ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް އެޗްއާރުސީއެމްއިން ކަނޑައަޅައިފިއެވެ.
އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޮމިޝަނުން ތަޙްޤީޤު ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ އިތުރުންވެސް ގުޅުންހުރި އެހެން ޤޫނުތަކާއި އެކި މުއާހަދާތަކަށް ރިޢާޔަތްކުރާއިރު އެތަނަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ފާހަގަވެފައިވާކަމަށެވެ.
އަދި ކޮމިޝަނުން 2020 ނޮވެމްބަރު މަހު ހިންމަފުށީ އައްސޭރި ޖަލަށް ކުރި ޒިޔާރަތުގައި އައްސޭރި ޖަލުގައި ބިނާކުރަމުންދާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށްއޮތް 3 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދީފައިވާކަމަށެވެ.
ނަމަވެސް މިއަހަރު ސެޕްޓެމްބަރު މަހު ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރިއިރުވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާތީ، މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށާއި، އެ ތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް އެޗްއާރުސީއެމްއިން ވަނީ ކަރެކްޝަނަށް އަންގާފައެވެ.
މި އެންގުމުގައި، ކ.ހިންމަފުނީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޕްލޭނެއް މިމަހުގެ 24 ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށްވެސް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ