މިއަދުގެ މިހާތަނަށް މާލެ ސަރަހައްދުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިގައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އެތަނުން އެއް ހާދިސާ އަކީ، އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާދިނިކޮށް ސަލާމަތް ކުރި ހާދިސާއެވެ. މި މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމުގައެވެ.
މިއަދު ހިނގި ދެވަނަ ހާދިސާ އަކީ މާރުކޭޓު ބޭރުތޮށިމަތީ މަސްބާނަންތިބި 2 މީހުންގެ ތެރެއިން އެކަކު ތޮށިމަތިން ބޭރަށް ވެއްޓިގެން ހިނގިހާދިސާއެވެ. މިހާދިސާގައި މޫދަށްވެއްޓުނު މީހާވަނީ ސިފައިންގެ އެހީތެރިކަމާއެކު މޫދުންނަގާ، ސީޕީއާރ ދީ، ޕޮލިހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލް އަށް ގެންގޮސްފައެވެ. މިމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.
މިދުވަސްވަރަކީ ވަރަށް ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ ދަންނަވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންނަމަވެސް މިދުވަސްކޮޅު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ 2 ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިމަޑުވާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. ރާއްޖެއަށް ވައިމަޑުވިނަމަވެސް، މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ