ރާއްޖޭގެ ޖަލުތަކުގައި ވާނުވާ ބަންދުގައި މިހާރު އެއްވެސް މީހަކު ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތަފްސީލީ ގޮތެއް އަލި އަޅުވާލައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޝަރީއަތް ނުކުރެވި ޖަލުގައި ބަންދުކޮށްފައި މީހުން ބޭތިއްބުމަކީ މިސަރުކާރުން ތާއީދު ކުރާނެކަމެއް ނޫންކަމަށެވެ. އަދި އެއީ ސަރުކާރުން ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ވައުދެއްކަމަށެވެ.
ސަލީމް ވިދާޅުވީ މިހާރު ޖަލުތަކުގައި ވާނުވާ ބަންދުގައި އެއްވެސް މީހަކު ނުހުންނާނެކަމަށެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، 300 އަށްވުރެ މީހުން ޖަލުތަކުގައި ވާނުވާގައި ތިބިއިރު މިމައްސަލައަށް ހައްލު ގެނައުމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 65 މެމްބަރުންގެ މަސައްކަތުން ޖިނާއީ އިޖުރާތު ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް މިކަމަށް ނިމުން ގެނުވާފައިވާކަމަށެވެ. ޖަލުތަކުގައި ޝަރީއަތް ނުކުރެވި، ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރެވި، ނުވަތަ އެމީހަކު ކުރި ކުށަކީ ކޮބައިކަން ނޭގި ޖަލުގައި އޮތް އެއްވެސް މީހަކު މިހާރު ނުހުންނާނެކަމަށް ސަލީމް ވިދާޅުވިއެވެ.
ފަހުގެ ތާރީހުގައި ޖަލުގައި ވާނުވާގައި މީހުން ބޭތިއްބައި، ކަށަވަރުކޮށްދޭންޖެހޭ ޞިއްޚީ ފަރުވާ ނުދިނުމުން ދިމާވި ހިތާމެވި ހާދިސާތަކަށްވެސް ސަލީމް ވަނީ އަލި އަޅުވާލާފައެވެ.
ޖަލުތަކުގެ ޞިއްޚީ ހާލަތު ރަނގަޅު ކުރުމަށްސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ މިވީ 1،000 އަހަރުގެ ދިގު ތާރީހުގައި ޖަލުގައި ޞިއްޚީ ފަރުވާދޭނެ ޚާއްސަ މަރުކަޒެއް ޤާއިމް ކުރީ މިސަރުކާރުން ކަމަށެވެ. އެމަރުކަޒުގައި، ބޭސްފަރުވާނެ ގިނަ އިންތިޒާމު ތަކެއް ހަމަޖެހިފައިވާއިރު، ގިނަ ބަލިތަކަށް ފަރުވާދެވޭނެ ގޮތްވެސް ހަމަޖައްސަވާފައިވާކަމަށެވެ.
ޖަލުގައި މިހާރު ލެބޯޓަރީގެ ޚިދުމަތްތަކާއި، އެކި ސާމްޕަލްތައް ހެދޭނެ އިންތިޒާމާއި، ކުދި ކުދި ޓެސްޓުތަކާއި، ސާޖަރީތައްވެސް ހެދޭނެއިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް ޖަލުގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެކި ބަލިތަކަށް ފަރުވާއަސް އެދުނު 6366 މީހުންގެ ތެރެއިން 6216 މީހަކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިބަލިތަކުގެ ތެރޭގައި ހިމެނޭ މީހުންނާއިއެކު ޚާއްސަ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް އެދުނު، 1141 މީހުންގެ ތެރެއިން 1787 މީހަކު ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކާފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަލުގައި ތިބީ ތަފާތު ކުށްތަކުގައި ބަންދު ކުރެވޭ މީހުންކަމުގައި ވީނަމަވެސް އެއީވެސް އަސާސީ ހައްގުތަށް ލިބެންޖެހޭ މީހުންކަމަށް ގަބޫލުކޮށް މިސަރުކާރުން އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ކަށަވަރު ކޮށްދެއްވަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ