ގޮޓަބަޔަ ރާޖަޕަކްސް ރައިސްކަމުގެ ހުވާ ކުރައްވަނީ

ވައުދު ފުއްދެމުން ނުދާކަމަށް ސްރީލަންކާގެ ރައީސް އެއްބަސްވެ ވަޑައިގެންފި

ވައުދު ފުއްދެމުން ނުދާކަމަށް ސްރީލަންކާގެ ރައީސް އެއްބަސްވެ ވަޑައިގެންފި

ގުޅުންހުރި

ބޭރުފައިސާ ލިބުން ދަތިވެ، ސްރީލަންކާއަށް ކާބޯތަކެއްޗާއި، ބޭހާއި އަދި އެނޫންވެސް އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ ދަތިކަން އިންތިހާއަށް ފޯރާފައިވާއިރު، އިންތިޚާބުގައި ވެވަޑައިގެންނެވި ރިޔަސީ ވައުދުތައް ފުއްދެމުން ނުދާކަމުގައި ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ޚިދުމަތްތައް ފޯރުކޮށް ދެވެމުން ނުދާތީ، ރައްޔިތުން ފަހަރެއްގައި އަހަރެންނަށް އަދި އަހަރެންގެ ސަރުކާރަށްވެސް ހިންހަމަ ނުޖެހުންތައް ހުރެދާނެ،" ރާޖަޕަކްސަ ވިދާޅުވެފައިވާކަމަށް އާދީއްތަ ދުވަހު އޭނާގެ އޮފީހުން ބުނެފައި ވެއެވެ.

"އަހަރެން އެކަން ގަބޫލުކުރަން. އަހަރެން އެކަންޏެއް ނޫން، ހުރިހާ ވަޒީރުންވެސް އަދި ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންވެސް އެކަން ގަބޫލުކުރަން ވާނެ،" ސްރީލަންކާގެ އަސްކަރިއްޔާ އުފެއްވިތާ 72 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖައްސާއެއްގައި އެގައުމުގެ ސިފައިންނާ މުޚާތަބުކޮށް ވާހަކަ ދައްކަމަވަމުން ގޮޓަބަޔަ ވިދާޅުވެފައި ވެއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ، ބޭރު ފައިސާ ލިބުމުގެ ދަތިތަކުގެ ސަބަބުން، އެގައުމުގެ 21 މިލިއަންގެ އާބާދީއަށް ބޭނުންވާ އަސާސީ ތަކެތި އެތެރުކުރުމުގައި ވަނީ ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހިފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ސްރީލަންކާގެ ސަރުކާރަށް ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށް، އަދި އާންމު ރައްޔިތުނަށް ދޫކުރާ އަސާސީތަކެތި ކޮންޓްރޯލް ކުރަން މަޖުބޫރު ވިއެވެ.

ފާއިތުވި ހަފްތާގެ ހުކުރު ދުވަހު ސްރީލަންކާގެ ސަރުކާރުންވަނީ، ފަހުން އަގު ބޮޑުވާނެކަމަށް ބަލާ، މީހުން ކާބޯތަކެއްޗާއި އަސާސީތަކެތި ގަނެ ރައްކާކުރުން ހުއްޓުމަކަށް ގެނައުމުގުގެ ގޮތުން، އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސްފައެވެ.

ވެވަޑައިގެންނެވި ވައުދު ފުއްދެމުން ނުދާކަމުގައި ގޮޓަބަޔަ ވިދާޅުވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ސްރީލަންކާގެ ސަރުކާރުންވަނީ، ކެއްކުމަށް ބޭނުންކުރާ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭހުގެ އަގު ހޯމަ ދުވަހުން ފެށިގެން 85 އިންސައްތައިން ބޮޑު ކޮށްފައިވާކަން އިއުލާން ކޮށްފައެވެ.

އަދި މީގެ އިތުރުން، ފުށާއި ސިމެންތީގެ އަގުވެސް ވަނީ 10 އިންސައްތައިން މައްޗަށް ގޮސްފައެވެ.

ސްރީލަންކާގެ ސަރުކާރު ކުންފުންޏެއް ކަމުގައިވާ ޕެޓްރޯލިއަމް ކޯޕަރޭޝަންއިން ބުނެފައިވާ ގޮތުގައި އެކުންފުނިންވަނީ، ހަކަތައިގެ ހުރިހާ ބާވަތެއްގެ ރީޓެއިލް އަގުތަށް ބޮޑުކުރުމަށް ސަރުކާރުގައި އެދިފައެވެ. އަދި މިއަގުތައް ބޮޑުކުރުމަށް ސަރުކާރުގައި އެދެންޖެހުނީ، މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު އެ ކުންފުންޏަށް ލިބިގެން ގޮސްފައިވާ 350 މިލިއަން ޑޮލަރުގެ ގެއްލުން ފޫބެއްދުމަށްކަމަށްވެސް ކުންފުނިން ބުނެފައިވައެވެ.

2019ވަނަ އަހަރުގެ ނޮވެމްބަރު މަހު ގޮޓަބަޔަ ރާޖަޕަކްސް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ސްރީ ލަންކާގެ ފޮރިންގ ރިޒާވުގައި 7.5 ބިލިއަން އެމެރިކާ ޑޮލަރު ހުރި ނަމަވެސް، މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އައިއިރު، އެގައުމުގެ ފޮރިން ރިޒާވްވަނީ 2.5 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސްރީލަންކާއިން ދައްކަން ޖެހިފަހުރި ބޮޑެތި ބޭރުގެ ދަރަނިތައް އެގައުމަށް ދެއްކިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ