ޝާހިދު ޔޫއެންގައި ފުރަތަމަ "ހޮޅުއަށި ބައްދަލުވުން" ބާއްވައިފި

ޝާހިދު ޔޫއެންގައި ފުރަތަމަ "ހޮޅުއަށި ބައްދަލުވުން" ބާއްވައިފި

Author
ހުސެއިން
16 އޮކްޓޯބަރ 2021 10:23
0

ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސް އަބުދުﷲ ޝާހިދު، އެމަނިކްފާނުގެ ޔޫއެސް ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކުގެ ދަށުން، ޔޫއެންގެ މެމްބަރު ގައުމުތަކުގެ ސަފީރުންނާއި އެކީ "ހޮޅުއަށި ޑައިލޮގް"ގެ ނަމުގައި ފުރަތަމަ މަޝްވަރާ ބައްދަލުވުން މިހަފްތާގެ ހުކުރުދުވަހު ބާއްވައިފިއެވެ.

ދިވެހި ބަހުން، އާންމު އެއްތަނަކަށް އެއްވެ، އާންމު މައްސަލަތަކާ ގުޅޭގޮތުން "އަނގަ ތަޅާލާ" އަދި ޚިޔާލު ބަދަލު ކޮށްލުމަށް އެއްވެ އުޅޭ ތަނެއް ކަމުގައިވާ "ހޮޅު އަށި"ގެ ނަމުން ނަންދީގެ، ބައެއް ގައުމުތަކުން ޔޫއެންއަށް ކަނޑައަަޅާފައިވާ ސަފީރުންނާއެކީ، ޝާހިދު ބޭއްވި ފުރަތަމަ "ހޮޅުއަށި ޑައިލޮގް"ގައި މަޝްވަރާ ކޮށްފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ހާލަތާ ގުޅޭ ގޮތުންނެވެ.

ޝާހިދު ބޭއްވި ފުރަތަމަ "ހޮޅުއަށި ޑައިލޮގް"ގައި ބައިވެފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި ބަންގްލާދޭޝް، ޖޯޖިއާ، ޔޫއޭއީ، ސުވިޑެންގެ އިތުރުން އެހެން ބައެއް ގައުމުތައްވެސް ހިމެނެއެވެ.

ޝާހިދު ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، އުއްމީދީ ރިޔާސަތު" މި ޝިއާރުގެ ދަށުން ކުރެއްވި ކެމްޕޭނުގައި ވެވަވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާމެދު މަޝްވަރާކުރުމުގެ ގޮތުން، ގައުމުތައް އެއްކުރައްވާ، ގައުމުތަކާއެކީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.

މުޅި ދުނިޔޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ދުނިޔެއަަށް ލާބަހުރި ވަކި އެޖެންޑާއެއް ކުރިއެރުވުމަށް، މެމްބަރު ގައުމުތައް އެއްކުރުމުގެ ބާރު ޖެނެރަލް އެސެމްބްރީގެ ރައީސަށް، ޔޫއެންގެ އޮނިގަޑުގެ ތެރޭގައި ލިބިދީފައި އޮވެއެވެ.

ޔޫއެން ޖެނެރަލް އެސެމްބްލީއަކީ މި ޖަމިއްޔާގެ 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.

އަދި މި މަޖިލިހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިގްތުސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަގަޅަށް ތަމްސީލުކޮށްދޭ މަޖިލިހެކެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީން ރަސްމީކޮށް، ވަކި ތާވަލެއްގެ ދަށުން ބައްދަލުންވުންތައް ބާއްވާނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަނަލަށެވެ. އެއަށްފަހު، އާންމު މަޖިލިސް ބައްދަލު ކުރާނީ، ބޭނުންވެއްޖެ ހާލަތެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.