އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން އުޅުނީ މަސްތުގެ ހާލަތުގައި ހުރި މީހެއް: އިމްރާން

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން އުޅުނީ މަސްތުގެ ހާލަތުގައި ހުރި މީހެއް: އިމްރާން

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2021 10:29
0

އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައިގެން އެގެއަށް ވަންނަން މަސައްކަތް ކުރީ މަސްތުގެ ހާލަތުގައި ހުރި މީހެއްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެވުނު ސުވާލުތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަނުމަށް މަސައްކަތް ކުރި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލުގައި އިމްރާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައްތައް ވަރަށް ބޮޑު ވެފައިވާކަމެވެ. މިނިސްޓަރ ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތް ކުރީވެސް މަސްތުގެ ހަލަތުގައި ހުރި މީހެއްކަމަށެވެ. އަދި އެމީހާގެ ތަހުގީގް މިހާރުވެސް ފުލުހުން ކުރަމުންދާކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތްކުރި ނަމަވެސް އެވަގުތު އެމަނިކުފާނު ގެކޮޅުގައި ނޫޅުއްވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމަނިކުފާނު އެވަގުތު އިންނެވީ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީޢަތެއްގެ ރިޔާސަތުގައެވެ. އެއީ ރާއްޖޭގައި އައިއެއްގެ ފިކުރު ފަތުރަން މަސައްކަތްކުރާކަަމށް ތުހުމަތުކުރެވޭ މުޙައްމަދު އަމީންގެ ޝަރީޢަތުގައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެމަނިކުފާނުގެ އާއިލީ ގެކޮޅުގައެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދައުލަތުގެ ބާރުގެ ވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖެއްސުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤާނޫނު ތަސްދީޤްކުރައްވާފައެވެ. އަދި ތިން ބާރުގެ ވެރިންނަށް ކުރިން ދެމުން އައި ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.