މީހުން މަރާ މީހުންނަށް މާތްﷲ ކަނޑައަޅުއްވާފައިވާ ޤިޞާޞް ހިފުމުގެ ޙައްޤު ހޯދައިދިނުން ކަމުގައި ޤަބޫލު ނުކުރާ ބަޔަކު، ޢަދުލު އިންޞާފުގެ ވާހަކަ ދެއްކުމެއް ނެތްކަމުގައި ދީނީ އިލްމުގެރިޔާ ޝައިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މީހުން މެރުން އިތުރުވ،ެ ޤިޞާޞް ހިފުމުގެ އަޑު ގަދަވެފައިވާ މިދަނޑިވަޅުގައި ޝައިޚު ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤިސާސް ހިފުމުގެ ހައްގު ހޯދައި ދިނުން ގަބޫލު ނުކުރާ ބަޔަކަށް އިންސާފެއް ހޯދައި ނުދެވޭނެކަމަށެވެ. ޤަސްތުގައި މީހުން މަރާ މީހުންނަށް އޮތް އަދުލުވެރި އުޤޫބާތަކީ މާތް ﷲ ކަނޑައަޅުއްވައި ދެއްވާފައިވާ ޤިޞާޞް ހިފުމުގެ ފުރުސަތުކަމަށް ޝައިޚު ވިދާޅުވިއެވެ.
ގަސްތުގައި މީހުން މަރާމީހުންނަށް އޮތް ޢަދުލުވެރި ޢުޤޫބާތަކީ މައްޔިތާގެ ވާރިޘުންނަށް، މާތް ﷲ ކަނޑައަޅުއްވައި ދެއްވާފައިވާ ޤިޞާޞް ހިފުމުގެ ޙައްޤު ހޯދައިދިނުން ކަމުގައި ޤަބޫލު ނުކުރާ ބަޔަކު، ޢަދުލު އިންޞާފުގެ ވާހަކަ ދެއްކުމެއް ނެތެވެ. "އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولىވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتلކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولىވެރިޔާއަކީ، نصرލިބިގެންވާ މީހެއް ކަމުގައިވިއެވެ."
މަރުގެ ހުކުމް ސަރުކާރުން ތަންފީޒުކުރާނެކަމަށާއި އެހެންނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބުމުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖެއިން ދެކޭގޮތް 2018 ވަނަ އަހަރު އދ ގައި ބަޔާންކޮށްދެމުންނެވެ. އދ ޖެނެރަލް އެސެމްބްލީގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓްކުރިން ރާއްޖޭގެ ސިޔާސަތު ހާމަކުރައްވަމުން އދ ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ޑރ އަލީ ނަސީރު ވިދާޅުވީ 2014 ވަނަ އަހަރު ވުޖޫދަށް އައި އައު ޤާނޫނުލްޢުޤޫބާތުގައި، ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެހުކުމް ތަންފީޒުކުރަން ޖެހޭކަމަށެވެ.
އެހެންނަމަވެސް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހަދާ އެދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަަމަށްވެސް ނަސީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަންވެސް އަލީ ނަސީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައެވެ.
ކޮމެންޓު ފޮނުވާ