ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި ދައުވާ އުފުލާފައިވާ މ. ކުދެހިގެ، އިސްޙާޤުގެ ޝަރީއަތް ސިއްރު ނުކުރަން ނިންމައިފިއެވެ.
މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިސްހާގުގެ ފަރާތުން ވަނީ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެގޮތުން ހާމަކޮށްގެން ކުރިއަށް ގެންގޮސްފިނަމަ މި މައްސަލައިގައި އިސްހާގުގެ ބައިގައި ޝަރީއަތަށް ނޭދެވޭ އަސަރެއް ކުރުމުގެ އިހުތިމާލު ބޮޑުކަމަށް އޭރު ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ބެންޗުން ނިންމަވާފައިވަނީ މިވަގުތަށް އިސްހާގުގެ ޝަރީއަތް ސިއްރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިއްރުން ކުރިއަށް ގެންދަން ޖެހިއްޖެނަމަ އެގޮތަށް ބަދަލު ކުރައްވާނެކަން ގާޒީން ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން، މި މައްސަލައިގައި ދައުވާލިބޭ މީހުންގެ ބަންދު މުރާޖައާ ބައިވެސް ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ކުރިއަށް ގެންދިޔައީ އިސްހާގާއި، ފަހުމީ އަދި ނާޒިމްގެ ބައެވެ. އެ 3 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.
މި މައްސަލައިގައި އިސްހާގުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވުމުން އޭނާގެ ފަރާތުން އެދިފައި ވަނީ ދައުވާތައް އިތުރަށް ސާފުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ވަރަށް ގިނަ ވީޑިއޯ އަދި ލިޔެކިޔުންތައް ހުރުމުން އެތަކެތި ދިރާސާ ކުރުމަށް ވެސް ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ދިފާއީ ވަކީލާއި އެކީ އިސްހާގު އެކުގައި ތިބެ އެތަކެތި ކޯޓުގައި ދިރާސާ ކުރުމުގެ ފުރުސަތު ޝަރީއަތުން ވަނީ ދީފައެވެ.
އިސްޙާޤުގެ މައްޗަށް އުފުލާފައިވަނީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއިި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވައެވެ.
ކޮމެންޓު ފޮނުވާ