އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރިހަމަ ރިޔާސީ ނިޒާމެއް އޮތް އެއްގައުމުގައި މިއަދު ދެންނެވިދާނެއެވެ. ސަބަބަކީ އެގައުމުގެ ރިޔާސީ ނިޒާމުގައި ބާރުތައް ވަކިވެފައި އޮންނަ ގޮތާއި، އަދި އެއްބާރު އަނެއްބާރަށް ފާރަވެރިވުމުގެ އިތުރުން ރައީސުލްޖުމުހޫރިއްޔާއަކު އިންތިޚާބު ކުރުމަށްފަހު މަގާމަށް އިސްކުރެވޭ ބޭފުޅަކު މަގާމުގެ ބޭނުން ކުރުމުގައި ކަޑައެޅިފައި އޮންނަ އިންތަކާއި މިންތައް ދުނިޔޭގެ އެހެން ގިނަގައުމު ތަކާއި ތަފަތުތަކެއް ހުރުމެވެ.
ދެހާސް އަށް ވަނަ އަހަރު ރާއްޖެ ބަލައިގެންފައިވާ އާގާނޫނު އަސާސީން އެކަށައެޅި ރިޔާސީ ނިޒާމުގެ ވަރަށް ގިނަ ސިފަތައް ބައްޓަންވެފަ އޮތީވެސް އެމެރިކާގެ ރިޔާސީ ނިޒާމުގަވެސް އެއުސޫލުތައް ބައްޓަންވެފަ އޮތް ގޮތާއި ނުހަނު އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަދި ވަކިން ޚާއްސަކޮށް އެމެރިކާގެ ޑިމޮކްރަސީގައި ދައުރު ބަދަލުވުމުގެ މަރުހަލާއަކީ ފާއިތުވެދިޔަ ދުވިސައްތަ ވަރަކަށް އަހަރުދުވަހުގެ އެގައުމުގެ ޑިމޮކްރަސީއަށް ބަލާއިރުވެސް، ސުލްހަވެރިކަމާއިއެކު ކުރިޔަށް ގޮސްފައި އޮތް މަރުހަލާ (ސްމޫތް ޓްރާންސިޝަން) އަކަށް ވާތީވެ، އެ ސުލްހަވެރިކަމުގެ މައްޗަށް އެމެރިކާގެ ޑިމޮކްރަސީގެ ސުލްހަވެރިކަމުގެ މައިގަޑު އަސާސްތައް ވަރަށްބޮޑަށް ބިނާވެފައި ވެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބުތަކަށްފަހު، އިދިކޮޅު ޕާޓީތަކުން ނަތީޖާ ބަލައި ނުގަތުން ނުވަތަ، ހުންނަވާ ރައީސަކު ވެރިކަން ދޫކުރެއްވުމަށް ދެކޮޅުހެއްދެވުން މިއީ އާންމުކޮށް ފެންނާން ހުރި ކަންކަމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމުތަކުގައި ޒަމާންތަކަށް ދިގުދެމިގެންދާ ތަޅާ ފޮޅުމާއި ހަމަނުޖެހުންތައް ހިގާ، މިފަދަ ބައެއް ހަމަނުޖެހުންތައް، ނިމުމެއްނުވާ ނަސްލީ ހަގުރާމަތަކަށް ބަދަލުވެގެން ގޮސްފައިވެސް އެބަހުއްޓެވެ.
އެހެންނަމަވެސް، އެމެރިކާގެ މި ފުރިހަމަ ކަމަށް ބުނެވޭ ޑިމޮކްރަސީގައިވެސް، ފުރިހަމަ ނޫންކަމަށް ގިނަބަޔަކު ގަބޫލުކުރާ އެތައްކަމެއް ހުރިކަންވެސް ގަބޫލުކުރަން ޖެހެއެވެ. މީގެތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލަން ޖެހެނީ އެގައުމުގެ ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކާ ލެވޭ ވޯޓުގެ ނަތީޖާ ހިސާބުކުރުމުން ނިކުންނަ ނަތީޖާއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނެރެނީ މުޅި ގައުމުގައި ވޯޓުލާ މީހުންގެ ނިސްބަތުން އެންމެ ކުރި ހޯދާމީހަކު އިންތިޚާބު ކާމިޔާބު ކުރާ އުސޫލުންނެއް ނޫނެވެ. މާނައަކީ ޕޮޕިއުލާރ ވޯޓުން ކުރި ހޯދާ މީހާއަށް އިންތިޚާބު ކާމިޔާބު ނުކުރެވިދާނެއެވެ. ނުކުރެވިފައިވެސް އެބަހުއްޓެވެ.
2016 ވަނަ އަހަރު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަކޮށް ހިލަރީ ކްލިންޓަނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ މިހާލަތެވެ. އެއަހަރުގެ ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަން ޑޮނަލްޑް ޓްރަމްޕަށްވުރެ 2.9 މިލިއަން ވޯޓު އިތުރަށް ހޯއްދެވިއެވެ. އެހެންނަމަވެސް އިންތިޚާބު ކާމިޔާބު ކުރައްވާ އެމެރިކާގެ ރައީސްކަމަށް ވަޑައިގެނެވީ ޑޮނަލްޑް ޓްރަމްޕެވެ.
2000 ވަނަ އަހަރު ރައީސްކަމަށް ވަޑައިގެންނެވި ޖޯޖް ޑަބްލިއު ބުޝް އެމެރިކާގެ ރައީސްކަން ކާމިޔާބު ކުރެއްވީ ބުޝްއާއި ވާދަކުރެއްވި އަލްގޯއަށްވުރެ 543،893 ވޯޓު މަދުން ހޯއްދަވައިގެންނެވެ. އެހެންމަވެސް އެންމެ އިލެކްޓޯރަލް ވޯޓެއް އިތުރަށް ހޯއްދަވައިގެން އިދިކޮޅުން ވާދަކުރެއްވި އަލްގޯގެ މައްޗަށް ކާމިޔާބު ހޯއްދަވާ އިންތިޚާބު ކާމިޔާބު ކުރެއްވީ ބުޝްއެވެ.
އިލެކްޓޯރަލް ކޮލެޖް
އެމެރިކާގެ އިންތިޚާބީ މަރުޙަލާ ތަކުގައި އިލެކްޓޯރަލް ކޮލެޖް ނިސްބަތްކުރަނީ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށްޓަކާ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، އެމެރިކާގެ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން، ވޯޓުލުމަށް ހަމަޖައްސާފައި ތިބޭ މަންދޫބުންގެ ގްރޫޕަކަށެވެ.
އެމެރިކާގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާން ކުރެވިފައިވަނީ، އެމެރިކާގެ ކޮންމެ ސްޓޭޓަކުންވެސް، މިމަންދޫބުން އެ ސްޓޭޓޭއްގެ ގާނޫނުތަކުގައި ކަޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން "އައްޔަން" ކުރަންޖެހޭނެ ކަމަށެވެ. އަދި މިގޮތުން އެމެރިކާގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށްޓަކާ އައްޔަން ކުރާ މިމަންދޫބުންނަކީ އެމެރިކާގެ ސަރުކާރުގެ އެއްވެސް މަގާމެއް (އެއީ އިންތިޚާބީ މަގާމަކަށް ވިޔަސް، ނުވަތަ އައްޔަން ކުރާ މަގާމަކަށްވިޔަސް) އަދާކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި މި މަންދޫބުން ދެމި ތިބެންޖެހޭނީ ހަމައެކަނި ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ޚާއްސަކުރެވޭ މަންދޫބުންގެ ގޮތުގައެވެ.
މިގޮތުން މިހާރު އެމެރިކާގައި މުޅި ޖުމްލަ 538 އިންތިޚާބީ މަންދޫބުން އެބަތިއްބެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ މީގެ ތެރެއިން މެޖޯރިޓީ މަންދޫބުންގެ ތާއީދު ނުވަތަ ވޯޓު ލިބޭ ކެޑިޑޭޓަކަށެވެ. އެއީ މީގެތެރެއިން މަދުވެގެން 270 މަންދޫބުންގެ ވޯޓެވެ.
މަންދޫބުންގެ އަދަދު
އެމެރިކާގެ ފަންސާސް ސްޓޭޓުގައި، ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށްޓަކަ މަންދޫބުން އައްޔަން ކުރަނީ ކޮންމެ ސްޓޭޓެއްގަވެސް އޮންނަ 'ސްޓޭޓް ލެޖިސްލޭޗަރ' ނުވަތަ ސްޓޭޓް ފެންވަރުގައި ކަޑައެޅިފައި އޮންނަ ގާނޫނު ހަދާ އޮނިގަޑުގެ ތެރެއިން ހަމަޖައްސާފައި އޮންނަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން އިންތިޚާބީ މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު ލިބިގެން ދަނީ ހަމައެކަނި ސްޓޭޓްތަކަށް އެކަންޏެވެ. ޓެރިޓަރީތަކުގެ ގޮތުގައި ކަޑައެޅިފައި ހުންނަ ސަރަހައްދުތަކަށް މިފުރުސަތު ލިބިގެނެއް ނުދެއެވެ.
މިގޮތުން އައްޔަން ކުރެވޭ އިންތިޚާބީ މަންދޫބުންގެ އަދަދު ކަޑައެޅިގެން ދަނީ އެމެރިކާގެ ސެނެޓުގައާއި އަދި ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގައި އެސްޓޭޓެއް ތަމްސީލު ކުރެވިގެންދާ ނިސްބަތަކުންނެވެ.
މިވަގުތު އެމެރިކާގެ ސެނެޓުގައި 100 ސެނެޓަރުން ތިއްބަވާއިރު، ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގައި 435 ސްޓޭޓް ރެޕްރެސެންޓޭޓިވްސް އިން ތިއްބަވައެވެ.
ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރާގޮތް
އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައ އޮންނަނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރުއެވެ. އިންތިޚާބު ބާއްވާ ދުވަހަކީ ހަތަރު އަހަރުގެ ދައުރު ނިމޭ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަށްފަހު އަންނަ ފުރަތަމަ އަންގާރަ ދުވަހުއެވެ.
މި އަހަރުގެ މިދުވަހައި ދިމާވަނީ މި ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހާއި އެވެ.
އިންތިޚާބުގައި ވޯޓު ލާދުވަހު ވޯޓުލާ ނިމުމަށްފަހު އެމެރިކާގެ ކޮންމެ ސްޓޭޓަކުން އެންމެ ގިނަ ވޯޓު ހޯދާ ކެޑިޑޭޓަކަށް އެސްޓޭޓެއްގައި އިންތިޚާބީ މަންދޫބުން ވޯޓު ދިނުމަށް ކަޑައަޅާފައިވާ އުސޫލުން ވޯޓު ދިނުމުގެ ކަންކަން ހަމަޖައްސާނެއެވެ. ކޮންމެ ސްޓޭޓެއްގައިވެސް ކަޑައެޅިފައި އޮންނަ އާންމު އުސޫލަކީ އެސްޓޭޓެއްގެ ޖުމްލަ ވޯޓުން ކުރި ހޯދާ ކެޑިޑޭޓަކަށް އެ ސްޓޭޓެއްގެ އިންތިޚާބީ ހުރިހާ މަންދޫބުންވެސް ވޯޓު ދިނުމެވެ.
އެހެންނަމަވެސް ސްޓޭޓްތަކުގެ އިންތިޚާބީ މަންދޫބުންނަށް އެސްޓޭޓެއް ކާމިޔާބު ކުރާ ކެޑިޑޭޓަކަށް ވޯޓު ދިނުން ގާނޫނީގޮތުން ލާޒިމްކޮފައި ނޯންނާތީ، ބައެއް ސްޓޭޓްތަކުގައި ސްޓޭޓެއް ކާމިޔާކުރާ ކެޑިޑޭޓަކަށް ވޯޓު ދިނުން ލާޒިމް ކުރުމަށްޓަކާ ސްޓޭޓް ފެންވަރުގައި ގާނޫނުތައްވެސް ހަދާފައި އެބަހުއްޓެވެ.
އެހެންނަމަވެސް، ގާނޫނަކުން ލާޒިމް ކޮށްގެން އިންތިޚާބީ މަންދޫބުން، ސްޓޭޓެއްގެ އެންމެ ގިނަ ވޯޓު ކާމިޔާބު ކުރާ ކެޑިޑޭޓަކަށް ވޯޓު ދިނުމުގެ ބަދަލުގައި، މަންދޫބުން ރައީސަކު އިންތިޚާބުކުރުމަށް ވޯޓު ދެމުން އައިސްފައިވަނީ އެއީ އެމެރިކާގައި އެތައް ޒަމާނެއްވަންދެއް އެކަށައެޅިފައި އޮތް އިންތިޚާބީ ހަމަޔާއި އުސޫލުތަކަށް ވަފާތެރި ވުމުގެ ގޮތުން އެއުސޫލު ދެމެހެއްޓުމަށްޓަކައެވެ.
ރިޔާސީ އިންތިޚާބު ނިމުމަށްފަހު، އެމެރިކާގެ ކޮންމެ ސްޓޭޓެއްގެވެސް އިންތިޚާބީ މަންދޫބުން ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ދެވަނަ ބުދަ ދުވަހާއި ޖެހިގެން އަންނަ ހޯމަ ދުވަހު ވޯޓު ލުމަށްޓަކާ ބައްދަލު ވުމެއް ބާއްވާނެއެވެ. ވޯޓު ގުނުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ކޮންގްރެސްއިންނެވެ. އަދި މި ވޯޓުގެ ނަތީޖާ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އެމެރިކާގެ ސެނެޓާއި އަދި ހައުސް އޮފް ރެޕްރެސެންޓޭޓިވްސް އިން ގުޅިގެން ބާއްވާ ބައްދަލުވުމެއްގައި ކޮންގްރެސަށް ހުށަހެޅޭނެއެވެ.
މި ބައްދަލުވުމުގެ ރިޔާސަރތު ސެނެޓްގެ ރައީސްގެ ހައިސިއްޔަތުން ބަލަހައްޓަވާނީ އެމެރިކާގެ ނާއިބު ރައީސެވެ. މި ބައްދަލުވުގައި އިންތިޚާބީ މަންދޫބުންގެ ވޯޓުން އެއްވެސް ކެޑިޑޭޓަކަށް މެޖޯރިޓީ (207 އިލެކްޓޯރަލް ވޯޓު) ވޯޓާއި ހަމައަށް ވޯޓު ލިބިފައި ނުވާނަމަ، އެބައްދަލުވުން ދެން ބަދަލު ވެގެންދާނީ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމަށްޓަކާ ކުރިޔަށްދާ ސެޝަނަކަށެވެ. ރައީސް އިންތިޚާބު ކުރާނީ ހައުސްއޮފް ރެޕްރެސެންޓިވްސްގައި ވޯޓު ލައިގެންނެވެ. ނާއިބު ރައީސް އިންތިޚާބު ކުރާނީ ސެނެޓުގައި ވޯޓު ލައިގެންނެވެ.
މިގޮތުން މި ސެޝަންގައި ރައީސް އިންތިޚާބު ކުރުމަށްޓަކާ، އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގައި ފަންސާސް ސްޓޭޓްގެ ތެރެއިން ކޮންމެ ސްޓޭޓަކަށްވެސް އެއްވޯޓު ލުމުގެ ހައްގު ލިބިގެން ދާނެއެވެ. އަދި ނާއިބު ރައީސް އިންތިޚާބު ކުރުމަށްޓަކާ ސެނެޓްގައި ތިއްބަވާ ކޮންމެ ސެނެޓަރަކަށްވެސް އެއް ވޯޓުލުމުގެ ހައްގު ލިބިގެން ދާނެއެވެ.
މިގޮތުން އިންތިޚާބު ކުރެވޭ ރައީސްއާއި ނައިބް ރައީސް މަގާމުގެ ހުވާ ކުރައްވާނީ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.