އިއްޔެ ކަނޑުމަތީގައި ހިނގައިދިޔަ ނުރައްކާތެރި ހާދިސާގައި، ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު 7:30 ގައިކަމަށެވެ. ނަމަވެސް އަދި މޫނު ދެއްކުމާއި ވަޅުލަން ހަމަޖެހިފައިވާ ގަނޑިއެއް ސާފެއް ނުވެއެވެ. 12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވާއިރު، އޭނާގެ 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ.
ފުލުހުން ވިދާޅުވީ އަންހެން މީހާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި، އާއިލާއާއި، އެސަރަހައްދުގެ ބައެއް ރަށްތަކުގެ ރައްޔިތުންވެސް ދަނީ ހުއްޓާނުލައި ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ