ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ އިސް އޮފިސަރުން ވަޒީފާއިން ވަކިކުރުން މަޑުޖައްސާލެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ އޮފިސަރުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮޮށްފިއެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ދިން ލަފައާ އެކު، ފުލުހުންގެ ވަޒީފާއިން ހަތް އޮފިސަރަކު ވަކިކުރަން ނިންމުމުން އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމެވެ.
އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން އެ މީހުން ވަޒީފާއިން ވަކިކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި ވަނީ މިދިޔަ ހަފްތާގައެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމުމުން މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފަށަން ތާވަލްކޮށްފައި ވަނީ މާދަމާ ހަވީރު 4:30 ގައެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް ކުއްލި ގޮތަކަށް ވަކިކުރަން ބޯޑުން ނިންމައި ކަމިޝަނަ އޮފް ޕޮލިސް އެބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވާއިރު މިކަމުގައި ގިނަ ކަންބޮޑުވުންތަކެއް އެބޭފުޅުން ދަނީ ފާޅު ކުރަމުންނެވެ. އަދި މިއީ ވަކި ނުފޫޒެއް އޮވެގެން ކުރިކަމެއްކަމަށް ވަނީ ބުނެފައެވެ.