ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސް އަބުދުﷲ ޝާހިދު މަގާމުގެ ހައިސިއްޔަތުން އިއްޔެ ރާއްޖެއަށް ވަޑައިގަންނެވުމުން، ދިވެހި ސަރުކާރުން ކިޔުއްވި މަތީ ފެންވަރުގެ މަރުހަބާއަށް، ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ ޚަލީލު ފާޑު ވިދާޅުވެއްޖެއެވެ.
ޚަލީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޔޫއެންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގައުމެއްގެ ވެރިއެއްގެ ޢިއްޒަތް އަރުވަންޖެހޭނީ ހަމައެކަނި ޔޫއެންގެ ސެކްރެޓަރީ ޖެނެރަލްއަށް ކަމަށާއި، އެންމެ އަހަރަކަށް ހޮވޭ ޖެނެރަލް އެސެމްބްލީގެ ރައީސަކީ މަގާމުގެ ފަންތީގެ ގޮތުން ޔޫއެންގައި ވެރިންގެ ފެންވަރުގެ މަގާމެއް ނޫން ކަމުގައެވެ.
އެހެންކަމުން، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސް އޮނަރަބަލް ޢަބްދުﷲ ޝާހިދަށް، ރައީސަކަށް ކިޔާ ފެންވަރުގެ މަރުޙަބާ ދެންނެވުމަކީ މިހާތަނަށް ގެންގުޅޭ ޕްރޮޓޮކޯލްއާ ޚިލާފުކަމެއް ކަމުގައި ވިދާޅުވަމުން ޚަލީލް ވިދާޅުވެފައިވަނީ، ދުނިޔޭގެ ވެރިންނަށް އަރުވާފެންވަރުގެ މަރުހަބާއެއް ގާރޑް އޮފް އޮނަރއަކާ އެކީ، ފޮރިންގ މިނިސްޓަރ ޝާހިދު ޖެނެރަލް އެސެމްބްލީގެ ރައީސެއްގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވުމުން ސަރުކާރުން އަރުވާފައިވި ނަމަވެސް، މިއީ މި ފެންވަރުގެ މަރުހަބާއެއް ވިދާޅުވާންޖެހޭ ފެނަވްރުގެ މަގާމެއް ނޫންކަން އެންމެ ރަގަޅަށް އެގިވަޑައި ގަންނަވާނީވެސް، ފޮރިން މިނިސްޓަރ ޝާހިދު އާއި އެމިނިސްޓްރީގެ ވެރިންނަށް ކަމުގައެވެ.
ޚަލީލު ވިދާޅުވި ގޮތުގައި، މިކަމުން ދޭހަވަނީ، ބައިނަލްއަގުވާމީ ޕްރެކްޓިސްއާއި އެއްގޮތަށް ރާއްޖޭގައި އޮތް މަރުޙަބާ ދެންނެވުމުގެ ނިޒާމު އަމިއްލަ އިއްޒަތް މަތިކުރަން ފުނޑާލާފައިވާ ވުންކަމަށާއި، އަދި ސަރުކާރުގެ ބަލިކަށިކަމުގެ ފައިދާ ޝާހިދު ނެންގެވުން ކަމުގައެވެ. އަދި ޚަލީލް ފާހަގަ ކުރައްވާފައިވާ ގޮތުގައި، ފޮރިންގ މިނިސްޓަރ ޝާހިދަށް ސަރުކާރުގެ ފަރާތުން ވިދާޅުވި މަތީ ފަންތީގެ މަރުހަބާއިން ދޭހަވެގެން ދަނީ، 2023ގައި ރައީސް ސާލިހަށް ފުރުސަތު ނެތްކަން ކަމާއި، އަދި އެފުސަތު އޮތް ބޭފުޅަކީ ފޮރިންގ މިނިސްޓަރ ޝާހިދަށްކަން ހާމަ ކުރުން ކަމުގައެވެ.
ފާއިތުވި ސެޕްޓެމްބަރު މަހުގެ 14ވަނަ ރަސްމީގޮތުން ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވި، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
އަދި މިދަތުރުފުޅުގައި ޝާހިދު ގެންދަވަނީ ދައުލަތުގެ އިސްވެރިންގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތްތައް ކުރެއްވުމުގެ އިތުރުން، ރާއްޖޭގައި ބާއްވަމުންދާ ތަފާތު ފޯރަމްތަކުގައިވެސް މަގާމްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ޝާހިދުގެ މިދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމުން ސަރުކާރުން ވަނީ ޝާހިދަށް ގާރޑް އޮފް އޮނަރއަކާއެކީ، ރަތްދޫލައިގެ މަރުހަބާއެއް ވިދާޅުވެފައެވެ. ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ގާރޑް އޮފް އޮނާރއާއެކީ ސަރުކާރުން މަރުހަބާ ވިދާޅުވުމަކީ، ގައުމުތަކުގެ ވެރީގެން ފެންވަރުގެ ބޭފުޅުންނަށް އާންމު ގޮތެއްގައި މަރުހަބާ ކިޔުއްވުމުގައި ސަރުކާރުން ގެންގުޅުއްވާ އާދައެއްކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ