މެސީގެ 2 ގޯލުން ޕީއެސްޖީ މޮޅުވެއްޖެ

މެސީގެ 2 ގޯލުން ޕީއެސްޖީ މޮޅުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2021 08:14
0

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ގްރޫޕް އޭގައި ހިމެނޭ ޕީއެސްޖީ މެސީ ކާމިޔާބު ކުރި ގޯލުން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ އާރްބީ ލައިޕްޒީގް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ޕީއެސްޖީ މޮޅުވިއިރު އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން މި މެޗުގައި ނުކުޅެއެވެ. މީގެތެރޭގައި ނޭމާ ހިމެނެއެވެ. އޭނާއަށް މި މެޗު ގެއްލުނީ ބްރެޒިލް ގައުމީ ޓީމާއެކު ހޭދަކުރި މުއްދަތުގައި އަނިޔާވުމުންނެވެ. އަދި ފޯވާޑް މައުރޯ އިކާޑީ އާއިލީ ޗުއްޓީއެއްގައި ހުރިއިރު ސާޖިއޯ ރާމޯސް އަދިވެސް އަނިޔާއިން ރަނގަޅުނުވެއެވެ.

މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖޫލިއަން ޑްރެކްސްލާ ދިން ޕާހަކުންނެވެ. މި ލަނޑަށްފަހު އާރުބީ ލިޕްޒިގް ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ޕީއެސްޖީއަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ޕީއެސްޖީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޑްރޭ ސިލްވާއެވެ. އަދި ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެންޖެލީނޯ ނަގައިދިން ހުރަހަކުން ނޯޑީ މުކިއޭލޭ ލަނޑެއް ޖަހައި، ލައިޕްޒީގަށް ލީޑު ނަގައިދީފައެވެ.

ނަމަވެސް މި ލަނޑު ޖެހިތާ ދިހަ މިނެޓުފަހުން ލިއޮނަލް މެސީ ވަނީ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ޕީއެސްޖީ މޮޅުވި ލަނޑުވެސް ކާމިޔާބުކުރީ މެސީ އެވެ. މިއީ އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިިޔާބުކުރި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގައިވެސް ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މި ބޯޅަ ފޮނުވާލި އެމްބާޕޭއަށް އެ ބޯޅަ ގޯލާއި އަމާޒުކުރެވޭ ގޮތެއް ނުވިއެވެ.

މި މެޗުން މޮޅުވެ ޕީއެސްޖީއަށް ވަނީ 7 ގްރޫޕްގެ އެއްވަނަ ލިބިފައެވެ. ދެވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.