މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް ސަރުކާރުގެ އެންމެ ގާތް މިތުރަކީ އިންޑިއާއެވެ. އަދި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާއެކީ ޚާއްސަ ގުޅުމެއް އޮތް ގައުމަކަށް ވުމުގެ އިތުރުން، މިސަރުކާރުން އިންޑިއާއިއެކީ ޚާއްސަ ގުޅުންތަކެއް ބާއްވަމުންދާ ގިނަ ސަބަބުތަކެއް ހުރިކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
މި ގޮތުން ބަލާއިރު، ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް، އޭރުގެ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ހިންގި ސިޔާސީ ހަރަކާތްތަކަށް ބައިނަލް އަގުވާނީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް ގައުމަކީ އިންޑިއާއެވެ. އޭގެ އެންމެ ބޮޑު ސަބަބަވެގެން ދިޔައީ، މި ސަރުކާރުން މިހާރު އިންޑިއާއެކީ ބާއްވަމުންދާ ގުޅުން، އޭރުގެ ސަރުކާރުން އޭރު ޗައިނާއާއެކީ ބާއްވަމުން ދިއުމެވެ.
އޭރުގެ ސަރުކާރުން ގެންގުޅުނުު ޚާރިޖީ ސިޔާސާތުގެ ދަށުން، ޗައިނާއިން ނަގަމުންދިޔަ ތަރައްގީގެ ބޮޑެތި ލޯނުތަކާއި އަދި އުފެދިގެންދިޔަ ވިޔަފާރީގެ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާއަށް އެގައުމުގެ ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރު ކުރަންއޮތް އެންމެ ރަގަޅު "ޗޮއިސް"އަކީ އޭރުގެ އިދިކޮޅު ފަރާތްތައް ކަމުގައި އޭގެ ޒާތުގައި ވެގެން ދިޔައީއެވެ.

އަދި ޚާރިޖީ ގޮތުން، މި ބީދައައިން އިންޑިއާއެކީ އުފެދިގެންދިޔަ މިގުޅުންތަކުގެ އިތުރުންވެސް، މިހާރު އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކާއި، އަދި އުތުރު ތިފަޅުގައި އިންޑިއާއެ އަސްކަރިއްޔާއިން ގާއިމް ކުރަމުންދާ ޑޮކްޔާޑާއި ބަނދަރުގެ މަސައްކަތްތަކާއި، އަދި އައްޑު އަތޮޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމް ކުރަމުންދާ ޕޮލިސް ޓްރެއިންނިން އެކަޑަމީގެ މަސައްކަތްތަކަށް ބަލާލުމުންވެސް، އިންޑިއާއާއި ރާއްޖެއާ ދެމެދު މިވަގުތު އޮތް ގުޅުންތައް ވަރަށްވެސް ރަގަޅަށް ސާފުވާން އެބައޮތެވެ.
އުތުރު ތިލަފަޅު އެއްބަސްވުން، ހަމައެކަނި މިސަރުކާރުގެ އެއްބަސް ވުމެއްތަ؟
މި ސަރުކާރުން އިންޑިއާ ސަރުކާރާ އެކީ ވެފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ވެގެން ގޮސްފައިވަނީ، މިހާރުގެ އިދިކޮޅު ފަރާތްތަކުން މި ސަރުކާރާ ދޭތެރޭ ކުރަމުންދާ އެންމެ ބޮޑު އެއް ޝަކުވާ ކަމުގައެވެ. މީގެ ތެރެއިންވެސް، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދޭތެރޭ އޮތް އެންމެ ބޮޑު ޝަކުވާއަކީ، މި ފަޅުގައި ތަރައްގީ ކުރަމުންދާ ޑޮކްޔާޑު ތަރައްގީކޮށް، އަދި މީގެ އިތުރުންވެސް މި ސަރަހައްދު ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު ވެވެނު އެއްބަސްވުން އާންމު ނުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމެވުމެވެ.
އަދި މި އެއްބަސްވުމުގެ ޒަރީއާއިން އުތުރު ތިލަފަޅުގައި، ދާއިމީ ގޮތެއްގައި އިންޑިއާ ސިފައިން ތިބުމުގެ ފުރުސަތު އޮތްކަމުގެ ތުހުމަތުތަކާއި، އަދި މީގެ އިތުރުންވެސް މިނިވަންކަމާއި އިސްތިގުލާލު ސަރުކާރުން ގުރުބާން ކޮށްފައިވާ ކަމުގެ ތުހުމަތުތަކެވެ.
އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މައްޗަށް ކުރަމުންދާ މި ތުހުމަތުތައް އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާއި ގުޅިވާފައިވާއިރު، މި އެއްބަސްވުމުގެ އަސްލާމެދު ފުންކޮށް ނަޒަރެއް ހިންގާލާއިރު، މި އެއްބަސްވުުގެ ހަގީގީ ބިންގާ އަޅާފައި އޮތީ މިސަރުކާރުން ނޫން ކަމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންވަނާ ސަފީރު ސަންޖޭ ސުދީރު ދާދި ފަހުން ވަނީ ވިދާޅުވެއެވެ.
މިގޮތުން ފާހަގަ ވާން އޮތްކަމަކީ، ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމަށްފަހު، ރައީސް ޔާމިންވެސް އިންޑިއާއާ އެކީ އެކުވެރި ގުޅުމެއް ގާއިމް ކުރުމުގެ ގޮތުން އިންޑިއާއަށް ވަޑައިގެން، އެގައުމުގެ އޭރުގަވެސް، މިހާރުގެވެސް ބޮޑުވަޒީރު މޯޑީއާއި ބައްދަލު ކުރައްވާފައިވާ ކަމެވެ.

އަދި މިބައްދަލުވުން ތަކުގައި ވެވުނު މަޝްވަރާތަކުގެ މައްޗަށް، އޭރުގެ ސަރުކާރުންވެސް އިންޑިއާއައެކީ ދިފާއީ އެކްޝަން ޕްލޭނެއް އެކުލަވާ ލައްވާފައި ވެއެވެ. އަދި މި އެކްޝަން ޕްލޭންގެ މައުލޫމާތު އެގިތިބި ބައެއް ފަރާތްތަކުން މިއަދު ވިދާޅުވާ ގޮތުގައި، މިސަރުކާރުންވެެސް އުތުރު ތިޅަފަޅު ތަރައްގީކުރުމަށް އެކުލަވާލި އެއްބަސްވުމާއި، އަދި އިންޑިއާ ސަރުކާރާއެކީ މިއަދު ބާއްވަމުންގެންދާ ދިފާއީ ގުޅުންތަކުގެ ތެރޭގައި، މި އެކްޝަން ޕްލޭންގައި ނެތްކަމެއް ހިމެނިފައެއް ނެތެވެ.
މީގެ އިތުރުންވެސް ޑިފެންސް މިނިސްޓްރީގެ އިމާރާތެއް އެޅުމާއި، މާފިލާފުޅީ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު ބޮޑު ކުރުމާއި، އޭރު އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރާއި، ފަހުން ހަދިޔާ ކުރި ޑޯނިއާ މަތިންދާ ބޯޓާއި، ހައިޑްރޯ ގްރަފީ ސާވޭގެ އެއްބަސްވުމާއި އަދި މީގެ އިތުރުން، އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަދަރެއް ތަރައްގީ ކުރުމުގެ އެއްބަސްވުންވެސް މި ސަރުކާރުން ކުރިޔަށް ގެންދަނީ ހަމަ ރައީސް ޔާމިންގެ ސަރުކާރުގައި ދެގައުމުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާކުރެވި، އެއްބަސްވެފައިވާ އެކްޝަން ޕްލޭނާ އެއްގޮތަށް ކަމުގައިވެސް، މި ކަންކަމުގެ މައުލޫމާތު އެގިތިބި ފަރާތްތަކުން މިއަދު ގެންދަވަނީ ވިދާޅު ވަމުންނެވެ.
އެހެންނަމަވެސް މިއިން އެއްވެސް އެއްބަސްވުމެއް (އެ ސަރުކާރުން އިންޑިއާ ސަރުކާރާއެކީ ވި އެކްޝަން ޕްލޭން އެއްބަސްވުމާއި، މި ސަރުކާރުން އިންޑިއާ ސަރުކާރާ އެކީ ސޮއި ކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުމާއި) އަދި މިހާތަނަށް އެއްވެސް ސަރުކާރަކުން އާންމު ކޮށްފައި ނުވާތީ، މިއެއްބަސްވުންތަކުގެ ހަގީގަތެއް، ނުވަތަ އެއްބަސްވުންތަކުގައި ލިޔެވިފައިވާ މާއްދާތަކުގެ އެއްވެސް ތަފްސީލެއް މީޑީއާތަކާ ހަމައަށް ވާސިލް ވެފައެއް ނުވެއެވެ.
އެގެން އޮތްހާވެސް މިންވަރަކީ، ކަމުގެ މައުލޫމާތު އެގިތިބިކަމަށް ބުނާ ފަރާތްތަކުން މި އެއްބަސްވުންތަކާ ގުޅޭގޮތުން ދައްކަވަމުން ގެންދަވާ، މިވާހަކަތަކުގެ ސައްޙަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް މައުލޫމާތުތަކެވެ.

އިންޑިއާ ސަރުކާރަ ދެކޮޅު މުޒާހިރާތައް! މުސްތަގުބަލުގެ ސަރުކާރުތަށް ކުރިމަތިވާނެ ބޮޑު މައްސަލައެއް!
ރާއްޖެއަކީ މިހާތަނަށް ބޭރުގެ ސަރުކާރުތަކާ ދެކޮޅު މުޒާހިރާތައް އާންމުކޮށް ހިގާފައިވާ ގައުމެއް ނޫނެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ ސަރުކާރުން އެއަރޕޯޓު ޖީއެމްއާރަށް ދިގު މުއްދަތަކަށް ކުއްޔަށްދީގެން އިންޑިއާގެ ޖީއެމްއާރު ކުންފުންނާއި އެކު ވެވުނު އެއްބަސްވުމާއި ދެކޮޅު ހެދުމުގެ ގޮތުން އޭރު ކުރިޔަށް ދިޔަ މުޒާހިރާތައްވެސް ކުރިޔަށް ގޮސްފައިވަނީ އޭރުގެ ސަރުކާރާ ދެކޮޅަށެވެ. ޖީއެމްއާރު ކުންފުނި ނުވަތަ އިންޑިއާ ސަރުކާރާ ދެކޮޅަކަށް ނޫނެނެވެ.
އެހެންނަމަވެސް، މިއާ ޚިލާފަށް، މިހާރު އިންޑިއާ ސަރުކާރާ ދެކޮޅު މުޒާހިރާތައް ކުރިޔަށް މިދަނީ، އިސްތިއުމާރީ ބާރަކުން ދިވެހިރާއްޖެ ހިސާރު ކޮށްފައި އޮވެގެން، އޭގެ އަޅުވެތި ކަމުން ގައުމު މިންޖު ކުރުމަށް ގޮވާލާ ބީދައިންކަން ފާހަގަ ކޮށްލަން ޖެއެވެ. މިއީ ދުނިޔޭގެ މަދު ގައުމެއްގައި މެނުވީ ހިނގަމުންދާ ޒާތުގެ މުޒާހިރާތަކެއް ނޫނެވެ.
މިގޮތުން ކުރެވޭ މުޒާހިރާތަށް މިހާރު މިސްރާބު ހިފާފައިވާ އަމާޒުތަކަށް ބަލާއިރު، މި މުޒާހިރާތައް މިހާރު މޭރުން ކުރެވެމުންދަނީ، ދިވެހި ސަރުކާރުން ހަދާއިގެން އުޅޭ ގޯސްތައް ހާމަކޮށް މިސަރުކާރާ ދެކޮޅަށް ކުރެވޭ މުޒާހިރާތަކަށްވުރެވެސް ބޮޑަށް، ގަދަބާރުން ރާއްޖެއަށް އަރާ އޮތް އިސްތިއުމާރީ ބާރެއް ރާއްޖެއިން ބޭރުވުމަށް ގޮވާލާ މުޒާހިރާ ތަކެއްގެ ގޮތުގައިވެސް މެއެވެ.

ކޮންމެއަކަސް އުތުރު ތިލަފަޅު އެއްބަސްވުން މިސަރުކާރުން ހާމަނުކޮށްގެން، ބޭރުގެ ދައުލަތަކާއި ދެކޮޅަށް މާލޭ މަގުތަކުގައި ބޮޑެތި މުޒާހިރާތަށް ،މިއަދު ކުރިޔަށް ދާއިރު، މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިއީ މިސަރުކާރުގެ އިތުރުން، ރާއްޖޭގެ މުސްތަގުބަލުގެ ސަރުކާރުތަކަށްވެސް ކުރިމަތި ވެދާނެ ޚާރިޖީ އަދި ތަރައްގީގެވެސް ބޮޑު މައްސަކައަކަށް ވެގެންދާނެއެވެ.
ސަބަބަކީ، އިންޑިއާއިން ގަދަ ބާރުން ރާއްޖެ އިސްތިއުމާރު ކޮށްގެން އުޅޭ ގޮތަށް މޭރުންކޮށް، ބޭރުގެ ދައުލަތަކާ ދެކޮޅަށް ކުރެވޭ މުޒާހިރާތަކުން، މުސްތަގުބަލުގައި ބޭރުގެ ދައުލަތްތަކުން ރާއްޖެފަދަ ކުޑަ ގައުމަކާ އެކީ ބާއްވާނޭ ގުޅުންތަކާއި އަދި ހުދޫތައް ކަޑަައެޅުމުގެ ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު ވެގެން ދާނޭކަން، މިއަދު ކަން ހިގަމުންދާ ގޮތުން ގިނަބަޔަކަށް ގަބޫލު ކުރެވެމުން ދާތީއެވެ.
ކޮމެންޓު ފޮނުވާ