215 ކިލޯ ޑަރްގް އޮޕަރޭޝަން: ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް

215 ކިލޯ ޑަރްގް އޮޕަރޭޝަން: ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2021 02:26
0

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގެންފައިވާ 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރީ ރ. މަޑުއްވަރީ އަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިއަދު ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ ބުދަ ދުވަހުންފެށިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، މެރިން ޕޮލިހާއި، ފޮރެންސިކް ޑިޕާޓްމަންޓާއި، ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިނެވެ. 215 ކިލޯގެ ހެރޮއިންއާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންނާ ބެހޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއްނުވެއެވެ. މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އެމް.އެން.ޑީ.އެފްގެ އިތުރުން އިންޑިއާ ސަރުކާރުން ފުލުހުންގެ މުއައްސަސާއަށް ފޯރުކޮށްދިން އެހީތެރިކަން ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ 13 ވަނަ ދުވަހުވެސް ވަނީ 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރުކޮށްފައެވެ. އެފަހަރުވެސް ފުލުހުން އަތުލައިގެންފައިވަނީ ހިރޮއިނެވެ. މިތަކެތި ހޯދާފައިވަނީ ފަޅުރަށަކުންނެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލާފައިވާއިރު، 8 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.