ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި އެއް ކޮޅުގައި ހުރީ ވަރުގަދަ ދިވެހި ދައުލަތް ކަމަށާއި އަނެއް ކޮޅުގައި ހުރީ ފަރުދެއް ކަމަށްވުމުން އިންސާފުވެރިކަމާއިއެކު މައްސަލަ ނިންވައި ދެއްވުމަށް ރައީސް ޔާމީން އެދި ވަޑައިގެންފިއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައި, ހުކުމް ކުރުމަށް ވަނީ ތައްޔާރުވެފައެވެ. އަޑުއެހެންތައް ނިންމާލުމަށް މިއަދު ބޭއްވި ފަހު އަޑުއެހުމުގައި ރައީސް ޔާމީން ވަނީ މިމައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ވަރަށް ބޮޑަށް އަލި އަޅުވާލައި ގިނަ ކަންތައްތަކަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް ޔަމީން ވިދާޅުވީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ ފެށުމާ ހިސާބުން "މަކުނުވާ އަޅައި ފުރިފައިވާ ކަމަށާއި މަކުނުވާތައް ސާފުކޮށްގެން ނޫން ގޮތަށް އަސްލު މައްސަލައާ ހަމައަށް ނުދެވޭނެ ކަމަށް" ށެވެ. ޔާމީން ވިދާޅުވި ގޮތުގައި, އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު އެންމެންގެ މައްޗަށް ހިންގަމުންދާއިރު, ދައުވާ ކޮށްފައިވަނީ އެމަނިކުފާނަށެވެ. ބައެއް މީހުންނަށް އެސްއޯއެފްގެ ފައިސާ ލިބިފައިވީ ނަމަވެސް އެއީ ގޯސްކޮށް ލިބުނު ފައިސާއެއް ނޫން ކަމަށް ވެސް ކޯޓުން ބޭރުގައި ނިންމާފައިވާ ކަމަށެވެ.
އެހެންވެ, އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ދައުލަތުން އަމަލު ކުރަމުން ދަނީ އެމަނިކުފާނާމެދު ތަފާތުކޮށް ކަމަށް ވިދާޅުވި އެވެ. އެހެންވެ, އެ ޝުއޫރުތައް ސުޕްރީމް ކޯޓަށް އިއްވަން ބޭނުންވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ދަށު ކޯޓުން އެންމެ ފުރަތަމަ ވެސް ބޭއިންސާފުން އަމަލު ކުރަމުން ދިޔައިރު, ގިނަ ހައްގުތަކަކުން މަހުރޫމްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެހެންވެ, މި މައްސަލާގައި ސުޕްރީމް ކޯޓުން ވީއެންމެ އަވަހަކަށް ގޮތެއް ނިންމަވައިދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ.
ޔާމީން ވިދާޅުވި ގޮތުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދު ދެއްވި ބަޔާނުގައި ހުރި ވާހަކަތަކާ ގުޅޭ ސުވާލުތަކެއް ތަހުގީގުގައި އެމަނިކުފާނާ ނުކުރާކަން ސާފުކޮށް އެނގެން އެބަ އޮތެވެ. ވޮޑަމުލާގެ ފައިސާ ކަމާއި އެއީ ދައުލަތުގެ ފައިސާ ކަމެއް ވެސް އެމަނިކުފާނު ގާތުގައި ބުނެފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ. މައްސަލަ ނިންމަވާ އިރު އެކަންކަމަށް ވިސްނެވުމަށް ޔާމީން ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭސީސީން ރައީސް އޮފީހަށް ބަޔާން ނަގަން ދިޔައިރުގެ ޔައުމިއްޔާތައް ވެސް ހުށަހަޅައިފައެއް ނުވެއެވެ. އަދި ދިފާއު ބިނާ ކުރަން ރައީސް އޮފީހުގެ އެޕޮއިންޓްމެންޓްތަކުގެ ލޮގް ހޯދަން އުޅުމުން ވެސް އެ މައުލޫމާތެއް ވެސް ނުލިބުނު ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި މީހުންގެ ތެރެއިން އެސްއޯއެފްގެ ފައިސާ ޖަމާވި ބައެއް މީހުންގެ ގޯސް ނިޔަތެއް ނެތް ކަމަށް ނިންމައި ދައުވާ ނުކުރަން ނިންމާފައިވާކަން ޔާމީން ފާހަގަ ކުރެއްވި އެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި ވަކި ބަޔަކަށް ދައުވާ ކޮށްފައި އެހެން ބަޔަކަށް ދައުވާ ނުކުރަން ދައުލަތުން ނިންމުމަކީ ތަފާތު ކުރުން ކަމަށް ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި މައްސަލައިގައި ބަލަނީ އިސްތިއުނާފީ ނުކުތާތަކަށް ވިޔަސް، އާހިރުގައި ޝަރީއަތުން ކުރަން އުޅޭ ކަމަކީ މީހެއްގެ މައްޗަށް އަދުލު ގާއިމް ކުރުމެވެ. މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަން ހިނގާފައި ވަނީ ކިހިނެތް ތޯ ބެލުން މުހިންމު ވަނީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި މަނީލޯންޑްރިން ކުށުގެ ހުރިހާ އުންސުރެއް ޔާމީންގެ މައްޗަށް ވަނީ ސާބިތުކޮށްދެވިފަ އެވެ. އަދި, މައްސަލާގައި އަމަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިންނެވެ. އެހެންވެ, އެ ހުކުމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ މައްސަލައާ ގުޅޭ ގޮތުން ދައްކަން ހުރި އެންމެ ފަހުގެ ވާހަކަތައް ދައްކައިފަ އެވެ. އެއަށް ފަހު މިއަދު މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. އެހެންކަމުން، ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ. ކޯޓު ރިސެސްއަށް ދިޔުމަށް ބާކީ އޮތް 56 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުކުމް ކުރައްވާނެ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.