އެއްވެސް ކަމަކާއި ގުޅުވައިގެންވެސް އަދި އަދި އެއްވެސް މުނާސަބަކާއި ގުޅިގެންވެސް ފިލްމު ހެދުމަކީ ސަރުކާރުގެ މިނިސްޓްރީތަކުން ކުރަންޖެހޭ ކަމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މުހައްމަދު ތަކުރުފާނުގެ ގައުމީ ޖިހާދަށް ފިލްމެއް އުފައްދަން ހޯމް މިނިސްޓްރީ ނިންމި ނިންމުމާއި ގުޅިގެން، ވައްޑެ ވިދާޅުވީ ބޮޑު ތަކުރުފާނުގެ ޤައުމީ ޖިހާދަށް ފިލްމެއް ހެދުމަކީ ވަރަށް ރަނގަޅު ކަމެއްކަމަށެވެ. ނަމަވެސް މަސައްކަތަކީ އެއީ ރާއްޖޭގެ މިނިސްޓްރީ ތަކުންނާއި، އަދި ވަކިން ޚާއްސަކޮށް ހޯމް މިނިސްޓްރީން ކުރަންޖެހޭ ކަމެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މިމަސައްކަތް ކުރުމަށް ވަކި ޚާއްސަ މިނިސްޓްރީ އެއް ކަނޑައަޅާފައިވާއިރު، އެމިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ތެރެއަށް ހޯމް މިނިސްޓްރީން ވަނުމަކީ އެދެވޭ ކަމެއް ނޫންކަމަށެވެ.
ބޮޑު ތަކުރުފާނުގެ ޤައުމީ ޖިހާދަށް ފިލްމު ހެދުން ވަރަށް ރަގަޅު ކަމެއް. އެކަމު މިނިސްޓްރީ ތަކަކުން ނޫން އެކަން ކުރާނީ. އަމުދުން ތާރީޚާ އާދަކާދައާބެހޭ މިނިސްޓްރީއެއް ހުއްޓައި ހޯމް މިނިސްޓްރީ އަކުން ނޫން.
– ވައްޑެ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވީ "ބޮޑުތަކުރުފާނު" ގެ ނަމުގައި އުފައްދާ އެ ފިލްމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި އެމަނިކުފާނު ކުރެއްވި ޖިހާދާއި ގުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޅަދަރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ފެށި ބޮޑު ޕްރޮޖެކްޓްއެއް ކަމަށެވެ. އަދި އެއީ ތާރީހު ރައްކާތެރި ކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެ ކޮންމެ ހާދިސާއަކީ އޭގެ މައްޗަށް ފުންކޮށް ނަޒަރު ހިންގާ ވިސްނާލާއިރު އޭގެން ބޮޑެތިވެގެންވާ އިބުރަތްތަކެއް ލިބެނިވި, ދީނާ ގައުމަށްޓަކައި އަމިއްލައަށް ގުރުބާންވާންޖެހޭކަމުގެ ފުރިހަމަ އިހުސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލެއް،" މިނިސްޓަރު ވިދާޅުވިއެވެ. މި ފިލްމް ޑައިރެކްޓްކުރާނީ ކުރިން ސިފައިންގެ ތެރެއިން ފާހަގަކުރެވުނު ހުނަރުވެެރި ޑައިރެކްޓަރު އަޝްހަރު ވަހީދެވެ.
ކޮމެންޓު ފޮނުވާ