ސްޕަރ ސްޓަރ އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމް" އަންނަ މަހުގެ 9 ވަނަދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓަރ ގައި ޕްރިމިއަރ ކުރާނެއެވެ. ނަމަވެސް އެނަމެއްގައެއް ނޫނެވެ. ފިލްމުގެ ނަން މިވަނީ "ލަކްޝްމީ" އަށް މިހާރު ބަދަލު ކޮށްފައެވެ. ސަބަބަކަށް ވަނީ ލަކްޝްމީ އަކީ ހިންދޫއިންގެ ކަލާންގެއެއްގެ ނަމަށް ވުމާއި އެނަން އެގޮތަށް ބޭނުން ކުރުމުން، އެމީހުންގެ ކަލާންގެއަށް ކުޑާމިސް ކުރެވޭތީއެވެ. ފިލްމުގެ ނަމުގެ މައްސަލަ ފެންމަތިކޮށް މައްސަލަ ގަނޑަކަށް ހަދާލާފައި މިވަނީ އިންޑިއާގެ ހިނދޫ ދީނުގެ މީހުނެވެ.
ބޮލީވުޑްގައި މީގެ ކުރިންވެސް މިގޮތަށް ފިލްމުތަކުގެ ނަން ބަދަލުކޮށްފައި އެބަހުއްޓެވެ. ގިނައިން ހަމަ ފާހަގަ ވަނީ ކޮންމެވެސް ދީނީ ނޫނީ އެމީހުންގެ ބޯދާ ވިސްނުންތަކާ ގުޅިގެން އުފެދޭ މައްސަލަތުގައި ނަން ބަދަލުކޮށްފައި ހުންނަ ކަމެވެ. މިގޮތަށް ނަން ބަދަލުކޮށްފައިވާ ބޮލީވުޑްގެ ބައެއް ފިލްމުތަކަށް މިތަނުގައި ބަލާލާނަމެވެ.
1 ޕަދްމާވަތު
ސަންޖޭ ލީލާ ބަންސާލީ 2018 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދިން މި ފިލްމުގެ އަސްލު ނަމަކީ "ޕަދްމަވަތީ" އެވެ. މި ފިލުގައި ވެސް ބޮޑުވީ ހިނދޫއިންގެ މައްސަލަ ގަނޑެކެވެ. ހިންދޫއިންގެ ތެރޭގައި ހާއްސަ ޤަދަރެއްދެވިފައި ވާ އެމީހުންގެ ރަސްރަނި ކަމަނާއެއް ކަމަށްވާ ޕަދްމަވަތީއާއި ، މުސްލިމް ރަސްކަލެއް ކަމަށްވާ ސުލްތާން އަލާއުއްދީން ކިލްޖީ އާ ދެމެދު ހިންގާ ލޯބީގެ ކަންތައްގަނޑެއް މި ފިލްމުގައި ދައްކާދީފައި ވުން އެމީހުނަށް ބަލައި ނުގަނެވުނީއެވެ. ހިޔާލީ ވާހަކައަށް ހަދާފައިވާ ފިލްމަކަށް ވިޔަސް ސީދާ ޕަދްމަވަތީ އަށް ނިސްބަތްކޮށް އެކަހަލަ ގޮތަކަށް ފިލްމު ގެނަނުން އެމީހުނަށް " ހަޖަމު" ނުކުރެވުނެވެ.
2 ޖަޖްމެންޓަލް ހެ ކިޔާ
ކަންގްނާ އާއި ރާޖްކުމާރް ރާއޯގެ މި ފިލްމު ގެ އަސްލު ނަމަކީ "މެންޓަލް ހެ ކިޔާ" އެވެ. 2019 ވަނަ އަހަރުގެ މި ފިލްމުގެ ނަން ބަދަލުކުރީ ބައެއް މެންޓަލް ހެލްތު އެޑްވޮކޭޓުންގެ އެދުމުގެ މަތިންނެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނިންމީ ހަމައެކަނި ނަން ބަދަލުކުރާކަށް ވެސް ނޫނެވެ. ފިލްމުގެ ޑައިލޮގްތަކުގައި " މެންޓަލް" މި ބަސް ބޭނުންކުރާ ހުރިހާތަނެއްގައި އަޑު ވެސް ކަނޑާލީއެވެ.
3 ބިއްލޫ
ސުޕަރ ޚާނުންގެ ތެރެއިން ޝާހްރުކް ޚާނުގެ އިތުރުން ލާރާ ދައްތާއާއި އިރުފާން ޚާން އެކުގައި 2009 ވަނަ އަހަރު ފެނިގެންދިޔަ ފިލްމު ބިއްލޫގެ އަސްލު ނަމަކީ "ބިއްލޫ ބަރބާ" އެވެ. ނަމަވެސް އެފިލްމުގެ ނަން އެގޮތުގައި ގެނެސްދީފިނަމަ ހެއަރ ސްޓައިލިސްޓުންނަށް ކުޑާމިސް ބަހަކަށް ވެދާނެކަމަށް ހެއަރ ސްޓައިލިސްޓުންގެ ޖަމިއްޔާއިން ބުނުމުން ބަރބާ ކަނޑާލުމަށް ފަހު ހަމައެކަނި ބިއްލޫ އަށް ބަދަލުކޮށްލީއެވެ.
4 މެޑްރާސް ކެފޭ
2013ގެ މިފިލްމަށް ފުރަތަ ކިޔަން އުޅުނީ "ޖަފްނާ" އެވެ. ސްރީލަންކާގެ އުތުރުގެ ސިޓީއެއްގެ ނަމެވެ. އިންޑިއާގެ ސީކްރެޓް ސަރވިސް އިންޓެލިޖެންސް އޭޖެންސީ "ރޯވް" ގެ އޭޖެންޓެއް ލަންކާގެ ޖަފްނާ ސަރަހައްދުގައި ހިންގާ އަންޑަރ ކަވަރ އޮޕަރޭޝަނެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން މި ފިލްމުގައި ސްރީލަންކާ، މާ ދެރަ ނުބައި ބައެއްގެ ގޮތުގައި ދައްކާ، އިންޑިއާ ސިފައިންނާއި އިންޓެލިޖެންސް އޭޖެންސީ މާވަރުގަދަކޮށް ދައްކާފައި ވާތީ ސީދާ ލަންކާއަށް ނިސްބަތްވާ ނަމެއް ނުކިއުމަށް ނަން ބަދަލު ކުރީއެވެ. ފިލްމުގައި އިންޑިއާގެ ރޯވް އޭޖެންޓެއްގެ ގޮތުގައި އިންޑިއާ ސިފައިންގެ ތެރެއިން ޖަފްނާއަށް ފޮނުވާ މީހެއްގެ ބައި ކުޅުނީ ޖޯން އަބްރަހަމެވެ. އޭނާއާއި އެކު ދެން ލީޑުން ފެނިގެންދިޔައީ ނަރްގިސް ފަޚްރީ އެވެ.
5 ޓޯޓަލް ސިޔައްޕާ
ޕާކިސްތާނުގެ އަމަން ކިޔާ ފިރިހެން ކުއްޖެއް، އިންޑިއާގެ އާޝާ ކިޔާ އަންހެން ކުއްޖެއްދެކެ ލޯބިވެގެން ހިނގާ ކަންތައްގަނޑެއް ފެންނަ މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. 2014ގައި ނެރުނު މި ފިލްމުގައި އަމަންގެ ގޮތުގައި އަލީ ޒަފަރު ފެންނަ އިރު، އާޝާގެ ބައި ކުޅެފައި ވަނީ ޔާމީ ގޮއުތަމް އެވެ. ފިލްމުގެ ލީޑް ދެ ކެރެކްޓާގެ ނަމާއި ގުޅުވައިގެން ފުރަތަމަ ފިލްމަށް ކީ " އަމަން ކީ އާޝާ" އެވެ. ނަމަވެސް އެނަމުގައި ޕާކިސްތާނުގެ ޖަމާޢަތަކުން އިޖްތިމާޢީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމާއި ޓައިމްސް އޮފް އިންޑިއާގައި އެނަމުގެ ކޮޕީރައިޓް އޮތުމުން ފިލްމުގެ ނަން ބަދަލުކުރީއެވެ.