ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރުދައްކާ، އަމަލު ނުހިންގުމަށް އިލްތިމާސްކޮށްފި

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރުދައްކާ، އަމަލު ނުހިންގުމަށް އިލްތިމާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2021 12:26
0

ރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން ގޮވާލައިފިއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާކަމަށެވެ.

ފަނޑިޔާރުންނަކީވެސް އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން މުޖްތަމަޢުގެ ތެރޭގައި ދިރިއުޅޭ ބަޔަކަށް ވާއިރު، ފަނޑިޔާރަކު ނިންމާ މައްސަލައަކާ ގުޅިގެން އެފަނޑިޔާރާގުޅޭ ގޮތުން ޙަޤީޤަތެއްނެތް ވާހަކަ ސޯޝަލް މީޑިއާ އާއި އެނޫންވެސް ތަންތަނުގައި ފާޅުކޮށް، ފަނޑިޔާރުގެ މަސައްކަތާމެދު ސުވާލު އުފައްދައި ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ޢަދުލު އިންޞާފުގެ ދާއިރާއާމެދު ނުރަނގަޅު ތަސައްވުރެއް އުފެދި، ޝަރުޢީ ދާއިރާ ހަރުދަނާކޮށް އިތުބާރު ހޯދުމަށް ހުރަސްތަކެއް މެދުވެރިވާނެކަމެއް ކަމުގައެވެ.

ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، އެކަމުގެ މަސްލަޙަތު އޮތް ފަރާތްތަކުން އެ ނިންމުމެއް އެއަށްވުރެ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުގެ ހިފުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ. އެ މަގު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ފަނޑިޔާރުންގެ ނިންމުންތަކާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމަކީ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ ޢާއިލާގެ މެންބަރުން ސަލާމަތާއި ރައްކާތެރިކަން ގެއްލުވައިލުމަށް ހުޅުވަދެވޭ ފުރުޞަތެއްކަމުގައި ނޫނީ ނުވާނެކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

އެޖަމްއިއްޔާއިން ވަނީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމަށް ފަނޑިޔާރުންނަށް ހުރަސް އެޅޭފަދަ ކަންކަން ނުކުރުމަށާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭފަދަ ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކުމަށް ގޮވާލާފައެވެ. އަދި ފަނޑިޔާރުން މަސައްކަތްކުރުމުގައި ޤާނޫނާއި ގަވާއިދާ ޚިލާފުވާކަމަށް ދެކޭ ނަމަ އެކަންކަމާގުޅޭ ގޮތުން ޢަމަލުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އިޖްރާއާތުގެ ތެރެއިން ޢަމަލުކުރުމަށް ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.