މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޤައުމީ ޒުވާނުންގެ ދުވަހުގެ ތަހުނިތާ ރާއްޖޭގެ ޒުވާނުންނަށް ފޮނުވައި ނާއިބް ރައީސް ކުރެއްވި ޓުވީޓުގައި ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި، ހިއްސާ ލިބެމުންދަަކަށްޓަކައި ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. ނާއިބް ރައީސް ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި، މަސައްކަތުގެ ހުނަރާއި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތައް ހޯދައި ދުނުންކަމަށެވެ. އެކަން ކުރުމުގައި ސަރުކާރު ދެމި އޮންނާނެކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން. ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާއަށް ޝުކުރު ދަންނަވަން. މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި މަސައްކަތުގެ ހުނަރާއި ރަނގަޅު އާމްދަނީ ލިބޭނެ މަސައްކަތްތައް ހޯދައިދިނުމަށް މަގު ފަހިކުރުން.
– ނާއިބް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޒުވާނުންގެ ދުވަހަކީ ނޮވެމްބަރުމަހުގެ ސަތާރަވަނަ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާ އިއުލާން ކުރައްވާފައިވަނީ، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވާފައި ވަނީ އޮކްޓޫބަރުމަހުގެ 22 ވަނަދުވަހެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވީ މިދުވަހަކީ، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ މީގެ 13 އަހަރު ކުރިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން ފާސްކުރެއްވި ތާރީޚީ ދުވަހަށްވާތީއެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކިސަރަހައްދުގައި ތަފާތު ގިނަ ހަރަކާތް ތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދަނީ ހދ. ކުޅުދުއްފުށީގައިއެވެ. ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓިގައި ގިނަ ހަރަކާތް ތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިމަހުގެ 10 ވަނަދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާމަޔަށް މިދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދުވަހާ ގުޅިގެން ޚާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި 18 ފަރާތަކަށްް ޔޫތު އެވޯޑް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ