ފުލުހުންގެ މުއައްސަސާގެ އެންމެހައި ކަންކަން ބަލަހައްޓަވާނީ ހޯމް މިނިސްޓްރީން: ރައީސް އޮފީސް

ފުލުހުންގެ މުއައްސަސާގެ އެންމެހައި ކަންކަން ބަލަހައްޓަވާނީ ހޯމް މިނިސްޓްރީން: ރައީސް އޮފީސް

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2021 05:33
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ޚިދުމަތުގެ އެންމެހައި ޒިންމާތަކާިއ މަސްއޫލިއްޔަތު ބަލަހައްޓަވާނީ ހޯމް މިނިސްޓްރީން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ ދަށުން އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"އަކީ، ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާންކުރާތީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސް"، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ އޮތް އޮތުން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނައުމަށް ރައީސް ވިދާޅުވެފައިވާކަމަށެވެ.

އަދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް"އަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި 27 މާރިޗު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެންމިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

ކުރީގެ ޤާނޫނުގައި ބުނާގޮތުން ފުުލުހުންގެ އެންމެހާ މަސްއޫލިއްޔަތެއް ބަލަހައްޓާނީ ހޯމް މިނިސްޓްރީންނެވެ. ނަމަވެސް މިހާރުގެ ޤާނޫގައި ބުނާގޮތުން ވަކި މިނިސްޓްރީއަކުން ޒިންމާތަކާއި ހަވާލުވާން ޖެހޭ ގޮތަށް ނޯވެއެވެ. އެހެންކަމަށްވުމުން ފުލުހުންގެ ޒިންމާތައް އަނެއްކާވެސް އާޤާނޫނުގެ ދަށުން ހަވާލު ކޮށްފައި މިވަނީ ހޯމް މިނިސްޓްރީއާއިއެވެ.

މިނިސްޓަރ އިމްރާންވެސް ވަނީ މިއަދު މިކަމާއި ގުޅިގެން ޓްވީޓެއްވެސް ކުރައްވާފައެވެ. މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަންކަން ރަނގަޅު ކުރަން އުޅޭއިރު ދިމާވާނެ ގޮންޖެހުންތަކާއި، ހުރަސްތައް ވަރަށް ގިނަ ވާނެކަމަށެވެ. ނަމަވެސް އެކަންކަމާއި ކުރިމަތިލައި އެކަންކަމުން އަރައިގަނެ ކާމިޔާބާއި ހަމައަށް ދެވޭނީ ހިތްވަރު ކޮށްގެންކަމަށެވެ. އަދި މިފަދަ ކަންކަމުން ކާމިޔާބު ލިބޭނީވެސް ހިތްވަރާއިއެކު ކުރިމަތިލައި ކާމިޔާބަށް މަސައްކަތް ކުރާ މީހުންނަށް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.