ނޫމަރާގެ އާބާދީ ކުޑަނަމަވެސް، ސަރުކާރުން ދޭ ސަމާލުކަމަށް ކައުންސިލްގެ ޝުކުރު

ނޫމަރާގެ އާބާދީ ކުޑަނަމަވެސް، ސަރުކާރުން ދޭ ސަމާލުކަމަށް ކައުންސިލްގެ ޝުކުރު

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2021 08:52
0

ށ.ނޫމަރާ އަކީ އާބާދީގެ ގޮތުން ކުޑަ އާބާދީ އޮތް ރަށެއް ނަމަވެސް ސަރުކާރުން ދޭ ސަމާލުކަމަށް އެރަށު ކައުންސިލުން ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނޫމަރާ ކައުންސިލާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި، ކައުންސިލަރުން ވަނީ ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ހާމަކުރައްވާ، ކައުންސިލަރުން ވަނީ މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ސަރުކާރަށް ޝުކުރުއަދާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ މަރާމާތުގެ މަސައްކަތާއި، ފަރަށް އަރާފައިވާ ބާޖު ފުން ނުކުރެވި އެކަމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ އިތުރަށް ބޮޑުވުމާއި، ކައުންސިލް އިދާރާއަށް އައު އޮފީހެއް ބޭނުންވުމާއި، ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ދަނޑެއްގެ މުހިއްމުކަން ބޮޑުވެފައިވުމާއި، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން ރަށު ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަމުގެ މަޢުލޫމާތުވެސް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް މިހާރު ލިބިދީފައިވާ ކަމަށާއި އެގޮތުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިދެވިފައިވާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރަށުގެ އާންމު ޙާލަތު އޮޅުންފިލުވާ، ރަށުގެ ޒުވާނުން މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކާއި ދުރުކުރުމަށް ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.