ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލް އުޛްތާޒު އަހުމަދު މުއުތަސިމް އަދުނާނު ތިމާވެއްޓަށް ދެއްވާ އަހައްމިއްޔަތުކަން އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ފާހަގަކުރައްވައިފިއެވެ. އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިކަން ފާހަގަކުރައްވާފައިވަނީ އދ ގެ އާއްމު މަޖިލީހުގެ ސެކަންޑް ކޮމިޓީގެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމިޓީ ބައްދަލުވުމުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން މިނިސްޓަރ ޝާހިދުވަނީ އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރާ ބައްދަލުވެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވިގޮތުގައި، އުއްތަމަ ފަނޑިޔާރު އަބަދުވެސް އޮފީހުގެ ބޮކިތައް ނިއްވާލައްވައި، ދުވާލުގަޑީގައި ކަރަންޓު ބޭނުންކުރެއްވުމުގެ ބަދަލުގައި އިރުގެ އަލިކަން ބޭނުންކުރެވެން އޮތް ކޮންމެ ހިނދެއްގައި ބޭނުންކުރުމަށް އިޚްތިޔާރު ކުރައްވާކަމަށެވެ.
އަދި މިނިސްޓަރ ޝާހިދު ވިދާޅުވީ، އެއީ ކިތަންމެ ކުޑަ ކަމެއްކަމުގައި ވީނަމަވެސް އުއްތަމަ ފަނޑިޔާރު އެކަން ކުރައްވަނީ އެއީ ނުހަނު ބޭނުންތެރި ކަމެއްކަމުގައި ދެކިގެންކަމަށެވެ. މިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިފަދަ ބިލިއަނެއްހާ ކުޑަ އަމަލުތަކެއްގެ ސަބަބުން ބޮޑެތި ނަތީޖާ ނެރެވޭނެކަމެވެ. އާއްމު މަޖިލީހުގެ ރައީސް ޝާހިދުވަނީ އދ.ގައި އަދި ސެކަންޑް ކޮމިޓީގައިވެސް ހަރުދަނާ ބަދަލެއް ގެނައުމަށް މެމްބަރު ގައުމުތަކުން ކިތަންމެ ކުޑަނަމަވެސް ކޮށްދެވެންހުރި ކަންތަކާދޭތެރޭ ވިސްނަވާލެއްވުމަށް އެދިވަޑައިގެންފައެވެ.
މި ކޮމިޓީ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ މުހިއްމު ހަތަރުކަމެއްގެ މައްޗަށް އަލިއަޅުވާފައެވެ. އެއީ ކޮވިޑް ވެކްސިން ލިބުމުގައި ހުރި ދަތިތައް ފިލުވުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަޑުދަނޑިތައް ހާސިލްކުރުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކުން އަރައިގަތުމާއި، އާމްދަނީ މަދުންލިބޭ ގައުމުތަކުގައި އައު ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހުރި ހުރަސްތައް ފިލުވުމާއި، މާލީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހީނަރުކަމުން އަރައިގަތުމަށް ގައުމުތަކަށް މާލީ އެހީތެރިކަމާއި ފައިސާ ލިބުމުގައި ހުރި ދަތިތައް ފިލުވުމުގެ މައްޗަށެވެ.
އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި އޮންނަ އިކޮނޮމިކް އެންޑް ފައިނޭންޝަލް ކޮމިޓީ (ސެކަންޑް ކޮމިޓީ) ގެ ރިޔާސަތު ބަލަހައްޓަވަނީ މޯލްޓާގެ ވެނެސާ ފްރެޒިއަރ އެވެ.
ކޮމެންޓު ފޮނުވާ