ހުޅުމާލޭގައި އޮންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ އިންޓަނޭޝަނަލް ޕޯޓް ނުވަތަ ބައިނަލްއަގްވާމީ ބަނދަރުގައި ސެކިއުރިޓީ އިމާރާތެއް ހުޅުވައިފިއެވެ.
ސެކިއުރިޓީ އިމާރާތް ހުޅުވައިދެއްވީ އެމްޕީއެލްގެ ސީއީއޯ އަލީ ޝާހިދުއެވެ. ޕޯޓްގެ ގޭޓްތައް ރަސްމީކޮށް ހުޅުވައިދެއްވީ ކަސްޓަމްސް ޖެނެރަލް އަބްދުﷲ ޝަރީފްއާއި އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދުވަނީ ފާއިތުވީ 3 އަހަރުތެރޭ ހުޅުމާލެ ޕޯޓުގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮފީސް ޖާގައިގެ ދަތިކަން ހުރިކަން އޭނާ ފާހަގަކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ ޓާމިނަލްގެ ޑިމާންޑު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރަވަމުން ކަމަށާއި، ހިދުމަތް ރަނގަޅުކުރަން ކަސްޓަމަރުން އެދެމުންދާތީވެ އަލަށް ހުޅުވުނު އިމާރާތާއެކު ދެމުންދާ ހިދުމަތްތައް ފުރިހަމަވެ، ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޕޯޓްގެ ސެކިއުރިޓީ ޓާމިނަލްގެ ހެޑް އިބްރާހީމް ރަޝީދު ވިދާޅުވީ، ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް ކްލިއާ ކުރާއިރު ސެކިއުރިޓީ ބެލެހެއްޓުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އެ އިމާރާތާއެކު ސެކިއުރިޓީ ކަންތައްތައް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަފްލާގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދުވަނީ އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގެ އޮފީސް ޢިމާރާތަށް ބިމެއް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. ސުހެއިލް ވިދާޅުވީ ހުޅުމާލޭ ލޯކަލް ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށްވެސް އެމްޕީއެލްއާ ގުޅިގެން މަސައްކަތް ކުރެވެމުންދާކަމަށެވެ. އެގޮތުން ލޯކަލް ޕޯޓު ބޭނުންކުރަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލެއަށް މުދާ ގެނައުމަށްވުމުން، މި ޙިދުމަތް އާއްމުންނަށް ފަސޭޙަކަމާއި އެކު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއްކަމަށް ސުޙައިލް ވިދާޅުވިއެވެ.
މިޙަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢަބްދުﷲ ޝަރީފު ވިދާޅުވީ ކަސްޓަމްސްގެ މައިގަނޑު ޒިންމާތަކުގެތެރޭގައި ޤަވާއިދާ ޚިލާފަށް ތަކެތި އެތެރެވުން ހުއްޓުވުން ހިމެނޭއިރު މިކަމަށްޓަކައި ޒަމާނީ ވަސީލަތްތަށް ބޭނުންވާ ކަމަށެވެ.