ކޯވިޑުގެ ވަބާގެ ސަބަބުން އިޤްތިޞާދީ ގޮތުން އެންމެބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އދ.ގެ އާންމު މަޖިލީހުގައި ރައީސްގެ އަރިހުން އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެއަސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީ.ޖީ.އޭ.އާ މިއަދު ކުރި މަޝްވަރާތަކުގައި، ދިވެހިރާއްޖެއާއި އ.ދ.އާ ދެމެދު ގުޅުން ބަދަހިކޮށް، އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމާ ގުޅޭގޮތުން ޚިޔާލުބަދަލުކުރިކަމަށެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނަވައި، ޕީ.ޖީ.އޭ.ގެ މަގާމު ފުރުއްވަމުން ގެންދަވާއިރު، ދުނިޔޭގެ މަސްރަޙުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެކުލެވިގެންވާ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާލާކޮށް، ޑިމޮކްރަސީގެ ހަމަތަކަށް އިޙްތިރާމު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، އިންސާނީ ޙައްޤުތައް ދެމެހެއްޓުންފަދަ ކަންތައްތައް ކުރިއެރުވުމަށް އިތުރު އިސްކަމެއް ދޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ޚާއްޞަގޮތެއްގައި، އ.ދ.ގެ ޢާންމު މަޖިލީހާއި، ސަލާމަތީ މަޖިލިސް އިޞްލާޙު ކުރުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރިން. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެތެރޭގައި، ކޯވިޑުގެ ބަލިކަމުން އަރައިގަތުމުގައި، އ.ދ.ގެ ދައުރު މުހިންމު ކަމަށް އަޅުގަނޑު ދެންނެވިން. އަދި ހުރިހާ ޤައުމުތަކަށް ހަމަހަމަގޮތެއްގައި ވެކްސިން ފޯރުކޮށްދެއްވުމަށް ޕީ.ޖީ.އޭ. ގެންގުޅުއްވާ ސިޔާސަތަށް މަރުޙަބާ ދެންނެވިން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޝްވަރާތަކުގައި، ކޯވިޑުގެ ވަބާގެ ސަބަބުން އިޤްތިޞާދީ ގޮތުން އެންމެބޮޑު ގެއްލުމެއް ލިބެމުންދާ ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނިތަކަށް ލުޔެއް ހޯދައިދިނުމުގައި، އ.ދ.ގެ ޢާންމު މަޖިލީހުގެ ދައުރުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށެވެ. އަދި އ.ދ.ގެ ޢާންމު މަޖިލީހަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ތަމްސީލު ކުރެވޭ މަޖިލިސް ކަމަށްވާއިރު، މިފަދަ ކަންކަމުގައި ޢާންމު މަޖިލީހުގެ ރިޔާސަތުން އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވުމަށް، ޕީ.ޖީ.އޭ.ގެ އަރިހުގައި ދަންނަވާފައިވާނެކަމަށެވެ.
ކޯވިޑުގެ ބަލިކަން، ދުނިޔޭގައި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، އ.ދ.ގެ އެކި ގުނަވަންތަކުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ފޯރުކޮށްދެއްވި ހިލޭ އެހީއަށްޓަކައި ދިވެހި ރައްޔިތުންގެ ނަމުގައި، އެމަނިކުފާނުވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ހަމައެއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުން ތަޙައްމަލް ކުރަމުންދާ އަނިޔާތަކާއި، ނާއިންޞާފުން އަރައިގަތުމަށްޓަކައި އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވައި، މިންތީގެ ހަމަހަމަކަން ޤާއިމުކުރަންޖެހޭ ކަމަށް ދެކޭ ކަމަށާއި، އެކަން ހާސިލުކުރުމަށްޓަކައި ޕީ.ޖީ.އޭ.ގެ ސެކްރެޓޭރިއަޓް އެކުލަވައިލައްވާފައިވަނީ، މިންތީގެ ހަމަހަމަކަމުގެ މައްޗަށް ކަމަށްވާތީ، އެކަން އުފަލާއިއެކު ފާހަގަ ކުރާކަމަށެވެ.
ކޮމެންޓު ފޮނުވާ