ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ބޭފުޅުންތަކެއް ވަކިކުރަން ނިންމުމުން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލަ ސިއްރު ކުރަން އެ ކޯޓުން ނިންމައިފިއެވެ.
ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން ވަކި ކުރަން ޕޮލިސް ބޯޑުން ކޮމިޝަނާ އޮފް ޕޮލިސްއަށް ލަފާ ދޭ އިސް އޮފިސަރުން މަގާމުން ވަކި ކުރަން ޖެހެ އެވެ. ޕޮލިސް ބޯޑުން ދިން ލަފާގެ މަތިން ހަތް އޮފިސަރަކު ވަކި ކުރަން ނިންމުމުން ސިވިލް ކޯޓުގައި ދައުވާ ކުރީ އޭގެ ތެރެއިން ފަސް މީހުންނެވެ. ފަސް އޮފިސަރުންގެ ފަރާތުން އެދިފައި ވަނީ މައްސަލަ ލައިވްކޮށްގެން ކުރިއަށްގެންދާށެވެ. އަޑުއެހުމުގެ ކުރިން އެކަމާ މެދު ގޮތެއް ނިންމަވަމުން، މުޅި މައްސަލަ ސިއްރުކޮށްގެން ކުރިއަށްގެންދަން ގާޒީ އަލީ އަބްދުﷲ ނިންމަވާފައިވާ ކަމަށް މައްސަލަ ބަލާ ސެކްޝަނުން ވަނީ ބުނެފައެެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، މި މައްސަލާގެ ޝަރީޢަތުގެ އަޑުއެހުންތައް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ، ދިވެހި މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ވެދާނެކަމެއް ކަމަށްފެންނާތީ އާއި، އަދި މި ޝަރީޢަތުގެ އަޑުއެހުންތައް ޢާއްމުކޮށް ހުޅުވާލައިގެން ހިންގައިފިނަމަ، ހުށަހެޅިފައިވާ މި މައްސަލާގައި އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމަށް މި މައްސަލަބަލާ ފަނޑިޔާއަށް ފެންނާތީވެ، މި މައްސަލާގެ އަޑުއެހުންތައް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ފަސް އޮފިސަރުން ތަމްސީލްކުރާ ދިވެހި ޗެމްބާސްގެ ވަކީލު މަރިޔަމް ނިހާޔަތު ސިވިލް ކޯޓަށް ފޮނުއްވި ސިޓީގައި، އެ މައްސަލަ ލައިވްކުރަން އެދިވަޑައިގަތް އެއް ސަބަބަކީ އާއްމު މަސްލަހަތު ހިމެނުމެވެ. އަނެއް ސަބަބަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރެވޭ ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށް ނިހާޔަތު ވިދާޅުވެފައިވެއެވެ.
ޕޮލިސް ބޯޑުން ދިން ލަފައާއިއެކު ވަކިކުރުން ނިންމި އޮފިސަރުންގެ ތެރެއިން ދައުވާކުރި 4 އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.
ކޮމެންޓު ފޮނުވާ