މުސްތަފާބެއަކީވެސް އަހަރެމެން މިކިޔާ ފުޅިބައްތީގެ ރަން ޒަމާނަށް އުފަން ޖަޒީރާ ރަށެއްގެ މީހެއްނޫންތޯއެވެ. އެހެން މީހުންނެކޭ އެއްފަދައިން މުސްތަފާބެއަކީވެސް އާދައިގެ ދިރިއުޅުމަކުން ފެށިގެން އައިމީހެކެވެ. މުސްތަފާބެ ތަނަވަސްކަމުގެ މަގަށް ދެމިގަތީ ހިތްވަރާއި، އަމިއްލަ ބުރަ މަސައްކަތުންކަން ހުރިހާ ދިވެހިން ހެކިވާނެއެވެ. މިއަދު މުސްތަފާބެއަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތަނަވަސްކަމުގެ ނިސްބަތުން މަތީ ހަރުފަތުގައި ހުންނެވި ބޭފުޅެކެވެ. އެހާހިސާބަށް މުސްތަފާބެއަށް އާދެވެމުގެ ނަތީޖާއަކީ، ސާބިތުކަމާއެކު ކުރެއްވި ބުރަމަސައްކަތެވެ. އެހެންމީހަކު ކަމެއްކޮށްދީފާނެ ކަމަށް ނުބަލައި ކުރިއަށް އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާ ނޫންތޯއެވެ.
އަޅުގަނޑުފަދަ އާދައިގެ ރައްޔިތެއްފަދައިން މުސްތަފާބެއަކީވެސް ތަފާތު ކެފޭތަކާ ރަށްޓެހިމީހެވެ. ހޮޅުއަށިތަކާއި މައިޒާން ތަކުގައި މަޑުކޮށްލާ ދިވެހިވަންތަ މީހެކެވެ. ރައްޔިތުންގެ ހާލު އަހާ އޮޅުން ފިލުވައެވެ. ދިރިއުޅުމުގައި ދިވެހިގޮތް ގެއްގުޅުއްވާ އާދައިގެ ރައްޔިތެއް ފަދައިންނެވެ. ކޮޅުފިލާގޮނޑީގައި އިންނަންޖެހުނަސް އެކަމުގެ ހިތްބަރުކަމެއް ނުބާއްވާ މީހެކެވެ. ކުރައްވާ ބުރަ މަސައްކަތެއްގެ އަގު ވަޒަންނުކޮށް، ފާޚާނާ ސާފުކުރަން ޙަވާލުކުރިއަސް ޝަކުވާ ނުކުރާ މީހަކީމު ނޫންތޯއެވެ.
މުސްތަފާބޭއެވެ. އިންސާނުންނަކީ އުނިކަން ހުރި ބައެއް ނޫންތޯއެވެ. އެހެންވީމާ މުސްތަފާބޭގެވެސް އުނިކަންތައްތައް ހުންނާނޭކަން ގަބޫލުކުރަންޖެހެއެވެ. އަދި ހަމަ އެފަދައިން މުސްތަފާބޭގެ ކިބާގައިވެސް ރަނގަޅު ކަންކަންވެސް ހުންނާނެ ކަމަށް ބަލަންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން މުސްތަފާބޭގެ ދީލަތިކަމާ އޯގާތެރިކަން ހުންނަކަން ގިނަ ދިވެހި ރައްޔިތުން ގަބޫލުކުރެއެވެ. އަދި ވަކި މޫސުމްތަކަށް މުސްތަފާބޭގެ ދީލަތިކަން އިންތިހާއަށް ދާކަންވެސް އެންމެބޮޑަށް ދަންނާނީ އަޅުގަނޑުމެން ދިވެހިންތާއެވެ. އެހެން ކަމަށްވާނަމަ، މުސްތަފާބޭގެ އެހީތެރިކަން ނުލިބޭ ރައްޔިތަކު މިގައުމުގައި މަދުވާނެތާއެވެ. ގިނަބައެއްގެ ދޫތަކުން ބުނަމުންދަނީ ބަލި ޙާލުގައިވާ އެތައްބައެއްގެ ހިތުގެ އުދާސްތައް ތިޔަ ހިތުގެ އޯގާތެރިކަމުން ފިލުވާލަދެމުންދާ ކަމުގެ ވާހަކައެވެ. މުސްތަފާބޭގެ ދީލަތިކަމާއި އޯގާތެރިކަން ދަނީ ރާއްޖެއާ ރާއްޖޭން ބޭރުގައިވެސް ބޭސްފަރުވާކުރަން ތިބި ގިނަބަޔަކަށް ލިބެމުންނެވެ. ދަންވަރުގަޑީގައި ފެންފޮދެއް ބޭނުންވާ ފަރާތަކަށްވެސް މުސްތަފާބޭ ފެން ފޯރުކޮށްދެއްވި ވާހަކަ، ބަޔަކު ދެއްކިވާހަކަވެސް އަހަރެން އެހީމެވެ. މިކަމުންވެސް އެގެނީ މުސްތަފާބޭގެ އިޚްލާސްތެރިކަން ނޫން ދެވަނަ ކޮން ކަމެއްތޯއެވެ.
މުސްތަފާބޭއެވެ. މުސްތަފާބެ ތިޔައީ ގައުމީ ބޭފުޅެއްކަމަށް ޚުދު މުސްތަފާބޭވެސް ގަބޫލު ކުރާނެއެވެ. ބައެއް ބޭފުޅުން ހަމަހޭގައި ނެތިދާ ވަގުތުގައިވެސް މުސްތަފާބެ ހުންނަނީ ހަމަހޭގައިކަން ގިނަބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން މުސްތަފާބެއަކީ، ގައުމުދެކެ ލޯބިވާ އަދި ގައުމަށް ހެޔޮއެދޭ ގައުމީ ވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރާ އަދި އެކަން ޢަމަލާ ބަހުން ސާބިތުކޮށްދީފައިވާ ލާމަސީލް ބޭފުޅެއް ނޫންހެއްޔެވެ. މުސްތަފާބޭގެ ހިތުގައި ދިވެހިންނަށް ޓަކައި އުފެދިފައިވަނީ ކުލުނުވެރިކަމާއި އިޚްލާޞްތެރި ކަން ނޫން ދެވަނަ ކޮން އެއްޗެއްތޯއެވެ. އަދި ތިޔަ ހިތުގެ އެންމެ ހިމަ ނާރުތަކުގައިވެސް ދައުރުވަމުން ދަނީ ޖޯޝްހުރި ދިވެހި ލޭ ކަމުގައި އަހުރެން މިހުންނަނީ ލޮލުން ބޮލުން ގަބޫލުކޮށްގެނެވެ.
ރާއްޖޭގައި ތަޢުލީމަށް ފަހި ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުމަށް މުސްތަފާބެ ދާއޮހުރުވައިގެން ވަމުންދާ ގުރުބާނީއަކީވެސް ތާރީޚީ އެތައް ސަފްހާތަތަކުން ޖާގަހޯދާފައިވާ ކުލަގަދަ ޚިދުމަތަކެއްނޫންހެއްޔެވެ. މަތީތަޢުލީމު ރާއްޖޭއާއި ރާއްޖޭން ބޭރުން ދިވެހިދަރިންނަށް ފަހިކޮށްދިނުމުގެ މޭސްތިރިއަކީވެސް މުސްތަފާބޭކަމުގައި އަހަރެން ގަބޫލުކުރަމެވެ. ރާއްޖޭގެ އެތައް ދަރިންތަކަކަށް ރާއްޖޭން ބޭރުން ކިޔެވޭނެ ތަނަވަސްކަން ފޯރުކޮށްދެއްވުމުގައި ދެގޮތެއްނުވެ ހުންނެވިކަމަށް ގިނަބަޔަކު ގަބޫލުކުރާ ހަމައެކަނި ޝަޚުސިއްޔަތަކީވެސް މުސްތަފާބެނޫންތޯއެވެ. އެހެންކަމަށްވާނަމަ، މުސްތަފާބެއަށް ޓަކައި މިގައުމު ފަޚްރުވެރި ނުވާނެތޯއެވެ. ގިނަބައެއްގެ ލޯތްބާއި ހަމްދަރުދީ ނުލިބޭނެތޯއެވެ. މުސްތަފާބެ ދޫކޮށްފައިވާ މާޒީގެ ކުލަގަދަ ޞަފްޙާތަކަކީ، ދިވެހިރައްޔިތުންނަށް ޓަކައި ވެފައިވާ މަތިވެރި ގުރުބާނީ ރަމްޒުކޮށްދޭ ތާރީޚީ ސަފްހާތަކެވެ.
މުސްތަފާބޭއެވެ. މުސްތަފާބެއަކީ މުރާލި މީހެކެވެ. މުސްތަފާބޭ ވިދާޅުވާ، "ބަލަ އެމީހުން މުއްސަނދި ނުވީ އަހަރެމެން ކުރިކަމަކުންނޫނޭ އިގޭތޯ. އެމީހުން މުއްސަދިނުވީ އެމީހުންގެ ކަންނެތްކަމުންނޭ" މިއީ، ދިވެހި ހަރުބަހަކަށްވެސް ފުދޭ، ތެދުވާހަކަފުޅެކެވެ. މަންޒަރު ލޮލުން ދުށްމީހުން ބުނެފައިވާ ގޮތުންނަމަ، ތެޔޮ ވިއްކަން މަގުމަތީގައި ތާގީ ފުރޮޅައިގެން އޮޑިފަހަރަށް ތެޔޮގެންދިއުމާއި، ގާޑިޔަލުގައި އޮޑިފަހަރަށް ތެޔޮގެންގޮސް ދިނުމަކީ މުސްތަފާބޭ ކޮށްފައިވާ ބުރަމަސައްކަތެވެ. މުސްތަފާބޭގެ މުރާލިކަން ހާމަކޮށްދޭ މަސައްކަތެކެވެ. ޙަގީގަތުގައިވެސް މުސްތަފާބެއަކީ މުރާލި ކަމާއި ހީވާގިކަން ހުރި ބޭފުޅެކެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި ހުރި ސްކޫލް މަދަރުސާ ތަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އިޖްތިމާޢީގޮތުން ޚިދުމަތްތައް ފޯރުކޮށްދޭ ކްލަބު ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރާއްޖެތެރެ ކުރިއެރުވުމަށް މުސްތަފާބޭކޮށްދޭ އަގުހުރި ޚިމަތްތަކެއް ނޫންތޯއެވެ. ދާދިފަހުންވެސް މުސްތަފާބޭގެ ދީލަތިކަމާ އޯގާތެރިކަން ރައްޔިތުންނަށް އެދިޔައީ ފެނިގެންނޫންތޯއެވެ. މުސްތަފާބޭގެ އެހީތެރިކަން ލިބިގެން ޞިއްޙީ ދާއިރާއިން ކިޔެވިފަރާތްތަކުން މުސްތަފާބެއަށް ދައްކަންޖެހުނު ފީތައް މަޢާފް ކުރެއްވި ވާހަކަ އަހަރެން އަޑު އެހީމެވެ. މުސްތަފާބޭގެ މިފަދަ ނިންމުންތަކުން މުއްސަދި މަހުޖަނުންނަށް ލިބެމުން އެދަނީ ޢިބްރަތުން ފުރިގެންވާ އެތަކެއް ފިލާވަޅުތަކެއް ނޫންތޯއެވެ. މުސްތަފާބޭގެ މިޢަމަލުތަކުން ދައްކައިދެނީ ރައްޔިތުންދެކެ ލޯބިވާ މިންވަރާއި، އޯގާތެރިކަންހުރި މިންވަރުނޫންތޯއެވެ. މުސްތަފާބެއަށް ލިބޭ ކޮންމެ ތަނަވަސްކަމާ އުފާ ފާގަތިކަމެއްގައި ދިވެހިރައްޔިތުން މުސްތަފާބޭ ތިޔަ ގެންދަވަނީ ބައިވެރި ކުރައްވަމުން ނޫންތޯއެވެ.
މުސްތަފާބޭ ފެންނަނީ، ޒިންމާތައް އަދާކުރާ ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ. އެއިން ދައްކައިދެނީ އަމިއްލަ މަޞްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރާތަންނޫންތޯއެވެ. މަޖިލިސްތަކާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގައި މުސްތަފާބެ ވަރެއްނެތެވެ. މިގޮތުން ތަނެއް ފުރިހަމަކުރުމަށް ޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް މުސްތަފާބޭ ވެދާނޭ ކަމުގައި އަހަރެން މިހާރު ގަބޫލުކުރަމެވެ. މުސްތަފާބޭއަކީ، ގަންނަންޖެހޭ އެއްޗެއް ގަނެގެން، ހޯދަންޖެހޭ އެއްޗެއް ހޯދައިގެން، އަދި ދޭންޖެހޭ އެއްޗެއް ދީގެންވެސް އެކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރައްވާ ބޭފުޅެއްނޫންތޯއެވެ.
މުސަތަފާބޭއެވެ. މިއީ މުސްތަފާބޭގެ ވާހަކައެވެ. ތިޔައީ އެބޭފުޅެއްގެ ވާހަކަ ދައްކާ ދައްކާ ކޮޅުން ނުލ،ާ މިގައުމުގެ އެންމެން ދަންނަ މުސްތަފާބޭ ނޫންހެއްޔެވެ. އެހެންވީމާ ދައްކަން މުސްތަފާބޭގެ ބައިވަރު ވާހަކަ އަދިވެސް އެބަހުއްޓެވެ.
އަހަރެންގެ އަޚް ބޮޑުމުސްތަފާބެއަށް އެތިކޮޅެއް ދޭންޖެހޭ ވާހަކައަކީ ކިހާވަރެއްގެ ހަގީގީ ވާހަކައެއްތޯއެވެ. މިހެންބުނަން މިޖެހުނީ ދޭތެރެއަކުން ބޮޑުމުސްތަފާބޭ އެވާހަކަ ޓްވީޓްކޮށް، އެވާހަކައްދާ ހަދާތީއެވެ. ފަހަރެއްގައި ބޮޑުމުސްތަފާބޭއަށް ދޭންޖެހިފައިވާ އެތިކޮޅު ރައްދުނުކުރެވި އޮތީ ބޮޑުމުސްތަފާބޭއާ ބައްދަލުނުވެގެން ނުވަތަ އުޅޭތަން ނޭގިގެން ކަމަށްވެސް ވެދާނެއެވެ. ފަހަރެއްގައި، ހަތަރު ދިމާލެއްގެ ކަންތައްތައް ސިކުޑީގައި ބަހައްޓަންޖެހޭތީ، މުސްތަފާބޭގެ މެމޮރީ ފުލްވުމުގެ ސަބަބުން ބޮޑުމުސްތަފާބޭ ކަންތައް ހަނދާނުން ކައްސާލީ ނޫންބާވައޭވެސް ހިތައްއަރައެވެ. މުސްތަފާބޭއަތުން ބައެއް ޢިއްޒަތްތެރިންނަށް ލިބެންޖެހޭ އެތިކޮޅު ނުލިބިގެން އިވެނީ އިރު އިރުކޮޅާ އިވޭ އަޑު އަދި އެންމެންގެ ދޫމަތިން ކެނޑިނޭޅި އިވެމުންދާ އަޑެއްގެ ގޮތުގައި ނޫންތޯއެވެ. މިފަދަ އަޑުތަކަކީ، މުޖްތަމައުގައި ބަސްވިކޭ، މުސްތަފާބޭ ކަހަލަ މީހަކާމެދު ދެކެވިގެންނުވާ ވަރުގެ ކޮންމެވެސް ވަރެއްގެ ގުދުކަމެއްއޮތް އަޑަކަށް ފަހަރުގައި ވެދާނެއެވެ. މިކަންކަމާމެދު ޝަކުވާކުރާ މީހުންގެ ވާހަކައަށް މުސްތަފާބެ ބުނަނީކީކޭތޯއެވެ. އެއީ ހަގީގީ އަޑެއްނޫންތޯއެވެ. މުސްތަފާބޭގެ ފަރާތުން މިކަމާ އެއްޗެއް ނުބުނެ ހުރެފިނަމަ، 2023 ކައިރިވާއިރު، މިފަދަ ވާހަކަތައް ކަންކަންމަތީގައި ދެއްކުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ނޫންތޯއެވެ. 2023 ގައި މުސްތަފާބޭ ޢަމަލުކުރާނެ ގޮތެއް ރައްޔިތުންނަށް އަދި ނޭގޭތާއެވެ. އަހަރެމެންނަށް އެގޭ އެއްޗަކީ މުސްތަފާބޭ އަރާކޮޅަށް ތިލަފަތް ބަރުކޮށްލައި ކާމިޔާބު ކުރައްވާކަމެވެ. އެކަމަކު މުސްތަފާބޭ ނިކުންނަވައިގެން ލިބޭ ކާމިޔާބަށްވުރެ އެހެންމީހަކާއެކު މުސްތަފާބޭ ހުރުމުން އެބަޔަކަށްލިބޭ ކާމިޔާބު މާ ބޮޑުނޫންތޯއެވެ. މުސްތަފާބެއެވެ. މިކަން ސިޔާސީ ތަރާދަކުން ކިރާލައްވައި، މިވާގޮތަކާމެދު މުސްތަފާބެ ވިސްނަވާށެވެ. ޅަ އިހަލަކުން ނާޅާށެވެ.
މުސްތަފާބެ ދެކޭ ގޮތުގައި ގައުމުގެ ރައްޔިތުންނަށް ދިމާވާބޮޑުކަމަކީ މުސްތަފާބެއަށްވެސް ބޮޑުކަމެކެވެ. ކާރިސާއަކަށްވިޔަސް އެކަމަކަށް އެހީތެރިކަން ދެއްވައެވެ. ބަޔަކު ސަރުކާރާ މެދު ހިތްހަމަނުޖެހޭ ވަގުތެއްގައިވެސް މުސްތަފާބެވެސް އެއީ ރަގަޅު ކަމެއްކަމަށް ބަލައިގެން ހުރެދާނެއެވެ. އެހެން އުޅުއްވުމުގެ ތެރޭގައި ބައެއްފަހަރު މޭފުޅަށް ތަދުވާގޮތް ވޭނޫންތޯއެވެ. އެހެންވުމުގެ ސަބަބުން ފުރަތަމަ ހަމަލާ އަމާޒުކުރަނީ މުސްތަފާބެއަށެވެ. މިފަހަކުން މުސްތަފާބެއަށާއި މުސްތަފާބޭގެ ވިޔަފާރިއަށް ލޮޅުންތަކެއް އެރިނޫންތޯއެވެ. އެހެން އެވަނީ، މީސްމީހުންނާ ގުޅިގެން މުސްތަފާބެ ނުސިޔާނު ކަންކަން ކުރައްވާތީ ނޫންތޯއެވެ.
މުސްތަފާބެއަކީ ހިފާފިއަތަކަށް މަރެއްފަދަ ބޭފުޅެކެވެ. އެތަކެއް ހޭދައެއް ކުރައްވައެވެ. މުސްތަފާބެ ގެންނަން ބޭނުންވާ ސަރުކާރު ގެންނަން މަސައްކަތްކުރުމުގައި އެވަރެއްނެތެވެ. ސަރުކާރު ލިބުމުން ފަޅެއްވިޔަސް ރަށެއްވިޔަސް ބިމެއްވިޔަސް، ބަދަލުގެ ފައިސާވިޔަސް ހޯދައިގަތުމުގެ ކުޅަދާނަކަން މުސްތަފާބޭގެ ކިބައިގައި ހުރޭނޫންތޯއެވެ. ތިޔަ ހުނަރު މުސްތަފާބެ ދަސްކުރީ ކޮން ތަނަކުންތޯ ގިނަބަޔަކު ސުވާލު އުފައްދައެވެ.
ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާނުން ދައްކަމުންދާ ވާހަކަ މުސްތަފާބެ އަޑުއަހަންތޯއެވެ. މަދު ރިސޯޓެއް ފިޔަވައި، ގިނަ ރިސޯޓްތަކުން މުސާރަ އާއި ޢިނާޔަތްތައް ބަރާބަރަށް ލިބެމުންދާކަން އެ ޒުވާނުން ފާހަގަކުރެއެވެ. މުސްތަފާބެއަކީ ރައްޔިތުންނަށް އޯގާތެރި ބޭފުޅަކަށްވާތީ، ޒުވާނުން ފާހަގަކުރާ މަދު ރިސޯޓްތަކުގެ ތެރޭގައި ޙައްގުވާ މިންވަރު މުވައްޒަފުންނަށް ނުލިބޭ ރިސޯޓްތައް އެބަހުރި ނޫންތޯއެވެ.
މުސްތަފާބެ ކިތައްމެ ގަދަ ކަނޑެއްގައިވެސް އޮޑިފަހަރު ދުއްވުމަކީ މުސްތަފާބޭގެ ހިތްވަރުގަދަކަން އަންގައިދޭ ކަމެކެވެ. އޮޑީގެ ހިއްމިތައް ފޭވަންދެންވެސް ދުއްވަފާނެއެވެ. އެއްފަހަރާ ހަތަރު އޮޑިވެސް ދުއްވަފާނެއެވެ، އެއީ މުސްތަފާބޭގެ ހުޝިޔާރުކަމެވެ. ގިނަބަޔަކު ދެކޭގޮތުގައި މުސްތަފާބެ އޮޑިފަހަރު ގެންގުޅެނީ އަޅާލުމާ ލޯތްބާއެކުގައި ނޫންތޯއެވެ. އެފަދަ އޮޑިފަހަރު ދިއްލާހާ އަވީގައި ހިއްމިތައް ފޭވާކަށް ނުބަހައްޓާނެއެވެ. އޯގާތެރިކަމާއެކު ކޮންމެވެސް ހިޔަލަކަށް ވައްދާނެއެވެ.
މިފަހަކަށް އައިސް މުސްތަފާބެ ދުއްވަމުން އައި އޮޑިފަހަރު ތަކާއި، އަލަށް ހޯދި އޮޑިފަހަރު ތަކަކީވެސް އެއްގަސް އޮޑިތަކެއް ނޫންތޯއެވެ. އެދޯނީގެ މަޑޫތަކުގެ ހިމުންކަމާއި ކިއްސަރުގެ މޮޅުކަމާ ކަނޑަށް ގަދަކަމެވެ. ހާސްކަމެއްނެތި ގަދަ ނަކަތްތަކުގައިވެސް ދުއްވާކަށް މުސްތަފާބެ ކަންބޮޑެއް ނުވެއެވެ. އޮޑީގެ ފަތޮޅުތަކާ ހިންމިތައް އެހާމެ ހިމުނެވެ. މޮޅު ލަކުޑީގައި ބަދެފާވާ އޮޑިފަހަރެވެ. ދިރުބާކޮޅު ގަންބާލާފައެއް ނުދެއެވެ. ފެންމަތީގައި އޮންނަލެއް ރީތިވެފައި، ކަނޑަށް ގަދައެވެ. ބަޑުފިލާގަ ޖަހާރާޅު ދޯނީގެ އެތެއަކަށް ނުހިފައެވެ. މުސްތަފާބޭ ކިތައްމެ ދީލަތި ކެޔޮޅަކަށްވިޔަސް އެހީތެރިކަމެއް ހޯދަން ދާން ގިނަ ފަހަރަށް މީހުން ޖެހިލުންވަނީ، އެއްކަލަ ރެފްރީ މީހުންކައިރީގައި ދައްކާ ވާހަކައިގެ ސަބަބުން ނޫންނޫންތޯއެވެ.
މުސްތަފާބޭއެވެ. 2023 އަންނަންވާއިރަށް، މުސްތަފާބޭގެ ޒަމާންވީ އެކުވެރިންވެސް މުސްތަފާބޭ ދޫކޮށް ދަނީ ކޮންމެވެސް ކަމެއް އޮވެގެންކަމަށް ދެކެމާތޯއެވެ. އެވެރިން އުއްމީދު ކުރިގޮތަށް މުސްތަފާބޭ ފަހަތަށް ނުޖެހި، ތިޔަ ޢުމުރުގައިވެސް ކެޕްޓަން ބޭންޑު އަޅައިގެން ކުޅެން ނުކުންނަށް އެކުދިން ބޭނުމެއް ނުވޭ ނޫންތޯއެވެ. އެމީހުން އެވާހަކަ މާ ހަރު އަޑުންވެސް މިހާރު ދަންކަން ފަށައިފި ނޫންތޯއެވެ. މުސްތަފާބެ ވިދާޅުވީ ގޮތުންނަމަ، "ހަމައަކުނޫނޭ މިތިބީއަކީ ގިނަމީހުން. ދެންކޮންކަމެއްތޯ ނުކުރާނީ. ހަމަގައިނެތްމީހާ ކޮންކަމެއްތޯ ނުކުރާނީ. ހުރިހާކަމެއްވެސް ކުރާނެ. އެ ދެއްތޯ މިވާކަމަކީ" އެމީހުން އެތިބީ ފަހަރެއްގައި ހަމަހޭގައި ކަމުގައި ނުވެދާނެއެވެ. ހަމަ ހޭގައި ނެތްބަޔަކު ކޮންމެފަދަ ވާހަކައެއްވެސް ދައްކާފާނެއެވެ. މިއީ އަޅެފަހެ ދޮގެއްތޯއެވެ.