މިމަހުގެ 31އިން ނޮވެމްބަރު މަހުގެ 12އަށް އިނގިރޭސިވިލާތުގެ ގްލަސްގޯވްގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެއްޓާބެހޭ ޚާއްސަ ސަމިޓް، ކޯޕް26ގައި ރަޝިއާގެ ރައީސް ޕުޓިން ބައިވެރިވެވަޑައި ނުގަންނަވާނޭކަން ކްރެމްލިން އިން މިއަދު ހާމަ ކޮށްފިއެވެ.
ރަޝިއާގެ ރައީސް މި ސަމިޓްގައި ބައިވެރިވެވަޑައި ނުގަތުމަށް ނިންމެވި ސަބަބެއް ހާމަކޮށްފައި ނުވިނަމަވެސް، ކްރެމްލިންގެ ތަރުޖަމާން ވިދާޅުވެފައިވަނީ، މޫސަމަށް އަންނަ ބަދަލުތަކަކީ ރަޝިއާއިން އެންމެ ބޮޑު ސަމާލުކަމެއް ދޭކަންތައް ކަމުގައެވެ.
ރަޝިއާގެ ރައީސްގެ މިނިންމެވުންގެ ވެގެންދާނީ، ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ދިއުމާމެދު ދުނިޔޭގެ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވެވެ އެއްހަލަކާހަމައަށް ދަތުރުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކުރިމަތިވެގެންދާނެ ވަރަށްބޮޑު ގޮމްޖެހުމަކަށެވެ.
"ހިތާމައާއެކީ ދަންނަވަން، ޕުޓިން ގްލަސްގޯވްއަށް ވަޑައެއް ނުގަންނަވާނެ،" މޫސުމަށް އަންނަ ބަދަލުތަކަކީ ރަޝިއާއަށް ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވަމުން، ރިޕޯޓަރުންނާ މުޚާތަބްކޮށް ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ.
ކްރެމްލިންގެ ފަރާތުން އާންމުކޮށްފައިވާ މިނިންމުމާ ގުޅޭގޮތުން ޕުޓިން އެއްވެސް ކޮމެންޓެއް އަދި މިހާތަނަށް ކޮށްފައި ނުވިނަމަވެސް، މިމަހުގެ 13ވަނަ ދުވަހު މޮސްކޯގައި ބޭއްވުނު އިންޓަރނޭޝަނަލް އެނަރޖީ ފޯރަމްގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައިވަނީ، ކޯވިޑް19 ކާރިސާއަކީ އޭނާ ތަންތަނަށް ދަތުރު ކުރެއްވުމުގައި ބައްލަވާ އެންމެ މުހިންމު ކަންތައް ކަމުގައެވެ.
"އަހަރެން މި ސަމިޓަށް ދަތުރު ކޮށްފައި ދާނެ ކަމެއް އަދި ޔަގީނެއް ނޫން، އެހެންނަމަވެސް، ކޮންމެވެސް ގޮތަކުން އަހަރެން މިސަމިޓްގައި ބައިވެރިވާނެކަން ޔަގީން،" ޕުޓިން ވިދާޅުވެފައި ވެއެވެ.
ނޮވެމްބަރުމަހު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓްގައި ޗައިނާގެ ރައީސް ޒީ ޖިންގޕިންގވެސް ބައިވެރިވެވަޑައި ގަންނަވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންނަމަވެސް، ޒީ މި ސަމިޓްގައި ބައިވެރި ނުވާނެކަން އަދި ޗައިނާގެ އޮފިޝަލުން ހާމަ ކޮށްފައެއް ނުވެއެވެ.
އޮކްޓޯބަރުމަހުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ބޮޑުވަޒީރު މި ސަމިޓްގައި ބައިވެރވެވަޑައި ނުގަންވާނެކަމަށް ވިދާޅުވުމުން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން ފަހުންވަނީ މި ސަމިޓްގައި ބައިވެރިވެވަޑައި ގަންނަވަން ނިންމަވާފައެވެ.
ކޯޕް26 ސަމިޓަކީ، ޕެރިހުގައި 2015ވަނަ އަހަރު ބޭއްވުނު ތިމާވެއްޓާބެހޭ މަޝްވަރާތަކަށްފަހު ބޭއްވިގެންދާ މިފަދަ އެންމެ ބޮޑު ތިމާވެށީގެ ބައްދަލުވުމެވެ.
މި ސަމިޓްގައި ދުނިޔޭގެ 200އަށްވުރެ ގިނަގައުމުތަކުން، 2030 އަންނަންވާއިރަށް، ގެދަބުޅި ޖައްވަށް ދޫކުރާ މިންވަރު މަދުކުރުމަށް އެގައުމުތަކުން ކުރާ ޕްލޭންތައް ހުށަހަޅަން ޖެހެއެވެ.
މިގޮތުން ސަމިޓްގައި ބައިވެރިވާ ގިނަ އޮބްޒާވަރުން މިހާރުވެސް ތިބީ، ރަޝިއާއި އަދި މިނޫނަސް ޖައްވަށް ގެދަބުޅި އެންމެ ގިނައިން ދޫކުރާ ގައުމުތަކުން ހުށަހަޅާނޭ ޕްލޭތްތައް ދެނެގަތުމުގެ އިންތިޒާރުގައެވެ.
ކޮމެންޓު ފޮނުވާ