އެންމެކުޑަ އުޖޫރަ ބޮޑުވެގެން ޤާސިމް ރައީސްއަށް ޝަކުވާ ދެންނެވި ވާހަކަ ދޮގުކޮށްފި

އެންމެކުޑަ އުޖޫރަ ބޮޑުވެގެން ޤާސިމް ރައީސްއަށް ޝަކުވާ ދެންނެވި ވާހަކަ ދޮގުކޮށްފި

Author
މުޙައްމަދު ޖިމީ
08 އޮކްޓޯބަރ 2021 09:47
0

އެންމެ ކުޑަ އުޖޫރައަށް ކަނޑައެޅި މިންވަރު ބޮޑުވެގެން ޖުމްހޫރީ ޕާޓީ ލީޑަރު ޤާސިމް އިބްރާހީމްގ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވި ވާހަކަ ޖުމްހޫރީ ޕާޓިން ދޮގުކޮށްފިއެވެ.

"އެންމެ ކުޑަ އުޖޫރައަށް ކަނޑައެޅި މިންވަރު ބޮޑުވެގެން ޤާސިމްގެ ޝަކުވާ ރައީސަށް" މި ސުރުޚީ ގެ ދަށުން އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުން އެޕާޓިން ކުށްވެރިކުރާވާހަކަ ހާމަކޮށް ޖުމްހޫރީ ޕާޓިން ނެރުނު ބަޔާނެއްގައިވަނީ، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅި މިންވަރު ބޮޑުވެގެން ޤާސިމް އިބްރާހީމް ނުރުހުން ފާޅުކުރައްވާ އަލުން އެ ޢަދަދުތައް މުރާޖަޢާ ކުރަން ނުވަތަ މިނިމަމް ވޭޖް ދޭން ފެށުން ފަސްކުރުމަށް އެދިވަޑައިގެން ކަމަށްބުނެ ދައްކާ ވާހަކައަކީ ކަނޑައެޅިގެން
ފަތުރާ ބޮޑު ދޮގެއްކަމަށެވެ.

މިނިމަމް ވޭޖްގެ މައްސަލަ ބެއްލެވި ބޯޑުން ވަކިގޮތަކަށް ނިންމި ކަމެއް ޤާސިމް އިބްރާހީމްއަށް އެހިނދަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެކަމާއި ގުޅިގެން އެއްވެސް ފަރާތަކާއި އެއްވެސް ހާލެއްގައި މަޝްވަރާކުރައްވާފައި ނުވާކަން ޔަޤީންކޮށްދޭކަމަށް ޖޭޕީން ބުންޏެވެ. އަދި މިނިމަމް ވޭޖާއި ގުޅޭގޮތުން އެއްވެސް ނޫހަކުންވެސް ނުވަތަ އެއްވެސް މީޑިއާއަކުންވެސް ސުވާލު ކޮށްފައި ނުވާއިރު، ދިޔަރެސް ނޫހުގައި މިނިމަމް ވޭޖްގެ މައްސަލައިގައި ޤާސިމް އިބްރާހީމް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ފާހަގަކޮށް ލިޔެފައިވާ ލިޔުމަކީ އެނޫހުން ކަނޑައެޅިގެން ހަދާފައިވާ ދޮގެއްކަމަށް ޖޭޕީން ބުންޏެވެ.

ޖޭޕީން ބުނީ އެޕާޓީން ދެކޭގޮތުގައި މިއީ، ރައްޔިތުންގެ މެދުގައި ޤާސިމް އިބްރާހީމް އާއިމެދު އޮންނަ އިތުބާރު ގެއްލުވާލުމަށާއި، އެމަނިކުފާނުގެ އަބުރުކަތިލުމަށާއި، ޤައުމީ ޚިދުމަތުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކާއިމެދު ޝައްކު އުފެއްދުމަށާއި، ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ކުރެވޭ ސިޔާސީ މަސައްކަތެއް ކަމުގައެވެ.

ޖޭޕީން ވަނީ، ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށް ވީހިނދު، ނޫސްވެރިން ވާންޖެހޭނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއިން، ވަކިވަކި ފަރުދުން ތަފާތު ނުވާނޭހެން ޒާތީ ތަޢައްސުބުން އެއްކިބާވެ ތިބެ ތެދު މަޢުލޫމާތު ފޯރުކޮށްދޭ އަދި ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ ހައްޤުބަސް ބުނާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ދަށް މިންވަރަކީ 5،700 ރުފިޔާ ކަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައި، އެ ލަފާ އިކޮނޮމިކް މިނިސްޓްރީއަށް ވަނީ ލަފާދީފައެވެ.

އެ ބޯޑުން  ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުގައި، ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7000ރ. އެވެ. އެއީ ހަ ގަޑިއިރުގެ މަސައްކަތަށެވެ. ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް ބަލައިގެން މަހަކު ދޭން ޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700ރ. އެވެ. މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ އަދަދަކީ 8،000ރ. އެވެ. އެއީ ވެސް އަށް ގަޑިއިރުގެ މަސައްކަތަށެވެ. ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10،200ރ. އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.