އޮފިސަރުން ވަކި ކުރުގައި އަޅުގަނޑުގެ އެއްވެސް ނުފޫޒެއް ނޯންނާނެ: އިމްރާން

އޮފިސަރުން ވަކި ކުރުގައި އަޅުގަނޑުގެ އެއްވެސް ނުފޫޒެއް ނޯންނާނެ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2021 09:35
0

ހިދުމަތުގައި ދެމިތިބި 7 އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުގެ ނިންމެވި ނިންމެވުމަށް އެއްވެސް ނުފޫޒެއް ޕޮލިސް ބޯޑަށް ފޯރުވާފައި ނުވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިސް 7 އޮފިސަރު ވަޒީފާއިން ވަކިކޮށް، ފިޔަވަޅަން ނިންމާފައިވަނީ އިންސާފުންތޯއާއި، އަދި އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައިވޭތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ ބޯޑުން މިމައްސަލާގައި އަމަލުކޮށްފައިވަނީ ޤާނޫނުގެ ތެރެއިން ބޯޑަށް ލިބިދީފައިވާ އިހުތިޖާރުގެ ދަށުންކަމަށެވެ.

ބޯޑުން ނިންމި ނިންމުމުގައި މިނިސްޓަރގެ ހައިސިއްޔަތުންވެސް އަދި ސިޔާސީ އެހެން ބޭފުޅެއްގެ ފަރާތުންވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ބޯޑަށް ޤާނޫނުގައި މަތިކޮށްފައިވާ މުއްދަތުގެ ތެރޭގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމާފައިވާ ނިންމުންތަކަކީ ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނުގެ ތެރެއިން ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ.

ފުލުހުންގެ ބޯޑުން ވަކިކުރަން ނިންމާފައިވާ 7 އޮފިސަރުންގެ ތެރެއިން 2 ބޭފުޅަކަށް ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ފޮނުވާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޕޮލިސް ބޯޑު ޢައްޔަންކުރާ ތާރީޚުން ފެށިގެން 4 މަސްދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންގެ މަސްއޫލިއްޔަތާއި، ޒިންމާ އަދާކުރުމުގައި އަމަލުކޮށްފައިވާގޮތް ވަނީ ބަލައި، ދިރާސަކޮށްފައެވެ.

ޕޮލިސް ބޯޑުން ބެލި ކަންތައްތަކަށްފަހު ފުލުހުންގެ ބައެއް އޮފިސަރުންނާއިމެދު ފިޔަވަޅު އެޅުމަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް ދަންނަވާފައެވެ. ފިޔަވަޅު އަޅަން ލަފާދީފައިވާ ފަރާތްތައް ކަމަށްބުނެ އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބައެއް އޮފިސަރުންނަކީ އެފުލުހުންނާމެދު ޤާނޫނުގެ ތިން ވަނަ މާއްދާގައި ބުނާ އިޖުރާތު ހިންގި ފަރާތްތައްކަމަށް ނުވާތީ އެއީ ޕޮލިސް ބޯޑުގެ ރިޕޯޓުގައި ހިމެނޭ ފަރާތްތަކުގެ ސައްޚަ ލިސްޓު ނޫންކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި ޢަމަލެއް ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަޤާމާ އެކަށޭނަ ތަޢުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންތޯ ވަނީ ބަލައި އެމަސައްކަތް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.