
އެމެރިކގެ ރިޔާސީ އިންތިޚާބަށް އެންމެ ދެ ދުވަހަށް ވެފައިވާއިރު، އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުންވެސް ކުރީގައި އުޅެނީ ޑޮމިކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް ޖޯބައިޑްންކަން ޚިޔާލު ހޯދުންތަކުން ދައްކައިފިއެވެ.
އިންތިޚާބުގައި ޖޯބައިޑްއާއިއެކު ވާދަ ކުރައްވަމުން ގެންދަވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ބޮޑެތި ބައެއް ސްޓޭޓްތަކުގައި ބޮޑުތަތަނުން ޖޯބައިޑަންއަށްވުރެ ފަހަތުގައި އުޅޭކަމަށް ދައްކާއިރު، މުހިންމު ބައެއް ސްޓޭޓްތަކުގައި ދެކެޑިޑޭޓުންގެ ދެމެދުގައި ވާ ފަރަގު ކުޑަވަމުން އަންނަ ކަމަށްވެސް ޚިޔާލުން ހޯދުންތަކުން އަންނަނީ ދައްކަމުންނެވެ.
ސީއެންއެން އިން ނެގި ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިލެކްޓޯރަލް ވޯޓު އެންމެ ގިނަ ބައެއް ސްޓޭޓްތައް ކަމުގައިވާ ވިސްކަންސިން އަދި މިޗިގަން ޖޯބައިޑްން އުޅުއްވަނީ ޓްރަމްޕަށްވުރެ ތަފާތު ބޮޑުކޮށް ކުރީގައެވެ.
މިގޮތުން ވިސްކަންސިންގައި ޖޯބައިޑްން %52 ކާމިޔާބު ކުރާނެ ކަމަށް ދައްކާއިރު ޓަރަމްޕް ކާމިޔާބު ކުރާނެ ކަމަށް ދައްކަނީ %44 އެވެ. މިޗިގަންގައި ބައިޑްން %53 ކާމިޔާބު ކުރާނެ ކަމަށް ދައްކާއިރު، ޓްރަމްޕަށް މިސްޓޭޓުން ލިބޭނެ ކަމަށް ދައްކަނީ %41 ވޯޓެވެ. ނޯތު ކެރޮލައިނާގައި ޓްރަމްޕަށް %41 ލިބޭނެ ކަމަށް ދައްކާއިރު މި ސްޓޭޓް ބައިޑްން ކާމިޔާބު ކުރާނެ ކަމަށް ދައްކަނީ %51ގެ ބޮޑު އަޢުލަބިއްޔަތަކުންނެވެ. މީގެ އިތުރުން އިލެކްޓޯރަލް ވޯޓު ގިނަ، ބޮޑު ސްޓޭޓެއްކަމުގައިވާ އެރިޒޯނާގައި ޖޯ ބައިޑްގެ %50 ކާމިޔާބު ކުރާނެކަމަށް ދައްކާއިރު ޓްރަމްޕަށް މިސްޓޭޓުން ކާމިޔާބު ކުރެވޭނެ ކަމަށް ދައްކަނީ %46 ވޯޓެވެ. މިހުރިހާ ސްޓޭޓްތަކަކީވެސް 2016 ވަނައަހަރު އޭރުގެ ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ހިލަރީ ކްލިންޓަންއާއި ވާދަ ކުރައްވާ ޓްރަމްޕް ކާމިޔާބު ކުރައްވާފައިވާ ސްޓޭޓްތަކެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، ޕޯސްޓު މެދުވެރިކޮށް ދުރާލާ ވޯޓު ލާފައިވާ މީހުންގެ މެދުގައި ބައިޑްންގެ މަގުބޫލުކަން ބޮޑުކަމަށް ދައްކާއިރު، މިހާތަނަށް ވޯޓު ލާފައިނުވާ މީހުންގެ މެދުގައި ޓްރަމްޕްގެ މަގުބޫލުކަން ބޮޑެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ގިނައަދަދެއްގެ ރައްޔިތުން ޕޯސްޓު މެދުވެރިކޮށް ކުރިން ވޯޓު ލާފައިވާކަން ފާހަކަ ކުރެވެއެވެ. ސަބަބަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 ކާރިސާއާއި ގުޅިގެން، ކުރިން ގިނަބަޔަކު ވޯޓުލުމަށް އެދި ކަމާއި ގުޅުންހުރި ސިއްޙީ އިދާރާތަކުން ކުރި އިލްތިމާސްތަކާއި އަދި ވަކީން ޚާއްސަކޮށް މިކަމަށް ޖޯބައިޑްއަށް ތާޢީދު ކުރާ ފަރާތްތަކުން ކޮށްފައިވާ ކެމްޕޭންތަކުގެ ސަބަބުން ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.
ބޮޑު ހަތަރު ސްޓޭޓެގައި ކުރީގެ ނާއިބު ރައީސް ޖޯ ބައިޑްން ކުރީގަ އުޅޭކަމަށް ދައްކާއިރު، 2016ގެ ރިޔާސީ އިންތިޚާބުގައިވެސް އެންމެފަހުގެ ޚިޔާލު ހޯދުންތަކުން އޭރު ޓްރަމްޕާއި ވާދަކުރެއްވި ހިލަރީ ކްލިންޓަން ކުރީގައި އުޅޭކަމަށް ގިނަ ޚިޔާލު ހޯދުންތަކުން ދައްކާފައިވެއެވެ. އަދި އެ އިންތިޚާބުގައި ޕޮޕިއުލާ ވޯޓުން، 2.9 މިލިއަން ވޯޓުން ކުރި ހޯއްދެވީވެސް ހިލަރީ ކުލިންޓްންއެވެ.
އެހެންނަމަވެސް ގިނަ އިލެކްޓޯރަލް ވޯޓުތަކުގެ މައްޗަށް އެކުލެވިފައިވާ ބޮޑެތި މުހިންމު ބައެއް ސްޓޭޓްތައް ކާމިޔާބު ކުރައްވާއިގެން، އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދަވާ، އިންތިޚާބު ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ.
އެމެރިކާގެ ރިޔާސީ ނިޒާމު ހަމަޖެހިފަ އޮންނަގޮތުން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓަކު ކަނޑައެޅިގެން ދަނީ ވޯޓު ލާމީހުންގެ އަދަދުން ކުރި ހޯދާ ކެނޑިޑޭޓެއް ނޫނެވެ. މީގެ ބަދަލުގައި އިންތިޚާބު ކާމިޔާބު ވެގެންދަނީ ސްޓޭޓުތަކުގަ ވޯޓުލާ މީހުންގެ ނިސްބަތުން ކުރިހޯދާ، ގިނަ ސްޓޭޓްތައް ކާމިޔާބު ކުރާ ކެޑިޑޭޓެކެވެ. މިގޮތުން އެކި ސްޓޭޓްތަކަށް ކަޑައެޅިފައިވާ އިލެކްޓޯރަލް ވޯޓުތައް އެއްކޮށްލުމުން ބޮޑެތިބައެއް ސްޓޭޓްތައް ކާމިޔާބުކުރާ ކެޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ވެގެން ދެއެވެ.
މިގޮތުން މިހާރުގެ ޚިޔާލު ހޯދުމުގެ ސާވޭތަކުން ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ބައިޑަން ކުރީގަ އުޅުއްވި ނަމަވެސް، ސްޓޭޓްތަކުގެ ނިސްބަތުން މިތަފާތު ކުޑަކަން ފާހަގަ ކޮށްލެވެއެވެ. އަދި ބޮޑެތި ބައެއް ސްޓޭޓްތައް ބައިޑަންއަށް ކާމިޔާބު ކުރެވޭނެކަމަށް ދައްކަނީ ކުޑަތަފާތަކުންނެވެ. އެހެންކަމުން މިހާރުގެ ސާވޭތަކުގެ ނަތީޖާތަކަކީ އިންތިޚާބު ކާމިޔާބު ކުރާނެ ކެނޑިޑޭޓެއް ކަޑައަޅާ ސާވޭތަކެއްގެ ބަދަލުގައި ބެލެވިގެން ދަނީ މި ސާވޭތަކަކީ ކެނޑިޑޭޓުންގެ ތާއީދު މިވަގު ހުރިގޮތް ދައްކުވައިދޭ ތަފާސް ހިސާބެއްގެ ގޮތުގައެވެ.