ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިޔާ ޑޯޓްމުންޑް މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މި މެޗުގައި ހާލަންޑް ދެ ލަނޑު ޖެހިއިރު، ޑޯޓްމުންޑަށް ބަދަލުގެ ޖަރުމަން ލީގުގައި މިހާތަނަށް ކުޅުނު 49 މެޗުގައި ހާލަންޑް މިހާރު ވަނީ 49 ލަނޑު ޖަހާފައެވެ.
އަމިއްލަ ދަނޑުގައި މެއިންޒްއާ ދެކޮޅަށް ކުޅުނު މެޗުން ޑޯޓްމަންޑް މޮޅުވީ 3-1 ލަނޑުންނެވެ. މެޗުގައި ޑޯޓްމަންޑުން އާލިން ބެރުތް ހާލަންޑް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. ދެން މެޗުގައި ޑޯޓްމަންޑް ލަނޑު ކާމިޔާބުކުރީ މާކޯ ރުއެސްއެވެ. މެއިންޒުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މައިކަލް ބުކާޓެވެ. ރޭގެ މެޗުން ހާލަންޑް ލަނޑު ޖަހާފައިވަނީ އޭނާ ލިބުނު އަނިޔާއިން އެނބުރިއައުމަށްފަހުއެވެ.
ނޯވޭ އާއި ޑޯޓްމަންޑަށް މި ސީޒަނުގައި ހާލަންޑް ކުޅުނު 12 މެޗުގެ ތެރެއިން 2 މެޗު ފިޔަވައި ހުރިހާ މެޗެއްގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. އުމުރުން 21 އަހަރުގައި ހާލަންޑް ވަނީ ކުޅުނު 49 މެޗުން 49 ލަނޑު ކާމިޔާބުކޮށްފައެވެ. މިހާތަނަށް އޭނާ ޑޯޓްމުންޑަށް ކުޅުނު 68 މެޗުން ހާލަންޑް ވަނީ 70 ލަނޑު ކާމިޔާބުކޮށްފައެވެ. ރޭގެ ހޯދި މޮޅާއެކު ޑޯޓްމުންޑު ވަނީ އަމިއްލަ ދަނޑުގައި މި ސީޒަންގައި 9 މެޗު ކާމިޔާބު ކޮށްފައެވެ.
ރޭގެ ހޯދި މޮޅާއެކު ޑޯޓްމުންޑް އެއްވަނައަށް އެރީ ބަޔާން މިއުނިކަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ބަޔާން މިއުނިކް، ބަޔާ ލެވަކޫސަން އަދި ފްރެއިބާގް ލިބިފައިވަނީ 16 ޕޮއިންޓެވެ. ލީގުގައި މިއަދު ބަޔާން މިއުނިކް ބަޔާ ލެވަކޫސަންއާ ދެކޮޅަށް ނުކުންނާނެއެވެ.