ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ނެގުމާއި ގުޅިގެން މީޑިޔާތަކުގައި ދެކެވެމުންދާ ވާހަތަކަށް އިޝާރާތްކޮށް ފުރަތަމަ ފަހަރަށް މިނިސްޓަރ އިމްރާން އެއްޗެއް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަންކަން ރަނގަޅު ކުރަން އުޅޭއިރު ދިމާވާނެ ގޮންޖެހުންތަކާއި، ހުރަސްތައް ވަރަށް ގިނަ ވާނެކަމަށެވެ. ނަމަވެސް އެކަންކަމާއި ކުރިމަތިލައި އެކަންކަމުން އަރައިގަނެ ކާމިޔާބާއި ހަމައަށް ދެވޭނީ ހިތްވަރު ކޮށްގެންކަމަށެވެ. އަދި މިފަދަ ކަންކަމުން ކާމިޔާބު ލިބޭނީވެސް ހިތްވަރާއިއެކު ކުރިމަތިލައި ކާމިޔާބަށް މަސައްކަތް ކުރާ މީހުންނަށް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ކަންކަން ރަނގަޅު ކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާއި ކުރިމަތި ވުމަކީ ވަރަށް ތަބީއީ ކަމެކެވެ. ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށެވެ.
– އިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކިކޮށް، ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވެއެވެ.
ފުލުހުންގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންމެ ބޮޑަށް ހިމެނޭ އެއް ކަމަކީ ވެސް އެތަން މިނިވަންކޮށް ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އާ ގާނޫނުގެ ދަށުން ފުލުހުންގެ އިދާރާ ހިންގުމަށް ބޯޑެއް އެކުލަވާލައިފައިވާ އިރު، ފުލުހުންގެ ހިދުމަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ފަށައިފައެވެ.
އެކަމަކު ގާނޫނުއަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންނެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާން ވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ