ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރުން، މި ބަދަލުގެ ކުޑަބޮޑު މިން އެގޭތަ؟

ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރުން، މި ބަދަލުގެ ކުޑަބޮޑު މިން އެގޭތަ؟

Author
ހުސެއިން
19 އޮކްޓޯބަރ 2021 08:18
0

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ގައުމުގެ އެތެރޭގެ ސަލާމަތާ ސުލްހަ މަސަލަސްކަމާއި އެންމެ ބޮޑު ގުޅުމެއް އޮތްނަ މުވައްސަސާއަކީ އެގައުމެއްގެ ފުލުހުންގެ މުވައްސަސާއެވެ. އެހެންނަމަވެސް ފުލުހުންގެ މުވައްސަސާއަކީ ގިނަ ގައުމުތަކުގައި ވުޒާރާއެއްގެ ދަރަޖަ ދެވިގެން ހިންގާ މުވައްސަސާއަކަށް ނުވާތީ، ފުލުހުންގެ މުވައްސާ ރާއްޖެއެކޭ އެއްފަދައިން، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ހިންގަނީ އެގައުމެއްގެ ހޯމް މިނިސްޓްރީގެ ދަށުންނެވެ. ނުވަތަ ގިނަ ގައުމުތަކުގައި އެއީ ސަރުކާރުގެ އިންޓީރިއަރ މިނިސްޓްރީއެވެ.

މިގޮތުން، މިނިސްބަތުން ބަލާއިރު، ހޯމް މިނިސްޓްރީ ނުވަތަ އިންޓީރިއަރ މިނިސްޓްރީ ވެގެންދަނީ ހުރިހާ ހައިސިއްޔަތަކުން ބެލި ކަމުގައިވި ނަމަވެސް ވަރަށްވެސް މުހިންމު ވުޒާރާއަކަށެވެ. ސަބަބަކީ ދިވެހިރާއްޖޭގައިވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސުލްހަ މަސަލަސްކަން ގައިމުކޮށް، އަދި ބައެއް ހާލަތްތަކުގައި އުފެދޭ ސިޔާސީ ކޯޅުންތަކުގައި މަގުމަތި ހަލަބޮލިވެ، ސަރުކާރުގެ މުވައްސަސާތަކާ ދެކޮޅަށް ހިންގޭ ނުރަގަޅު ހަރަކާތްތައް ކޮންޓްރޯލްކޮށް، މަތަކުރުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑު ޒިންމާއެއް ސިޔާސީ ގޮތުން އުފުއްލަވަންޖެހޭ ފަރާތެއްގެ ގޮތުގައި ހުންނަވަނީ ސަރުކާރުގެ ދާޚިލީ ވަޒީރެވެ.

މިގޮތުން ބަލާއިރު، ވަކީން ޚާއްސަ ގޮތެއްގައި ރާއްޖެފަދަ ގައުމެއްގައި، ގައުމުގެ އެތެރޭގެ މަސްލަހަތު ދެމެހެއްޓުމުގައާއި އަދި އެއިރަކު އޮންނަ ސަރުކާރަކާއި ދެކޮޅަށް ހިންގޭ ސިޔާސީ ހަރަކާތްތައް މެނޭޖުކޮށް، ފުލުހުންގެ މުވައްސަސާ މެދުވެރިކޮށް، ސަލާމަތުގެ އައްސޭރިއަކާއި ހަމައަށް ވާސިލް ވުމުގައި ހޯމް މިނިސްޓްރީން އަދާކުރަންޖެހޭ މުހިންމު ދައުރު، 2008އަށްފަހު އައިސްފައިވާ ހުރިހާ ސަރުކާރުތަކުންވެސް ވަނީ ފެނިގެން ގޮސްފައެވެ. އެއީ ރައީސް ނަޝީދުވެ ވެރިކަން ބަދަލުވެދިޔަ ހާދިސާތަކުން ފެށިގެން ދެން ޖެހިގެން އައި ރައީސް ވަހީދުގެ ވެރިކަމުގައި އެސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި މަގުމަތީ ހަރަކާތްތަކަށް ވިސްނާލުމުންވެސް މިހަގީގަތް ސާފުވާން އޮތް ގޮތެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއަކީ ފަހުގެ ހުރިހާ ވެރިކަމެއްގައިވެސް ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އައި މުވައްސަސާއެއް

އަދި މީގެ އިތުރުން، ފާއިތުވެދިޔަ ރައީސް ޔާމިންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ޕާޓީތަކުން އުފެއްދި ކޯލިޝަން ޕާޓީތަކުން އެ ވެރިކަމާ ދެކޮޅަށް ހިންގި ސިޔާސީ ހަރަކާތްތަކުގެ ނަތިޖާއެއްގެ ގޮތުން ރައީސް ޔާމިނަށް ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކުން އަރައިގަތުމުގައި، އެތައް ޕޮލިސް ކޮމިޝަނަރުންތަކެއް މަގާމުން ދުރުވާންޖެހި، އަދި މަގުމަތީގައި ހިގައިދިޔަ ބޮޑެތި ހަމަނުޖެހުންތަކަށް އެކަނި ބަލާލުމުންވެސް ހޯމް މިނިސްޓްރީގެ ދަށުން ޒަމާނުއްސުރެ ހިގަމުންދާ ފުލުހުންގެ މުވައްސަސާގެ މުހިންމު ކަމާއި، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ހޯމް މިނިސްޓްރީން އަދާ ކޮށްފައިވާ ދައުރު ވަރަށްވެސް ރަގަޅަށް ސާފުކޮށް ފެންނާން އެބައޮތެވެ.

 

ފުރަތަމަ ފަހަރަށް ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކި ކުރުން

ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތް އެތައް ގޮތަކުން ތަރައްގީވެ، އަދި ވަކީން ޚާއްސަކޮށް، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު މި ޚިދުމަތް ވަކި ޚިދމަތެއްގެ ގޮތުގައި ތަރައްގީވެގެން އައުމަށް ފަހުވެސް، ދިވެހި ފުލުހުންގެ މުވައްސަސައަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިގަމުން އައި، އެހެންނަމަވެސް އަމަލީގޮތުން ހިންގޭ އޮޕަރޭޝަނަލް ލެވެލްގެ ކަންކަމުގެ މިނިވަންކަން ވަރަށް ބޮޑަށް މުވައްސާސާއަށް ދޫކޮށްލެވިފައި އޮންނަ މުހިންމު މުވައްސަސާއެކެވެ.

މިގޮތުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ހިންގަން ފެށިފަހުން މުޅި މުވައްސަސާ އެމިނިސްޓްރީގެ ދަށުން ވަކި ކުރެވި، އެހެން އުސޫލަކުން، ނުވަތަ ދައުލަތުގެ އެހެން ވުޒާރާއެއްގެ ދަށަށް މި މުވައްސަސާ ގެންދެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ރައީސް ޔާމިނުގެ ވެރިކަމުގައި، އެވެރިކަމުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވަޒީރުކަމުގައި، ފުލުހުންގެ މުވައްސަސާގެ މުހިންމު ޒިންމާތަކެއް އޭނާގެ އަތުން ނެންގެވި، އެޒިންމާތައް، ކޮމިޝަނަރ އޮފް ޕޮލިސް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ކުރާގޮތަށް އޭރު ހަމަޖެއްސެވިކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް، އޭރުވެސް، މުޅި ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގެ އިހުތިސާސުން ވަކި ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

މާނައަކީ، އޭރުވެސް ފުލުހުންނާއި ގުޅޭގޮތުން ސިޔާސަތު އެކަށައަޅާ ގިންތީގައި، ކެބިނެޓަށް ޖަވާބު ދާރީ ވުމާއި އަދި މަޖިލިހަށް ޖަވާބުދާރީ ވުންފަދަ މުހިންމު މަސްއޫލިއްޔަތުތަކެއް އަދާ ކުރައްވަމުން ގެންދަވާފައިވަނީ ސީދާ ހޯމް މިނިސްޓަރެވެ.

އެހެންމަވެސް، މިމައަރުގެ މާރޗްމަހުން ފެށިގެން، ރައީސް ސާލިހު މިވަނީ ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގެ އިހުތިސާސުން މުޅިން ވަކިކުރައްވާ، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަކީ ހޯމް މިނިސްޓްރީއާއި ވަކިން ހިންގާ މުވައްސާއެއްގެ ގޮތުގައި، ފުލުހުންގެ ފަހުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހަމަޖައްސަވާ، މިމަހުގެ 14ވަނަ ދުވަހު އެކަން، މިހާރުގެ ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި، އަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމްރާނަށް ސިޓީއަކުން އަންގަވާފައެވެ.

އަދި މިއެންގެވުން ރައީސް ސާލިހު ޝޭޚު އިމްރާނަށް ސިޓީއަކުން އަންގަވާފައިވަނީ ފުލުހުންގެ ގަނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު)އަށް ރިއާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ހޯމް މިނިސްޓަރަށް ފޮނުއްވި ސިޓީގައެވެ.

ޝޭޚް އިމްރާނަކީ މި ސަރުކާރުގެފުރަތަމަ ހޯމް މިނިސްޓަރު

މިސިޓީގައި ވިދާޅުވެފައިވަނީ 5/2008 ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރާތީއާއި، އެ ޤާނޫނުގައި ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމިމަކަށް ގެނެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ އެތެރޭގެ ސުލްޙާއާއި އަދި ވަކީން ޚާއްސަކޮސް އަބަދުވެސް ދެކޮޅުވެރިކަން ބޮޑު، އަދި ހަލަބޮލިކޮށް އުފެދިފައި އޮންނަ ސިޔާސީ މަސްރަހަށް އަންނަ ހަލަބޮލިކަމުގެ ނަތީޖާއެއްގެ ގޮތުން އުފެދޭ ހަަނުޖެހުންތަކާވެސް އެތައްގޮތަކުން އަބަދުވެސް ކުރިމަތިލާން ޖެހިފައިއޮންނަ މި މުވައްސަސާ ކުއްލިގޮތަކަށް ހޯމް މިނިސްޓަރުގެ ޒިންމާއިން ވަކި ކުރައްވަން ރައީސް ސާލިހުން ނިންމެވި މި ނިންމެވުމާގޮޅޭ ގޮތުން ދުސްތޫރީ ގޮތުންނާއި އަދި ސިޔާސީ ގޮތުންވެސް އެތައްބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިގޮތުން ރައީސް ސާލިހުގެ މި ނިންމެވުމާއި ގުޅޭގޮތުން ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ދުސްތުރީ ހަމައަކީ ފުލުހުންގެ މުވައްސަސާއާއި ގުޅޭގޮތުން ކެބިނެޓަށާއި އަދި މަޖިލީހަށްވެސް ޖަވާބުދާރީވާން ޖެހޭ ވަޒީރަކު ހުންނަވަން ޖެހޭކަމެވެ. އަދި އަމުދުން، ހޯމް މިނިސްޓްރީއަކީ، ދާޚިލީ އެތައްކަމެއްގެ ޒިންމާ އުފުލާ މުވައްސަސާއަކަށްވެފައި، ފުލުހުންގެ މުވައްސަސާފަދަ އާންމު މަސްލަހަތާއި އަދި ދާޚިލީ އެތައް ކަމަކާ ގުޅުންހުރި ކަންކަމުގައި ތަންފީޒީ ދައުރެއް އަދާކުރާ މުވައްސަސާއެއް ހޯމް މިނިސްޓްރީގެ މެންޑޭޓުން ބޭރުވެ، މިސާލެއްގެ ގޮތުން، އައިޖީއެމްއެޗް ރައީސް އޮފީހުގެ ވަޒީރަކާއި މަތިކޮށްގެން ހިންގަމުންދާ ބީދައިން، ހިންގިދާނެތޯ ނުވަތަ މިފަދަ ހާލަތެއްގައި އެމުނި އެކުލެވިގެންވާ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި މި މުވައްސާއަށްވެސް އަދި ހޯމް މިނިސްޓްރީއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ނުދާނެތޯ މިއީ ގިނަބަޔަކު ރައީސް ސާލިހުގެ މި ނިންމެވުމާ ގުޅޭގޮތުން އުފައްދަމުން ގެންދާ ސުވާލުތަކެވެ.

އަދި މި ނޫން ހާލަތެއްގައި، ފުލުހުގެ މުވައްސަސާ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ހިންގާނީތޯ، ނުވަތަ ޕޮލިސް ކޮމިޝަނަރު ރައީސަށް ޖަވާބުދާރީ ވަމުން ވަޑައިގެންނެވިއެއްކަމަކު، ސަރުކާރުގެ ކޮންމެ މުވައްސަސާއަކީވެސް، ދައުލަތުގެ އޮނިގަޑު އެކުލެވިގެންވާ ގޮތުން ސިޔާސަތު ކަނޑައަޅާ ގިންތީގައި ޖަވާބުދާރީ ވާންޖެހޭ ވަޒީރެއްގެ ބެލުމުގެ ދަށުގައިވާ މުވައްސަސާތަކަށްވާތީ، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މިހާލަތުގައި ސީދާ ރައީސް ޖަވާބުދާރީ ވަމުން ވަޑައިގަންވާނީތޯ، މިއީވެސް ސަރުކާރުގެ މިނިންމެވުމާ ގުޅިގެން ގިނަބަޔަކުން ފާހަގަކުރާ އެހެނަމަވެސް އަދި ސާފުވާން ނެތް ކަންކަން ކަމުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

ރައީސް ސާލިހު ފުލުހުންގެ މުވައްސަސާއިން ބޭއްވި އިވެންޓަކަށް ވަޑައިގަންނަވަނީ

 

ކޯލިޝަން ޕާޓްނަރު، ޝޭޚު އިމްރާނުގެ ޒިންމާތަކުން ފުލުހުންގެ މުވައްސަސާ ވަކިކުރުން!

ރައީސް ސާލިހުގެ ސަރުކާރު ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަމަށް އައުމަށްފަހު، އަހަރެއްހާ ދުވަހު، ހުރިހާ ޕާޓީތަކުގެ ވަޒީރުންނާ އެކީ ވަނީ އަމާން ކަނޑެއްގައި ދަތުރު ކޮށްފައެވެ. އެހެންނަމަވެސް، ދައުރު ދެބައިވެގެން ދިޔައިރު، ސަަރުކާރުގެ ވަޒީރުކަމުގައި ތިއްބެވި، ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ ސީދާ މަސްލަހަތު ނެތް، އެހެން ޕާޓީތަކުގެ ގިނަ ވަޒީރުންވަނީ އެކި ގޮތް ގޮތުން މަގާމުން ވަކިކުރެވި އަދި ތަފާތު އެކި ސަބަބުތަކާ ހެދި ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

އަދި ވަކީން ޚާއްސަކޮށް ފާހަގަ ވާން އޮތް ކަމަކީ، ރައީސް ސާލިހުގެ ދައުރު ދެބައިވެގެން ދިޔައިރު، ކޯލިޝަން ރޫޅާލާ، އެހެންޕާޓީތަކުގެ ވަޒީރުން މަގާމުން ވަކިކުރުމަށް، އެމްޑީޕީގެ ރައީސް "ދޭތިން އެކައްޗަށް" މަސައްކަތް ކުރައްވަން ފައްޓަވާފައިވާކަމެވެ. މީގެތެރޭގައި ނަޝީދު މަގާމުން ދުރުކުރުމަށް ބޭނުންފުޅުވި އެމްޑީޕީއަށް ނިސްބަތްވާ މަދު ވަޒީރުން ތިއްބެވި ނަމަވެސް، ކޯލިޝަންގެ އެހެން ޕާޓީތަކުން ވަޒީރުކަމަށް ވަޑައިގެންނެވި ގިނަ ވަޒީރުން މަގާމުން ދުރުކުރުމަށް ނަޝީދު ޚާއްސަ ގޮތެއްގައި މަސައްކަތް ކުރައްވާފައިވާއިރު، ފަހަކަށް އައިސް މިއުސޫލުން މަގާމުން ދުރުކުރުމަށް ނަޝީދު އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ވަޒީރަކީ ހޯމް މިނިސްޓަރކަމުގައި ހުންނެވި، ކޯލިޝަން ޕާޓްނަރ، އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާންކަން ފާހަގަ ކޮށްލެވެއެވެ.

އަދި ހަމަ އެއާއެކު، މިހާރުވެސް ކުރިޔަށްދާ، ނަޝީދަށް އަމާޒުކޮށް ދެވުނު 6 މޭގެ ޓެރަރިސްޓު ހަމަލާގެ ތަހުގީގު ޝޭޚު އިމްރާނުގެ ވަޒީރުކަމުގައި އެކަށީގެންވާ ގޮތުގައި ކުރިޔަށް ނުދާނޭކަމަށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި، އެޕާޓީގެ ބައެއް މަޖިލިސް މެމްބަރުންވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ގެންދެވުންވެސް މެދު ކެނޑުމެއްނެތި ކުރިޔަށް ގެންގޮސްފައި ވުމުގެ އިތުރުން، ޚުދު ނަޝީދުވެސް ވަނީ، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ އިސްވެރިންނަށް ނިސްބަތްކޮށް، ދީނީގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުމުގެ މީހުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވުމަކީ ކަންބޮޑު ވެވަޑައިގަންނަވާ ކަމެއްކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، ނަޝީދުގެ އަމާޒަކީ އަދާލަތު ކޯލިޝަނުން ބޭރުކޮށް، ވެރިކަން ކުރާ ކޯލިޝަން ރޫޅާލުން

އެހެންކަމުން، ގަބޫލުކުރަން ޖެހިފައޮތް އެއްހަގީގަތަކީ ޝޭޚު އިމްރާނު ވަޒީރު ކަމުގައި ހުންނަވަނިކޮށް، ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގެ މެންޑޭޓުން ރައީސް ސާލިހު ވަކި ކުރެއްވި ކުރެއްވުން އެތައް ގޮތަކުން މޭރުން ކުރެވެން މިއަދު އޮތް ކަމެވެ.

އެއްގޮތަކީ، ޝޭޚު އިމްރާން ވަޒީރުކަމުން ވަކިކުރައްވަން ރައީސް ސާލިހު ބޭނުންފުޅު ނުވިއެއްކަމަކު، ވަޒީރުކަމުގެ އަމަލީ މުހިންމު ޒިންމާތަކަކުން އެއްކައިރި ކުރެއްވުމެވެ. ނުވަތަ، ރައީސް ނަޝީދާއި، މަޖިލިސް ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ ޑިމާންޑްތަކާ އެއްގޮތަށް ދޫދެއްވާ، ހޯމް މިނިސްޓަރުކަމުން ޝޭޚު އިމްރާން ވަކި ކުރެއްވުމުގެ ބަދަލުގައި އެމަގާމުގައި އިމްރާން ބަހައްޓާވާ، ވުޒާރާގެ އެންމެ "ސެންސިޓިވް" މަސައްކަތުގެ ދާއިރާއިން އިމްރާން ބޭރުކުރެއްވުމެވެ.

ނުވަތަ، ކޯލިޝަންގެ މުހިންމު ބައިވެރިއަކު، މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ޑިމާންޑްތަކަށް އިޖާބަ ދެއްވުމުގެ ގޮތުން، ކޯލިޝަން ރޫޅާނުލާ، އެހެންނަމަވެސް އެމަގުން ނިންމެވި ނިންމެވުމަކަށް މި ނިންމެވުން ވެގެން ދިއުމެވެ. ނުވަތަ، ގައުމީ ސަލާމަތާ ގުޅުން ހުރި މުހިންމު ސަބަބަތަކެއް ރައީސް ސާލިހުގެ މި ނިންމެވުމުގެ ފަހަތުގައި އެކުލެވިގެން ދިއުމެވެ.

ކޮންމެއަކަސް، މިއިން ކޮންމެ ސަބަބެއް މި ނިންމެވުމުގެ ފަހަތުގައި އޮތްނަމަވެސް، މިއިން އެއްވެސް ނިންމެވުމެއް ކޮންމެވެސް އުސޫލަކުން، ހުންނެެވި ވަޒީރުގެ މަސްއޫލިއްޔަތާއި، ނުވަތަ ހައިސިއްޔަތާއި ގުޅިލާމެހިގެން މެނުވީ ނުދާނެކަމީ، ސިޔާސީ މަސްރަހު އެބުރެމުންދާ ގޮތަށް ބަލާއިރު ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
Gaabil adhi naagaabil mihaaru v shaafukon ageane amihla adunves inthihaa