މީހަކު މަރުވުމަށް ފަހު އޭނާއަށްޓަކައި ދިރިތިބީންނަށް ކޮށްދެވޭނެ ކަމެއް އެބަ އޮތްތަ؟

މީހަކު މަރުވުމަށް ފަހު އޭނާއަށްޓަކައި ދިރިތިބީންނަށް ކޮށްދެވޭނެ ކަމެއް އެބަ އޮތްތަ؟

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:

މަރަށް ޙާޟިރުވެފައިވާ މީހާގެ ކައިރީ ޔާސީން ސޫރަތް ކިޔެވުމަށް އައިސްފައިވަނީ ޟަޢީފް ޙަދީޘެކެވެ. މަރަށް ޙާޟިރުވެފައިވާ މީހާ އަށް ޝަހާދަތް ލައިދިނުމަކީ ސުންނަތެކެވެ. މަރުވުމަށްފަހު މީހާ އަށް ފައިދާ ކުރާނޭ ކަންތައްތައް:

މައްޔިތާ މަރުވުމަށްފަހުގައި އޭނާއަށް ފައިދާ ކުރާނެ ކަންތަކުގެ ތެރޭގައި އޭނާއަށް ޓަކައި ކޮށްދެވޭ ހެޔޮ ދުޢާ، ޞަދަގާތް އަދި އޭނާގެ މަތިންވެވޭ ޙައްޖު ހިމެނިގެންވެއެވެ.

މައްޔިތާ އަށް ކޮށްދޭހެޔޮ ދުޢާގެ ފައިދާ ކުރާނެ ކަމުގެ ދަލީލަކީ ކީރިތި ގުރްއާނުގެ ޙަޝްރު ސޫރަތުގެ 10 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (والذينجاؤوامنبعدهميقولونربنااغفرلناولإخوانناالذينسبقونابالإيمان) މާނައަކީ: "އަދި އެއުރެންގެ ފަހަތުން އަންނަ މީހުން ބުނެތެވެ.  އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފާފަ ފުއްސަވައި، މަޣްފިރަތު ދެއްވާފާންދޭވެ. އަދި އަޅަމެންނަށްވުރެ ކުރީން އީމާންކަންމަތީ ދެމިތިބި އަޅަމެންގެ އަޚްތަކުންނަށްވެސް ފާފަފުއްސަވައި މަޣްފިރަތު ދެއްވާފާންދޭވެ. އަދި އަޅަމެންގެ ހިތްތަކުގައި އީމާންވެއްޖެ މީސްތަކުންނަށް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮތަ ނުދެއްވާފާންދޭވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އިބައިލާހީ ނުހަނު އޯގާވެރި، ރަޙީމުވަންތަ، އިލާހެވެ".

މަރުވެ ގޮސްފައިވާ އަޚާއަށް ފާފަ ފުއްސަވާ ދެއްވުމަށާއި ޘާބިތުކަން ދެއްވުމަށް ދުޢާ ކޮށްދޭން ރަސޫލާވަނީ އިރުޝާދު ދެއްވާފަ

މައްތިޔަކު ވަޅުލާ ނިމުނު ތަނުން ކީރިތި ރަސޫލު ﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (استغفروالأخيكمواسألوالهالتثبيتفإنهالآنيسأل) މާނާއަކީ: "ތިޔަބައިމީހުންގެ އަޚާގެ ފާފަ ފުއްސަވާ ދެއްވުމަށާއި ޘާބިތުކަން ދެއްވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާ އާއި ސުވާލު ކުރެވޭނެއެވެ". އަދިވެސް ޙަދީޘް ކުރެއްވިއެވެ. (إذاصليتمعلىالميتفأخلصوالهالدعاء) މާނައަކީ: "ތިޔަބައިމީހުން މައްޔިތާ އަށް ޓަކައި އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްދޭށެވެ".

މައްޔިތާއަށް ފައިދާ ކުރާނެ ދެވަނަ ކަމަކީ އޭނާގެ މަތިން ކުރެވޭ ޞަދަގާތެވެ. އޭގެ ދަލީލަކީ އުއްމުލް މުއިމިނީނަ ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أنرجلاقالللنبيصلىاللهعليهوسلمإنأميافتلتتنفسهاولمتوصيوأظنهالوتكلمتتصدقتأفلهاأجرإنتصدقتعليهافقالالنبيصلىاللهعليهوسلم : نعم) މާނައަކީ: " މީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. އަޅުގަޑުގެ މަންމަ ވަޞިއްޔަތެއް ނުކޮށް ނިޔާވެއްޖެއެވެ. މަންމާ ވާހަކަ ދެއްކި ނަމަ ޞަދަގާތް ކުރުމަށް ވަޞިއްޔަތް ކުރާނެކަމަށް ވަރަށް ބޮޑަށް ހީވެއެވެ. ދެންފަހު މަންމަގެ މަތިން އަޅުގަޑު ޞަދަގާތްކޮށްފިނަމަ އޭގެ އަޖްރު (ޘަވާބު) މަންމަ އަށް ލިބޭނެހެއްޔެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ".

ދުނިޔޭ ދޫކުރާ އަޚުންނަށްޓަކާ ދިރިތިބީން ކުރާ ބައެއް ހެޔޮ އަމަލްތަކުގެ ފައިދާ ކުރޭ

މާތް ﷲ ރުއްސުންލެއްވި ސަޢުދު ބިން ޢުބާދާ ގެ ކިބައިން ރިވާވެގެންވެއެވެ. (أنأمهتوفيتوهوغائبفقال : يارسولاللهإنأميماتتوأناغائبفهلينفعهاإنتصدقتعنهافقال : نعم،فقال : أشهدكأنحائطيالمخرافصدقةعنها) "މާނައަކީ: އެކަލޭގެފާނު ރަށުގައި ނޫޅުއްވަނީސް މަންމާފުޅު ދުނިޔެ ދޫކުރައްވައިފިއެވެ. ދެންއެކަލޭގެފާނު މިޚަބަރު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެއްވައި ވިދާޅުވިއެވެ. ތިމަންނާގެ މަންމަގެ މަތިން ޞަދަގާތްކޮށްފިނަމަ މަންމަ އަށް އޭގެ ފައިދާ ކުރާނެތޯއެވެ. ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ"، އެހިނދު ސަޢުދު ވިދާޅުވިއެވެ. "ކަލޭގެފާނު ހެކިކުރައްވާ ވިދާޅުވަމެވެ. "މިޚްރާފް" އޭ ކިޔާ ތަނުގައިވާ ދެކަދުރު ދަނޑު މަންމަގެ ނަމުގައި ޞަދަގާތްކޮށްފީމެވެ".

މައްޔިތާއަށް ފައިދާ ކުރާނެ ތިންވަނަ ކަމަކީ އޭނާގެ މަތިން ޙައްޖުވުމެވެ. މިކަމުގެ ދަލީލަކީ ޞަޙާބީއަކު މަރުވެފައިވާ މަންމަގެ މަތިން ޙައްޖު ވުމާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލު ކުރުމުން ޙަދީޘް ކުރެއްވިއެވެ. (أرأيتلوكانعلىأمكدينأكنتقاضيته ، قالت : نعمقال : فديناللهأحقبالقضاء) މާނައަކީ: "ތިބާގެ މަންމަގެ ދަރަންޔެއް އޮތްނަމަ އަދާކުރާނަން ހެއްޔެވެ؟ ޞަޙާބީ ދެންނެވިއެވެ. "އާދޭހެވެ"، ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ މައްޗަށްވާ ދަރަނި އަދާކުރުން މާ ޙައްގުކަން ބޮޑެވެ".

އަލްއިމާމުއް ނަވަވީ-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތަންބޭނުން މީހާ އެމީހުންގެ ނަމުގައި ޞަދަގާތް ކުރާހުށިކަމެވެ. ހަމަކަށަވަރުން މަރުވެފައިވާ މީހުންގެ ނަމުގައި ކުރާ ޞަދަގާތުގެ ޘަވާބު އެބައިމީހުންނަށް ލިބޭނެކަމާއި މެދުގައި މުސްލިމުންގެ މެދުގައި ޚިލާފެއްނެތެވެ.

މައްޔިތާގެ މަތިން ނަމާދު ކުރުމާއި ރޯދަ ހިފުމާއި ބެހޭގޮތުން ޝާފިޢީ މަޛްހަބު ގެ ޢިލްމުވެރިންނާއި އެހެނިހެން މަޛްހަބު ތަކުގެ ގިނަ ޢިލްމުވެރިން ދެކިލައްވަނީ އެކަމުގެ ސަބަބުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެ ކަމަށެވެ. ނަމަވެސް މައްޔިތާގެ މައްޗަށް ވާޖިބުވެފައިވާ ރޯދައެއް ނުހިފި ވާނަމަ ހިފުމަކުން މައްސަލައެއް ނެތް ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ.

މައްޔިތާގެ މައްޗަށް ގުރްއާން ކިޔެވުމުގެ މައްސަލާގައި ބައެއް ޢިލްމުވެރިން ދެކިލައްވަނީ އެކަމުން މައްޔިތާ އަށް ޘަވާބު ލިބޭނެ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ދެކިލައްވަނީ އެކަމުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެކަމަށެވެ. ނަމަވެސް މިކަމުގައި ހަނދާން ކުރަން ޖެހޭނެ ކަމަކީ ރާއްޖޭގެ ޢާދަކާދާގައިވާ ފަދައިން ބަޔަކުމީހުންނަށް އަގުދީގެން ގުރްއާން ކިޔެވުމަކުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެއެވެ. ސަބަބަކީ އެބައިމީހުން ކިޔަވާނީ އިޚްލާޞްތެރިކަމާއި އެކުގައި ނޫންކަމަށްވާތީވެއެވެ. އެބައިމީހުންނަށް ލިބޭ ފައިސާގެ ބޭނުމުގައި ކަމަށްވާތީވެއެވެ. މައްޔިތާއަށް ދުޢާކޮށް ދިނުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރުކުރައްވަމުން ޙަދީޘް ކުރެއްވިއެވެ. (إذاصليتمعلىالميتفأخلصوالهالدعاء) މާނައަކީ: "ތިޔަބައިމީހުން މައްޔިތާ އަށް ޓަކައި އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްދޭށެވެ". އެހެންކަމުން އިޚްލާޞްތެރި ކަމެއްނެތި ކޮށްފި ކަމަކުން ފައިދާ އެއް ނެތެވެ.

މަރުވެދާ މުސްލިމް އަޚާގެ ޖަނާޒާ ބޭއްވުމަކީ ދިރިތިބީންގެ މައްޗަށް އޮތް ވާޖިބެއް

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ހުރިހާ އަޅުކަމަކުންވެސް މައްޔިތާ އަށް ފައިދާ ކޮށްދެވޭނެއެވެ. އެއީ ނަމާދު ކުރުންކަމުގައިވީނަމަވެސް، ރޯދަހިފުން ކަމުގައިވީނަމަވެސް ނުވަތަ ގުރްއާން ކިޔެވުން ކަމުގައިވީނަމަވެސް އެވެ. ނަމަވެސް މިކަންތަކަކީ ޢިލްމުވެރިން ގެ މެދުގައި ޚިލާފު ހުރި ކަންތަކެވެ. ޚިލާފެއްނެތި ދަންނަބޭކަލުން ގެ އިޖްމާޢުން މައްޔިތާ އަށް ފައިދާ ކުރާނެ ކަންތަކަކަކީ ހެޔޮ ދުޢާ އާއި ޞަދަގާތް އަދި ޙައްޖުވުމެވެ.

މައްޔިތާ އަށް ޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ ގިނަ ގިނައިން ހެޔޮ ދުޢާ ކޮށްދިނުމެވެ.  މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَقُلْرَّبِّارْحَمْهُمَاكَمَارَبَّيَانِيصَغِيرًا) މާނައަކީ: "އަދި ބުނާށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ކުޑަކުޑަ ކުއްޖަކު ކަމުގައި ތިމަންވީ ދުވަހު ތިމަންގެ ޙާލު ބަލައި ބޮޑުކުޅަފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވައިފާންދޭވެ".

(ސޫރަތުލް އިސްރާގެ 24 ވަނަ އާޔަތް).

ރަސޫލު ﷲ – ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَامَاتَالإِنْسَانُانْقَطَعَعَنْهُعَمَلُهُإِلامِنْثَلاثَةٍإِلامِنْصَدَقَةٍجَارِيَةٍأَوْعِلْمٍيُنْتَفَعُبِهِأَوْوَلَدٍصَالِحٍيَدْعُولَهُ) މާނައަކީ: "އިންސާނާ  މަރުވެއްޖެނަމަ ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ނުވަތަ ފައިދާ ކުރަނިވި ޢިލްމެއް ނުވަތަ ދުޢާކޮށްދޭނެ ޞާލިޙް ދަރިއެކެވެ".

ސާޅީސްވުމުން ކެއްކުމާއި، ޞަލަވާތްފުޅުކިޔެވުމާއި، މިފަދަ ކަންތަކަކީ ސުންނަތުން ޘާބިތުވާން ހުރި ކަންތަކެއް ނޫނެވެ. والله أعلم

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފުގެ ލިޔުއްވުމެކެވެ. ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ، ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *