އިރާގުގައި ބޭއްވުނު އާންމު އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެކަމަށް ބުނެ، ނަތީޖާވަނީ އޮޅުވާލާފައިވާ ކަމުގެ ތުހުމަތު، މިއިންތިޚާބުގައި ވާދަކުރި، އިރާނަށް ތާޢީދުކުރާ ގުރޫޕްތަކުން ކޮށްފިއެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން 2003 ވަނައަހަރު، އެމެރިކާސިފައިންގެ އެހީގައި ވެރިކަމުން ދުރުކުރެވުނު ފަހުން، އިރާގުގައި ބޭއްވިގެންދިޔަ 5 އާންމު އިންތިޚާ ވެގެންދިޔައީ ރެކޯޑް އަދަދަކަށް މަދުން މީހުން ވޯޓުލާން ނިކުތް އިންތިޚާބެއް ކަމުގައެވެ.
އާދީއްތަ ދުވަހު ބޭއްވުނު މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 41 އިންސައްތަ މީހުންނެވެ.
އިރާގުގެ އިލެކްޓޯރަލް ކޮމިޝަންއިން ހާމަ ކޮށްފައިވާ، މިއިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މިއިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވަނީ، ދީނީ އިލްމުވެރިންނާއި އަދި ސިޔާސީ ގޮތުން ބޮޑު ތާއީދެއް އޮންނަ މުއްތަގާ އަލް ސަދުރު ގުޅިގެން އުފައްދާފައިވާ ހަރަކާތަށެވެ. މިގޮތުން، އިރާގް ގާނޫނުހަދާ މަޖިލީހުގެ 329 ގޮޑީގެ ތެރެއިން މި ހަރަކާތުންވަނީ 73 ގޮޑި ކާމިޔާބު ކޮށްފައެވެ.
މިއިންތިޚާބުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައިވަނީ އިރާނަށް ތާއީދުކުރާ ޕާޓީތަކާއި، އަދި ހަގުރާމަވެރި ޖަމާއަތްތައް އެކުވެގެން އުފައްދާފައިވާ ހަޝުދު އަލް ޝާބި ނުވަތަ ޕޮޕިއުލާރ މޮބިލައިޒޭޝަން ފޯސް (PMF) އަށެވެ.
މީގެއިތުރުން، ކުރިން އިރާގުގެ ގާނޫނުހަދާ މަޖިލިހުގައި ދެވަނައަށް އެންމެ ގިނަ ގޮޑިތައް ފުރަމުން އައި ފަތަޙް އެލަޔަންސްއަށް ލިބުނު ގޮޑިތަކުގެ އަދަދުވަނީ 48 ގޮޑިއަށް ތިރިވެފައެވެ.
"އަހަރެމެން އިންތިޚާބުގެ ނަތީ ގަބޫލެއް ނުކުރަން، އަހަރެމެން މައްސަލަ ހުށަހަޅާނަން،" ފަތަހް އެލަޔަންސްއާއި އަދި އެހެން ޕާޓީތައްވެސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"އަހަރެމެން، ވޯޓު އޮޅުވާލުން ހުއްޓުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އިރާގުގައި، 2014 ވަނަ އަހަރުން 2018ވަނަ އަހަރަށް ބޮޑުވަޒީރުކަން ކުރި ހައިދަރު އަލް އަބާދީގެ ޕާޓީގެ ފަރާތުންވެސް ސޮއިކޮށް ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
އިރާނުން ތާއީދުކުރާ، އިރާގުގެ ޓީވީ ޗެނެލެއްގައި ކަމުގައިވާ ޗެނަލް އަލް އަހަދުން، އިރާނަށް ތާއީދުކުރާ، އެންމެ ނުފޫޒުގަދަ އެއްފަރާތް ކަމުގައިވާ ހާދީ އަލް އާމިރި ވިދާޅުވެފައިވަނީ ވޯޓު "އޮޅުވާލާފައި" ވާކަމުގައެވެ.
"އޮޅުވާލާފައިވާ ނަތީޖާއެއް އަހަރެމެން ގަބޫލު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވިކަމަށް އަހަދު ޓީވީ ޗެނަލްއިން ރިޕޯޓު ކޮށްފައި ވެއެވެ.
މިއިންތިޚާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ބުނެފައިވަނީ، އިންތިޚާބުގައި ވޯޓު ލާފައިވާ މީހުންގެ އާދަޔާ ޚިލާފަށް މަދުވުމަކީ، އިރާގުގެ ސިޔާސީ ފަރާތްތަކުން ބަލައިގަންނަޖެހޭ ވަރުގަދަ މެސެޖެއްކަމުގައި ދެކޭކަމުގައެވެ.