަށެވެ.

މިއީ އަޅުގަނޑުމެންގެ ޒުވާނުން މިހާރަށް ވުރެ ސީރިއަސް ގޮތެއްގައި ވިސްނަންޖެހިފައިވާ ކަމެއް. ޢާއިލާތަކުން ވެސް އަދި މުޅި މުޖްތަމަޢުވެސް، މިކަމާއިމެދު ވިސްނައި ޙައްލެއް ހޯދަންޖެހޭ މައްސަލައެއް. ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރާނީ، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހިފަން ފެށުމަށް. ކިތަންމެ ކުޑަ ނަމަވެސް އާމްދަނީއެއް ލިބުމަކީ، އެއްވެސް އާމްދަނީއެއް ނުލިބި ހުރުމަށް ވުރެ، އެތައް ގޮތަކުން ރަނގަޅު ކަމެއް. ޤައުމީ ފެންވަރުގައި ވިސްނިޔަސް، އެއީ އެތައް ފައިސާއެއް ރާއްޖޭން ބޭރަށް ނުގޮސް ހިފެހެއްޓޭނެ ކަމެއް. އަދި ޢާއިލާތަކުގެ ފުދުންތެރިކަންވެސް އިތުރުވެގެންދާނެ ކަމެއްކަން ޔަޤީން.

– ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. މިމަސައްކަތުގެ ތެރެއިން މިހާރު ޑްރާފްޓްކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު"ގެ އެންމެ މުހިންމު މަޤްޞަދަކީ، އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތާ، އަދި ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން ކަމުގައެވެ.

މިބިލްގެ އަނެއް އަމާޒަކީ، ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރުން. ޒުވާނުންގެ އުންމީދުތައް ޙަޤީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުޞަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް މި ބިލްގެ ވަރަށް މުހިންމު މަޤްޞަދެއް. މިބިލްގެ ސަބަބުން، ޤައުމު ކުރިއަރުވައި ރާއްޖެއަށް ޝަރަފާއި ފަޚުރު ހޯދައި ދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ޤަބޫލުކުރެވޭ.

– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ އެންމެ މުހިންމު ބޭނުމަކީވެސް، ޤައުމަށް ބޭނުންތެރި ޢިލްމީ ޒުވާނުން ބިނާކުރުން ކަމުގައެވެ. މަސައްކަތުގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ ފުރުޞަތުތައް މިފަހިކޮށްދެނީވެސް، ޤައުމުގެ ތަރައްޤީގައި ބައިވެރިވާނެ ހުނަރުވެރި އަދި ފަންނުވެރި ޒުވާނުން އުފެއްދުމަށް ކަމަށާއި، ހުރިހާ ޒުވާނުންވެސް ވިސްނަންވީ، އުމުރުގެ އެންމެ މުހިންމު ދުވަސްވަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.