ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެދުނުއެވެ.
މިނިސްޓަރ ޝާހިދަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއާއި، ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މިދަތުރު ފުޅުގައި މިއަދު އިސްކަންދަރު ސްކޫލުގެ ދަރިވަރުންނާއިވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް މުހިންމު އެހެން ބައްދަލުވުންތަކެއްވެސް މިއަދަށް ވަނީ ޝެޑިއުލް ކުރެވިފައެވެ. މިދަތުރުފުޅަކީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ދިޔުމަކީ ރާއްޖެ އދ.ގައި ބައިވެރިވުމަށްފަހު ފާއިތުވި މާޒީގައި ޚާރިޖީ ދާއިރާއިން ރާއްޖެއަށް ލިބުނު އެންމެބޮޑު ކުރިއެރުމެކެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތާ ޙަވާލުވެވަޑައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މިނިސްޓަރ ޝާހިދު ރިޔާސަތުގައި އިންނަވައިގެން ބޭއްވި އާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރު ކުރައްވާފައިވަނީ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ބައްދަލުވުމުގެ ހަވާސާގައި ޝާހިދާ ބައްދަލުރައްވައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ