އެޅިހާ ބަތަށް ރިހަ ކިޔައިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަޒީފާގައި ނުހުންނަވާނެކަން ޔަގީން ކުރައްވާ ކަމުގައި އެމަނިކުފާނުގެ ދުވަސްވީ އެކުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ، ފުލުހުންގެ މުއައްސާގެ ބާރުތައް ހޯމް މިނިސްޓްރީގެ ދަށުން ނެގިކަން ރައީސް އޮފީހުން މިނިސްޓަރ އިމްރާނަށް އެންގުމުންނެވެ. މިމަހުގެ 14 ވަނަ ދުވަހު މިނިސްޓަރ އިމްރާނަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވެއެވެ.
މިސިޓީގައި ގުޅިގެން މިނިސްޓަރ އިމްރާނަށް ހިތްވަރު ދެއްވައި ޑރ.އިޔާޒު ވަނީ ކުރިމަތިވާ ގޮންޖެހުންތަކާއި ސާބިތު ކަމާއިއެކު ކުރިމަތި ލައްވައި ކުރިއަށް ދިއުމަށް ދަންނަވާފައެވެ. އަދި ސާބިތު ކަމާއިއެކު ހައްގުގެ މަގުގައި ދެމި ހުންނަވައި އެއްވެސް ބަޔަކު އެޅިހާ ބާތަށް ރިހަ އަޅަން ހުންނަވާ ބޭފުޅެއްގެ ގޮތުގައި ވެ ވަދައި ނުގަންނަވާނެ ކަމުގެ ޔަގީންކަން އޮތްކަމަށްވެސް ޑރ.އިޔާޒު ވިދާޅުވިއެވެ.
ކުރިންވެސް ގޮންޖެހުން ތަކުގައި މަނިކުފާނު ވަނީ ސާބިތުކަން ދައްކަވާފައި. ކުރިއަށް އޮތް ތަނުގައިވެސް އެ ގޮތުގައި ހުންނަވާ. ﷲ މަނިކުފާނަށް ސާބިތުކަން ދެއްވާށި. އެޅިހާ ބަތަށް ރިހަ ކިޔައިގެން ވަޒީފާގައި ނުހުންނަވާނެކަން ޔަގީން ކުރަން.
– ޑރ. އިޔާޒު ވިދާޅުވިއެވެ.
ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ނެގުމާއި ގުޅިގެން މީޑިޔާތަކުގައި ދެކެވެމުންދާ ވާހަތަކަށް އިޝާރާތްކޮށް ފުރަތަމަ ފަހަރަށް މިނިސްޓަރ އިމްރާން މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަންކަން ރަނގަޅު ކުރަން އުޅޭއިރު ދިމާވާނެ ގޮންޖެހުންތަކާއި، ހުރަސްތައް ވަރަށް ގިނަ ވާނެކަމަށެވެ. ނަމަވެސް އެކަންކަމާއި ކުރިމަތިލައި އެކަންކަމުން އަރައިގަނެ ކާމިޔާބާއި ހަމައަށް ދެވޭނީ ހިތްވަރު ކޮށްގެންކަމަށެވެ. އަދި މިފަދަ ކަންކަމުން ކާމިޔާބު ލިބޭނީވެސް ހިތްވަރާއިއެކު ކުރިމަތިލައި ކާމިޔާބަށް މަސައްކަތް ކުރާ މީހުންނަށް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ގާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ