އިރާގުގައި ހަރަކާތްތެރި ވަމުންދާ އައިސިސް ޖަމާއަތުގެ އިސް ލީޑަރެއް ކަމުގައިވާ ސާމި ޖާސިމް އިރާގު ސިފައިން ހައްޔަރު ކޮށްފިއެވެ.
އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ޚަދީމީ ވިދާޅުވެފައިވާ ގޮތުގައި، ސާލިމް ޖާސިމްއަކީ، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފައިނޭންސްގެ ކަންކަމާބެހޭ އެންމެ އިސްފަރާތުގެ އިތުރުން، އޭނާއަކީ، އެ ޖަމާއަތުގެ މަރާލެވިފައިވާ ލީޑަރު އަލް ބަޢުދާދީގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައިވެސް ހަރަކާތްތެރި ވެފައިވާ މީހެކެވެ.
"އަހަރެމެންގެ ބަތަލުން (އިރާގު ސިފައިން) އިންތިޚާބުގެ ކަންކަމުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔައިރު، އެމީހުންގެ އެންމެ ގާތްއެކުވެރިން (އިރާގުގެ ޖާސޫސީ އިދާރާއަށް ނިސްބަތްވާ ފަރާތްތައް) ގެންދިޔައީ، ސާލިމް ޖާސިމް ހައްޔަރު ކުރުމަށްޓަކާ ހިންގަމުންދިޔަ އުދަގޫ އޮޕަރޭޝަން ކުރިޔަށް ގެންދަމުން،" މި އޮޕަރޭޝަނާ ގުޅުންހުރި އިތުރު މަޢުލޫމާތު ނުދެއްވާ، ބޮޑުވަޒީރު މުސްތަފާ އަލް ޚަދީމީ ވިދާޅުވެފައި ވެއެވެ.
އައިސިސް ޖަމާއަތުގެ ލީޑަރު އަލް ބަޢުދާދީ މަރާލާފައިވަނީ 2019ވަނަ އަަހަރު އެމެރިކާ ސިފައިން ސީރިއާގެ ހުޅަނގު އުތުރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
އަދި އޭރު އެމެރިކާސިފައިންވަނީ އައިސިސް ޖަމާއަތުގެ ލީޑަރުންގެ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް ފައިސާގެ ބޮޑެތި އިނާމްތައްވެސް ހުށަހަޅާފައެވެ. މީގެތެރޭގައި ސާލިމްވެސް ހިމަނާފައި ވެއެވެ.