މުސްތަފާ ބެއަކީވެސް އަޅުގަނޑުމެން މިކިޔާ ޖަޒީރާ ރާއްޖޭގެ ފުރަމާލެއަށް ނިސްބަތްވާ ޚާންދާނުގެ ތެރެއިން މިގައުމަށް ޚިދުމަތް ކުރަމުންދާ ބޭފުޅެކެވެ. އެހެންވީމާ، އެޚާންދާނުގައި ހުރި ތޫނުފިކަމަކާއި، ތެދުވެރިކަމަކާ ސާދާ ސީދާކަމެއް މުސްތަފާބެ ކިބައިގައިވެސް ހުންނަންވާނެ ނޫންތޯއެވެ. މިފާހަގަކުރި ސިފަތައް މުސްތަފާބެ ކިބައިގައި ހުރިކަމަށް ގިނަބަޔަކު ގަބޫލުކުރޭވެސް މެއެވެ. މުސްތަފާބޭގެ ވާހަކަދެއްކުމުގެ ކުޅަދާނަކަން ޖަލްސާތަކުން ފެނެއެވެ. އެހެންކަމުން، މުސްތަފާބޭގެ ކިބާގައި އެހެން މީހުންގެ ސަމާލުކަން ހޯދާ ކަހަލަ އާދަޔާ ޚިލާފު ސިފަތަކެއް ހުންނަކަމުގައި އަހަރެންވެސް ގަބޫލު ކުރަމެވެ. އަދި ރާއްޖޭގައި ދިއްލުނު، ޢިލްމީ އެތައް ދަންމަރެއް ދިއްލުނު އެއްޢާއިލާއަކީ މުސްތަފާބެ ޢާއިލާ ނޫންތޯއެވެ.
އެހެންނަމަވެސް، މުސްތަފާބޭގެ އާއިލާއަށް ލިބިގެންވާ މިހުރިހާ ޝަރަފަކާއި، ގަދަރަކާއި، އަދި މުސްތަފާބޭގެ އާއިލާއިން މިރާއްޖެއަށް ކޮށްދިން ޚިދުމަތްތަކުގެ ވާހަކަތައް ދެއްކުމަށްވުރެ ބޮޑަށް އަހަރެންނަށް މިވަގުތު އައުލާކަން ބޮޑީ މުސްތަފާބޭގެ ޚިދުމަތްތަކުގެ ވާހަކަ ދެއްކުމެވެ. އެކަންކަމުގެ މަތިން ހަދާންއާކޮށް، މުސްތަފާބޭގެ ކުޅަދާނަކަމާއި ގާބިލްކަމާއި، ހިކުމަތްތެރިކަމާއި، ވިސްނުންތެރިކަމާއި، އަދި މުސްތަފާބޭގެ ކިބާގައިހުރި އަމާޒަށް އުންޑަޖެހުމުގެ ކުޅަދާނަކަމުގެ ވާހަކަވެސް ދައްކާލުމަށެވެ.
މުސްތަފާބެއަށްވެސް އިގޭނޭފަދައިން، ރާއްޖޭގެ ސީޔާސީ ޖައްވުގައި މިއަދު ގަދަޔަށް ފިޔަޖަހަމުންދާ އެންމެ އަލިގަދަ އެއްތަރިއަކީ، މުސްތަފާބެ ނޫންތޯއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ލޯތައް ހުއްޓިފައިވަނީ މުސްތަފާބޭގެ ތަގްރީރުތަކާއި ރިޔާސަތުގެ ފުރިހަމަކަމުން ނޫންތޯއެވެ. މިއީ، ދިވެހިރައްޔިތުންނަށާއި، މުސްތަފާބެއަށް ލިބުނު ފަޚްރަކާ ޝަރަފެއްކަމަށް އަހަރެމެންގެ ތެރެއިން ގިނަބަޔަކު ގަބޫލުކުރެއެވެ.
މުސްތަފާބެއެވެ. ދިވެހިރައްޔިތުންގެ ބައިތުލްމާލުން އެތައްސަތޭކައެއް ހޭދަކޮށްގެންނަމަވެސް، ތިޔަބުނާ ފަޚްރަކާ ޝަރަފު ހޯދަންޖެހެއެވެ. އެޝަރަފް ލިބިގެން ދިޔައީ، ހަމައެކަނި މުސްތަފާބެއަށް އެކަނިނޫންކަން މުސްތަފާބެ ހަނދާނުގައި ބަހައްޓަންވާނެއެވެ. އަހަރެންމެން ގަބޫލުކުރާ ގޮތުގައި މުސްތަފާބެއަށް ޝަރަފުވެރި ނަމެއް ލިބިގެން ދިޔައީ، އެތައް ރައްޔިތެއްގެ އެތައް ގުރުބާނީ އަކުންނެވެ. މުސްތަފާބެއެވެ. މިގައުމުގެ ދިދަ އަބަދުވެސް ހިފަހައްޓަންވާނީ އޮލަބަށް ތެދަށް ރަހައަށެވެ. މިހެން ބުނަން މިޖެހުނީ ސަބަބުތަކެއް ނެތި ނޫންކަން މުސްތަފާބޭވެސް ގަބޫލުރާނެއެވެ.
އެއީ، މުސްތަފާބޭގެ ކުރިން ތިޔަ މަގާމުގައި ހުންނެވި އެއްވެސް ބޭފުޅަކަށް އެބޭފުޅެއްގެ ގައުމަށް ހޯދައި ނުދެވުނު ފަޚްރަކާ ޝަރަފެއް، މުސްތަފާބޭ ތިޔަ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ހޯދައި ދިނުމަށް ކޮށްފައިވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. މުސްތަފާބޭވެސް ގަބޫލުކުރާނޭ ފަދައިން، ދުނިޔޭގެ ގައުމު ތަކުގެ ނިސްބަތުން، ގިނަ ބަޔަކު އަދިވެސް ގަބޫލުކުރަނީ ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައެވެ. އަހަރެންވެސް އެކަން ގަބޫލު ކުރަނީ ހަމަ އެބީދައިންނެވެ.
އެހެންނަމަވެސް، މި ގައުމު ކުޑަޔަސް އަދި މީސްކޮޅު މަދަސް ދުނިޔޭގެ ކުރިމަތީގައި އަހަރެމެންގެ މި ޖަޒީރާ ގައުމުގެ ނަން އެތައް ގުނައަކަށް މުސްތަފާބޭގެ މަސައްކަތުން އުފުލިއްޖެކަން އެންމެންވެސް ގަބޫލުކުރެއެވެ. މިސާލަކަށް ދުނިޔޭގެ މަޝްހޫރު ބުރެޒީލާ އެއްވަރަށް އެގައުމުގެ ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭގެ ނަންވެސް މަޝްހޫރެވެ. އާޖެންޓީނާއަކީ ދުނިޔޭގެ ގައުމުތަކުގެ ނިސްބަތުން ގުނާލެވޭ ގައުމެކެވެ. އެކަމަކު އެގައުމުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ "ޑިއެގޯ މަރަޑޯނާ" ގެނަން ދުނިޔޭގެ ކަންކޮޅުތަކުގައި ކިހާ މަޝްހޫރުތޯއެވެ. ހަމައެފަދައިން ޔޫރަޕް ކުޑަކުޑަ ގައުމެއް ކަމަށްވާ ޕޯޗްގަލަށްވުރެ އެގައުމުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން އެހާމެ މަޝްހޫރެވެ. މީގެން އެގެނީ ބައެއް ހާލަތްތަކުގައި ގައުމު މަޝްހޫރުވެފައި، އަނެއްބައި ހާލަތްތަކުގައި މީހާ މަޝްހޫރު ވެގެންދާކަމެވެ. މިގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަކީ، ޕޯޗްގަލްގެ ރައްޔިތެކެވެ. އޭނާއަކީ ދުނިޔެއަށް އެހާ މަޝްހޫރު ބޭފުޅެއްނޫނެވެ. އެހެންނަމަވެސް އެގައުމުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ދުނިޔެއަށްކިހާ މަޝްހޫރުތޯއެވެ. މުސްތަފާބޭ ނިކަން ދެކިބަލާށެވެ. މިއީ، މަޝްހޫރު ވުމުގައި ހުރި ތަފާތު ނޫންތޯއެވެ.
ކުޑަކުޑަ ގައުމަކަށް ނިސްބަތްވާ އަދި ބަރުދަނުގެ ގޮތުން ސާޅީސްފަސްކިލޯ ހަމަނުވާ މުސްތަފާބެ ތިޔަނެގި ބޮޑުޒިންމާގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ ވެރިން ލޯތައް ހައިރާކޮށް، އަންތަރީސް ކުރުވައިފިއެވެ.
މުސްތަފާބެއަށް ކުރެވުނު ރަގަޅު ކަންތައްތަކެއް ވާނަމަ އެކަންތައް ބަލައިގަންނަން ޖެހެއެވެ. މުސްތަފާބެއަކީ، ތަޖްރިބާކާރު ބޭފުޅެކެވެ. އެހެންނަމަވެސް، ކިތަންމެ ތަޖުރިބާއެއް ހުއްޓެއްކަމަކު، މުސްތަފާބޭއަށްވެސް ގޯހެއް ހެދިދާނެކަމަށް އަހަރެންވެސް ގަބޫލުކުރަމެވެ. އަދި، ހަމަ މިއުސޫލުން މުސްތަފާބޭވެސް ގޯސްކަމެއް ކޮށްފިނަމަ، އެވާހަކަދައްކާނެ މީހުން ތިބޭނޭކަމުގައި މުސްތަފާބޭވެސް ގަބޫލުކުރަން ވާނޭ ނޫންތޯއެވެ. އެވާހަކަތައް އަދި މުސްތަފާބެ އަޑުއަހައި ކަންކަން އިސްލާހްކުރަންވެސް ޖެހޭނެއެވެ.
މުސްތަފާބެއެވެ. މިދޭތެރެއަކުން ނޫސްތަކުން ފެނިގެންދިޔައީ މުޅިން ތަފާތު ވާހަކައެވެ. ޖަޒީރާ ރާއްޖޭގެ ރައްޔިތުންނަށް ބޭރުގައުމަކުން ހަދިޔާއެއްގެ ގޮތުގައި ފައިފުއްސެއް ނުވަތަ މުސައްލައެއް ކަހަލަ އެއްޗެއް ވެދުންކުރި ވާހަކައެވެ. މުސްތަފާބޭގެ މައްޗަށް އެކިއެކި ކަންކަމުގައި ބައެއް ބޭފުޅުން ފަތްކޯޅިއާ ސިޓީ އުރައާ އަދި ނުވިތާކަށް ނުރުހުމުގެ އިނގިލިވެސް ދިއްކުރޭ ނޫންތޯއެވެ. އެހެންނަމަވެސް އެކަމާ މުސްތަފާބެ ކަންބޮޑުވާނެ ކަމެއްނެތެވެ. އެކަންކަމުން ރެކިގަންނާނެ އުކުޅުތައް ދަންނަ މަދުމީހުންގެ ތެރޭގައި މުސްތަފާބެ ހިމެނޭނެކަމީ އަހަރެންނެކޭ އެއްފަދައި އެންމެހާ ދިވެހި ރައްޔިތުންވެސް ގަބުލުކުރާ ވަރަށް ބޮޑު ހަގީގަތަކަށް ވާތީއެވެ.
މުސްތަފާބެއެވެ. ބްރެޒިލްގެ މަޝްހޫރު އެމޭޒަން ޖަންގައްޔަކީ، ހުރިހާ ބާވައްތެއްގެ ޖަނަވާރުތައް އުޅޭ ތަނެއް ނޫންތޯއެވެ. އެ އެއްޗެތީގެ ނުރައްކާތެރިކަމާ ބިރުވެރިކަމާ ވިހަގަދަކަން މުޅި ދުނިޔެ ދަނެއެވެ. އެފަދަ ތަނަކުން ސަލާމަތްތެރިކަމާއެކު އިންސާނަކު އަންނާނެނަމަ، އެވަރުގެ ބުއްދި ހުރި މީހަކީ މުސްތަފާބެކަން ގިނަބަޔަކު މިއަދު ގަބޫލުކުރެއެވެ. އެހާވެސް ވިސްނުމުގެ ތޫނުކަމާއި ހުޝިޔާރުކަން ހުރިކަން މުސްތަފާބެ ދަންނަ މީހަކުވިއްޔާ އެކަން ގަބޫލުކުރާނެކަން ކަށަވަރެވެ.
މުސްތަފާބޭގެ ހިޔަޅުކަމުގެ ވާހަކައަކީވެސް ގިނަބައެއްގެ މެދުގައި ސިއްރުންދެކެވޭ މަޝްހޫރު ވާހަކައެއްނޫންތޯއެވެ. މުސްތަފާބެއަކީ ހޫނުގަދަ ތަނެއްގައި ބެހެއްޓިޔަސް ނުވަތަ ފިނި ތަނެއްގައި ހުންނަން ޖެހުނަސް ޝަކުވާއެއްނެތި އެތަނެއްގައި ހުންނާނެކަން ކަށަވަރުވާ ބޭފުޅެކެވެ. މުސްތަފާބޭގެ ސިކުޑީގައި ހޫނުގަދަތަނެއް ފިނިކުރާނެ ގޮތާއި، ފިނިގަދަތަނެއް ހޫނުކޮށްގެން ހުންނަންޖެހުނަސް މުސްތަފާބެ ހުންނާނީ އެކަންވެސް ކޮށްގެންނެވެ. މުސްތަފާބެ އެކަންކުރާނީ އާދައިގެ އިންސާނެއްގެ ބުއްދިއާ ވިސްނުމާ ފިކުރަށްވެސް ނުގެނެވޭހާ މޮޅަށްކަންވެސް އަހަރެން ދަންނަމެވެ.
މުސްތަފާބޭއެވެ. މުސްތަފާބެއަކީ ޖަޒީރާ ރާއްޖޭގެ ބޭރާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާއޮތް ފަރާތްނޫންތޯއެވެ. މިފަހަކަށްއައިސް މުސްތަފާބެ ގިނައިން ތިޔަހުންނަވަނީ ޖަޒީރާ ރާއްޖޭން ބޭރުގަ ނޫންތޯއެވެ. ތިޔަ ތަނުގައި މުސްތަފާބެ ހުންނަވައިގެން ބައެއްފަހަރު ނެގޭ ފޮޓޯތަކަކީ، ޖަޒީރާ ރާއްޖޭގެ ރައްޔިތުން އެއްގޮތަކަށްވެސް ދެކެން ބޭނުންވާ ކަހަލަ ފޮޓޯ ތަކެއްނޫނެވެ. އެއީ އަހަރެމެން ގަބޫލުކޮށްގެން މިތިބަ ތިބުމާ ނުގުޅޭ ކަންކަމަށްވާތީ އެފޮޓޯތައް ހަމަކަމުނުދަނީއެވެ. އެތަންތަނާ އެތައްހާސްމޭލު ފެޔަށް ޖެހޭކަން ނުވޭތޯއެވެ. ޚާއްޞަގޮތެއްގައި މުސްތަފާބެއަށް ބުނެލަން އޮތީ "ހުދާއި ރަތާ ފެހީގެ ނިޝާން މިރާއްޖޭ މަތީ ވިހުރާލާށޭ" ބުނާފަދައިން ދިވެހިންގެ މި ލޮބުވެތި ފަސްގަނޑަށް އުނިކަންލިބޭ އެއްވެސްކަމެއް ވާކަށް ދިވެހިން ނޭދޭނެ ވާހަކައެވެ. އެކަންކަމުގެ މައްޗަށް އަބަދުވެސް މުސްތަފާބެ ސަމާލުކަން ދޭންޖެހޭނެ ވާހަކައެވެ. އެހެނީ އަހަރެމެންގެ ކާބަފައިންނަކީ، އެއްވެސް ބައެއްގެ އުގަށްވެއްޓިގެން އުޅުނު ބައެއްނޫންކަން އެންމެ ރަގަޅަށް އެގޭނެ އެއްބޭފުޅަކީވެސް މުސްތަފާބޭ ކަމުގައި ވާތީއެވެ.
މުސްތާފާބޭ ނިކަން ވިސްނާލަ ބަލާށެވެ. މާޒީވެދިޔަ ތިރީސް އަހަރުގެ ދިގު ދިގުތާރީޚުގައި ތިޔަ މަގާމުގައި، ކުރިން ހުންނެވި މުސްތަފާބޭގެ ބައްޕައެއްފަދަ ބޭފުޅަކީ އެއްވެސް ކަރައެއްގެ ބާރާ ނުފޫޒަށް ތަބަޢަވެގެން ބޭރު ދުނިޔޭގައި ދިވެހި ގައުމު ތަމްސީލްކުރި ބޭފުޅެއްނޫނެވެ. އެއިރުވެސް ސީނު ކަރައާއި ހިންދޫ ކަރައާއި، އަސޭކަރަ އާއި، އަދި އޮޅުދޫ ކަރަފަދަ ނުފޫޒުގަދަ ގައުމުތަކުގެ ލޯތަކުން އައީ ރާއްޖޭގެ މައްޗަށް ކަޅިއަޅަމުންކަން މުސްތަފާބޭއަށްވެސް އިގޭނެއެވެ. އެހެންނަމަވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހަރުދަނާ އަސާސްތަކެއްގެ މައްޗަށް އެކުލެވިގެންވާ ސިޔާސަތެއްކަމުން، ގައުމުގެ މިނިވަންކަމާ ސިޔާދަތަށް އުނިކަން ލިބޭ އެއްވެސް ކަމަކަށް ޖާގައެއްނުދެއްވައެވެ.
އެހެންނަމަވެސް މިހާރު އެހެން ބުނެވެން އެބަތޮތްތޯ، ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ސުވާލު އުފައްދާކަން މުސްތަފާބެއަށްވެސް ހަމަ ރަގަޅަށް އެގޭނެއެވެ. އެހެންނަމަވެސް އެކަމާ މުސްފާބޭ ކަންބޮޑުވެ ލައްވާނޭ ކަމެއް ނެތެވެ. ޝަކުވާކުރާ މީހުން ޝަކުވާ ކުރާނެއެވެ. އަހަރެން އުއްމީދު ކޮށްގެން މިހުނަންނީ، މުސްތަފާބޭގެ ތޫނުފިލިކަމުން، ވަގުތު ޖެހުމުން މުސްތަފާބޭއަށް އެކަންކަމުން ބޯދަމައި ގަނެ، ހިމަ ލޯވަޅަކުން ނަމަވެސް މުސްތަފާބޭ ދެމިގަންނާނޭ ކަމަށެވެ.
ރޭގަ މުސްތަފާބޭ ތިޔަ ހޯއްދެވި ކާމިޔާބީއަކީ މީގެ ދިރިހުރި މިސާލަކަށް ނުފުދޭ ހެއްޔެވެ. އަހަރެން ދައްކާ ވާހަކައަކީ މިއީއެވެ. ރޭގައި އެވަނީ، މުސްތަފާބޭގެ ކަރުގައި މާފަތިތައް އަޅުވާ ފުރާލާފަ ނޫންހެއްޔެވެ. ލިބުނު ހަނި ފުރުސަތުން، މުސްތަފާބޭ ތިޔަ ހޯއްދެވީ ގައުމުގެ އެންމެ މަތީ ޝަރަފެވެ. އެންމެ މަތީ އިއްޒަތެވެ. އަހަރެން މިހުންނަނީ، މިކަމަށްޓަކާ މުސްތަފާބެއަށް ކުރުނީސް ކުރާންވީ ގޮތެއްވެސް ނޭގި ބަސް ހުއްޓިފައެވެ.
މުސްތަފާބޭއެވެ. މުސްތަފާބެއަކީ، ރައްޔިތުން ގަބޫލުކުރާ ބޭފުޅެއްކަން އެންމެ ރަގަޅަށް އެގިލައްވާނީވެސް ހަމަ މުސްތަފާބެއަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ އެންމެމަތީ ހަރުފަތަށް ވާޞިލްވުމަށް މުސްތަފާބޭ އުއްމީދުކުރާތާ އެތައް އަހަރުތަކެއް ވެއްޖެ ނޫންތޯއެވެ. އެތާރީޚްތައް ފާއިތުވެގެން މިހެރަގެންދަނީ ނޫންތޯއެވެ. 2008 ން 2013 އިން 2018 ފަދަ ކޮންމެ ތާރީޚަކީ، "ހާދައުއްމީދެއްކުރީމޭ މާދަމާ ރޯޝަންކުރަން" ބޭނުންވި އުއްމީދީ ތާރީޚްތައް ނޫންތޯއެވެ.
ކުރިއަށްއޮތީ 2023 އެވެ. މުސްތަފާބޭގެ ތިޔަ އުއްމީދީ ތަސްވީރުގައި ކުލަޖައްސާލުމުގެ ވަގުތު ކުޑަތަންވަމުން އަންނާތީ ބުނެލަން ބޭނުންވަނީ "ނަގާއޮޑި ރީތިކޮށް ވައިގައި، ނުލާހިކުބާރު ދުވެލީގައި މަގާގާތަށް ދަތުރުދަނިކޮށް އަހާ ދީލާ ނުލައްވައްޗޭ" އެވެ. ދަތުރުކުރަމުން މުސްތަފާބޭ ތިޔަދަނީ ބާރު ދުވެލީގައި ރަގަޅު މިސްރާބަކަށެވެ. ތިޔައޮޑި އެހެން ދިމާލަކަށް ދީލާލުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދީގެންނުވާނެއެވެ. އެކަން އެގޮތަށް ވެއްޖެނަމަ އެއީ، ސިޔާސީގޮތުން މުސްތަފާބެއަށް ހެދޭނެ އެންމެބޮޑު ގޯސްނޫންތޯއެވެ. މީ އަޅެފަހެ ދޮގެއްތޯއެވެ.