ޝާހިދަށް އެރުއްވި ޢިއްޒަތަކީ އެމަނިކުފާނަށް ހައްޤު ޝަރަފެއް: ނަޝީދު

ޝާހިދަށް އެރުއްވި ޢިއްޒަތަކީ އެމަނިކުފާނަށް ހައްޤު ޝަރަފެއް: ނަޝީދު

Author
މުޙައްމަދު ޖިމީ
08 އޮކްޓޯބަރ 2021 10:55
0

އދ.ގެޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް، ދިވެހި ދައުލަތުގެ އެރުއްވި އިއްޒަތުގެ ލަޤަބަލީ އެމަނިކުފާނަށް ހައްޤު ޝަރަފެއްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން މިވިދާޅުވީ، ޤައުމީ ދުވަހުގެ ޖަލްސާގައި ދިވެހި ދަޢުލަތުގެ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ޢަބްދުﷲ ޝާހިދަށް އެރުއްވުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ ޢަބްދުﷲ ޝާހިދަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ޢަބްދުﷲ ޝާހިދު ރާއްޖެއަށް ހޯއްދަވާ ދެއްވި ޝަރަފަކީ އެމަނިކުފާނަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއްކަމަށެވެ.

ނިޝާނުގެ ޢިއްޒަތަކީ އެމީހެއްގެ ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަޤްވާމީ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ ޢިއްޒަތެކެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތް ކުރެވެނީ، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންނަށެވެ.

ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ. އަދި އެ މަގާމަށް އެމަނިކުފާނު ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިޚާބުވެވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އެ މަނިކުފާނު ހޯއްދަވައިދެއްވި ފަޚުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީއެވެ. ހަމައެއާއެކު، ރާއްޖޭގެ ޚާރިޖީ ދާއިރާއަށް އެ މަނިކުފާނު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ނުހަނު އިތުބާރާއެކީ ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީއެވެ. ހަމައެހެންމެ، ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ރީތި ނަން ބައިނަލްއަޤްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންވެސް މެއެވެ.

ޢަބްދުﷲ ޝާހިދު، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ޚާރިޖީ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރު ނިމެންދެން، އެ މަގާމުގައި ދެމިހުންނެވިއެވެ.

ޢަބްދުﷲ ޝާހިދުގެ ޚާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ޤައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ، ޗައިނާ، ޖަޕާން، ސަޢޫދީޢަރަބިޔާ، ޔޫ.އޭ.އީ، ބަންގްލަދޭޝް، ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޢައްޔަން ކުރެއްވި ބޭފުޅަކީވެސް ޢަބްދުﷲ ޝާހިދެވެ. ޚާރިޖީ ވަޒީރުކަމުގެ މަގާމާ ދެވަނަފަހަރަށް ޙަވާލުވެވަޑައިގެން، ޢަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، ދުނިޔޭގެ ޤައުމުތަކުގެ އިޙްތިރާމާއި އިތުބާރު ލިބިފައިވާ ޤަދަރުވެރި އަދި ޒިންމާދާރު ޤައުމެއްގެ ގޮތުގައި ހެއްދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. މިގޮތުން، ރާއްޖެއާ ގުޅުން ހީނަރުވެފައިވާ ޤައުމުތަކާއެކު އަލުން ގުޅުން އިޢާދަކުރައްވައި ބަދަހިކުރެއްވުމާއި، އިތުރު ޤައުމުތަކާއެކު ގުޅުން ޤާއިމުކުރެއްވުމަށް އެމަނިކުފާނު ވަނީ މަސައްކަތްޕުޅު ކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.