ގައުމީ މަޖިލިސް އިންތިޚާބަށްފަހު، ބަރުލަމާނީގެ އަޑު ފަނޑުވީތަ؟

ގައުމީ މަޖިލިސް އިންތިޚާބަށްފަހު، ބަރުލަމާނީގެ އަޑު ފަނޑުވީތަ؟

ގުޅުންހުރި

ފާއިތުވެދިޔަ މަހު ބޭއްވިގެންދިޔަ އެމްޑިޕީގެ ގައުމީ މަޖިލިސް އިންތިޚާބަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަ ވެގެން ދިޔަ އިންތިޚާބެކެވެ. ބައެއް ފަރާތްތަކުން މި އިންތިޚާބަކީ، ރައީސް ސާލިހާއި ރައީސް ނަޝީދުގެ ސިޔާސީ މުސްތަގުބަލާ ގުޅުންހުރި އިންތިޚާބެއްގެ ގޮތުގައި ސިފަ ކުރަމުން އައިއިރު، އަނެއްބަޔަލު މިއިންތިޚާބު ސިފަކުރަމުންއައީ ވަކީން ޚާއްސަ ގޮތެއްގައި އެމްޑީޕީގެ އެތޭރޭގައި އުފެދިފައި އޮތް ސިޔާސީ ވާދަވެރިކަމާއި، އަދި އޭގެ އިތުރުން ރާއްޖޭގައި މިވަގުތު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް ކުރެވެމުންދާ މަސައްކަތގެ މުސްތަގުބަލާވެސް ގުޅި ލާމެހިގެންދާ އިންތިޚާބެއްގެ ގޮތުގައިވެސް މެއެވެ.

އެހެންކަމުން، ގައުމީ މަޖިލިސް އިންތިޚާބުގެ ކުރިންވެސް ގިނަބަޔަކު ގަބޫލުކުރަމުންދިޔަ އެއްކަމަކީ، މި އިންތިޚާބަށްފަހު، އެމްޑިޕީގެ އެތޭރެގަ އޮތް ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، މިގޮތުން ކުރެވެމުން އައި މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނޭ ކަމުގައެވެ. އަދި މި ބަދަލުތަކުގެ ހިސާބުތައް ގިނަބަޔަކު ޖަހަމުން ދިޔައީ ގައުމީ މަޖިލިސް އިންތިޚާބުގެ ނަތީޖާ ނިކުމެގެން ދާނޭގޮތެއްގެ މައްޗަށެވެ. ރައީސް ސާލިހުގެ ފެކްޝަނަށް ގައުމީ މަޖިލިސް އިންތިޚާބުން ކާމިޔާބު ލިބިއްޖެނަމަ، އެޕާޓީގެ އެތެރޭގައި ރައީސް ނަޝީދު ހިންގަވަމުން ގެންދަވާ އެންމެ މުހިން ސިޔާސީ މަސައްކަތް ކަމުގައިވާ ބަރުލަމާނީ ކެމްޕެނަށް ބޮޑު އަސަރެއް ކުރާނޭކަމުގައެވެ. އަދި ހަމަ އެއާއިއެކު، މި އިންތިޚާބުގައި އެޕާޓީގެ އެތެރޭގައި އޮތް ރައީސް ނަޝިދުގެ ފެކްޝަނަށް ކާމިޔާބު ލިބިއްޖެނަމަ، ނަޝީދު ކުރިޔަށް ގެންދަވާ ބަރުލަމާނީ ކެމްޕޭން އެތައް ގިޔަރަކުން ކުރިޔަށް ޖައްސާލާނޭކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ކޮށްފައިވާ އަދާޒާއާއި ޖައްސަވާފައިވާ ހިސާބުތަކަކަކީ، މިއީ މި އިންތިޚާބުގެ ކުރިން އެތައް ބައެއްގެ ނަޒަރު ހުއްޓިގެން ދިޔަ، އަދި އިންތިޚާބުގެ ފަހުން އެތައްބަޔަކުން ވަޒަންކޮށްލަން ބޭނުންވީ ކަންކަމަވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި އެޕާޓީގެ ބައެއް މެމްބަރުން ވޯޓުލަނީ

 

ގައުމީ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރީ ކޮންފެކްޝަނަކުން؟

ފާއިތުވެދިޔަ، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބަކީ އެ ޕާޓީގެ މުޅި ތާރީޚުގައިވެސް، ޕާޓީގެ އެތެރޭގައި ދެ ލީޑަޝަޕެއް އޮވެ ބޭއްވިގެން ދިޔަ ފުރަތަމަ އިންތިޚާބެވެ. އަދި ޕާޓީ ދެބަޔަކަށް ބެހި، ރަސްމީ ދެ ފެކްޝަނެއް އުފެދި، ދެފެކްޝަންގެ ވާދަވެރިކަމުގެ ތެރޭގައި ބޭއްވިގެންދިޔަ ފުރަތަމަ ގައުމީ މަޖިލިސް އިންތިޚާބުވެސް މެއެވެ. ނަތީޖާއެއްގެ ގޮތުން މިއިންތިޚާބު ކާމިޔާބު ކުރުމަށް ޕާޓީގެ އެތެރޭގައި އޮތް ދެފެކްޝަނުންވެސްވަނީ ގިނަގުނަ ކެމްޕޭންތަކެއް ކޮށް، ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

އަދި ވަކީން ޚާއްސަކޮށް ފެނިގެން ގޮސްފައިވާ މަންޒަރަކީ، އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަންއިން މިއިންތިޚާބުގައި ކެމްޕޭން ކޮށްފައިވަނީ ބަރުނަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުން ވަކިކޮށް، އެކެނޑިޑޭޓުން ގައުމީ މަޖިލިހަށް އިންތިޚާބު ކުރުމަށްކަން ފާހަގަ ކޮށްލެވެއެވެ. އަދި ޕާޓީގެ ރައީސް، ނަޝީދު އިންތިޚާބުގެ ކުރިން ވިދާޅުވެފައިވަނީ، އެމަނިކްފާނު މިއިންތިޚާބުގައި ތާއީދު ކުރައްވާނީ ހަމައެކަނި ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކެނޑިޑޭޓުންނަށް ކަމުގައެވެ.

ނަތީޖާއެއްގެ ގޮތުން، އެމްޑީޕީގެ އެތޭގައި އޮތް ނަޝީދު ފެކްޝަނުން، މިއިންތިޚާބުގައި ކެމްޕޭންކޮށްފައިވަނީ، ބަރުލަނާނީ ނިޒާމްގެ ލޯގޯ ޖަހައިގެންތިބި، ފާޅުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރަމުން އައި ކެނޑިޑޭޓުން ގައުމީ މަޖިލީހަށް އިންތިޚާބު ކުރުމަށެވެ. އޭގެ ބަދަލުގައި ރައީސް ސާލިހުގެ ފެކްޝަނުން މަސައްކަތް ކޮށްފައިވަނީ، ފަރުދާގެ ފުރަގަހުގައި މަސައްކަތް ކޮށްގެން އެފެކްޝަނަށް ތާއީދުކުރާ ކެނޑިޑޭޓުން ގައުމީ މަޖިލީހަށް އެތެރެ ކުރުމަށެވެ.

އެހެންނަމަވެސް، މި ހުރިހާ ކެމްޕޭނަކާއެކީ، އިންތިޚާބު ނިމި، ވޯޓު ގުނާ ނިމުމާއެކީ އެމްޑީޕީގެ އިސް ލީޑަރު، ސާލިހުއަށް ތާއީދުކުރާ ކެނޑިޑޭޓުން އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރިކަން ރާއްޖޭގެ ގިނަ މީޑިއާތަކުން ފާހަގަ ކުރިނަމަވެސް، މީޑިއާތަކުގެ މި ދިރާސާތަކާ ދެކޮޅަށް ނަޝީދު ފެކްޝަނުންވަނީ ސޯޝަލް މީޑިއާގައި އެތަކެއް ޝަކުވާތަކެއް ކޮށް، އަދި ޚުދު ނަޝީދުވެސްވަނީ، މީޑިއާތަކުން ކުރި އަންދާޒާ ސައްޙަ ނޫންކަމަށް ވިދާޅުވެ، ރަގަޅު ނޫން މަޢުލުމާތު ފެތުރުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމުގައި ވިދާޅުވެފައެވެ.

އަދި އެއަށްފަހު، ގައުމީ މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ނަޝީދު ފެކްޝަނުންކަމަށް ބުނެ، އެފެކްޝަނުން ސޯޝަލް މީޑިއާގައި، ގައުމީ މަޖިލިސް އިންތިޚާބު ކާމިޔާބުކުރި ކަމަށް އެފެކްޝަނުން ބުނާ، ބަރުލަމާނީއަށް ތާޢިދުކުރާ ކެނޑިޑޭޓުންގެ އަދަދުވެސް ހާމަކޮށްފައި ވެއެވެ. މިގޮތުން، އެމްޑީޕީގެ ޤައުމީ މަޖިލީހުގައި 140 އަށްވުރެ ގިނަ މެމްބަރުން ތަމްސީލް ކުރާއިރު، ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއި ކޮށްފައިވާ ބައެއް މެމްބަރުންގެ އަދަދުތައް ހާމަކޮށް، ޤައުމީ މަޖިލީހުގައި މިހާތަނަށް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ 55 ގޮޑި ކަށަވަރު ވެފައިވާކަމަށް، ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ބަރުލަމާނީ ޕެޓިޝަން ތައްޔާރު ކުރަމުންދާ ފަރާތްތަކުން ބުނާ މިބުނުމަށް އެފަރާތްތަކުން އެއްވެސް ހެއްކެއް، ނުވަތަ ހުއްޖަތެއް ދައްކާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮންމެއަކަސް، ގައުމީ މަޖިލިހުގެ މެޖޯރިޓީ އޮތީ ކޮންފެކްޝަނެއްގައިކަން އިންތިޚާބުގެ ނަތީޖާއިން އެއްވެސް ފެކްޝަނަކަށް ބުނަން ނޭގުނު ނަމަވެސް، އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަނުން މިހާތަނަށް އާންމުކޮށްފައިވާ ނަތިޖާތަކަށް ބަލާއިރު ސާފުވާން އޮތް އެއް ހަގީގަތަކީ، ބޭއްވިގެންދިޔަ ގައުމީ މަޖިލިސް އިންތިޚާބަށްފަހު، ގައުމީ މަޖިލިހުގެ މެޖޯރިޓީ ރައީސް ސާލިހުގެ ފެކްޝަނަށް ބުރަވެފައިވާ ކަމެވެ. ސަބަބަކީ 140އަށްވުރެ ގިނަ މެމްބަރުން ތިބޭ ގައުމީ މަޖިލިހަށް އިންތިޚާބުވެގެން ދިޔައީ، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ އެންމެ ގިނަވެގެންވެސް 55 މެމްބަރުންކަމުގައި ޚުދު އެފެކްޝަނުން ހާމަކޮށްފައި ވާތީއެވެ. އަދި ފެންނާން އޮތް ހަގީގަތަކީވެސް، މި ހިސާބުގެ މައްޗަށް ބަލާލުމުން، ގައުމީ މަޖިލިހަށް އާންމު މެމްބަރުންގެ ވޯޓުން އިންތިޚާބު ވެގެންދިޔަ މެމްބަރުންނާއި އަދި އެމަޖިލިހުގައި ތިއްބަވާ ވަޒީރުންނާއި މަޖިލިސް މެމްބަރުން، ހިމަނައިގެން، މިހުރިހާ ބޭފުޅުން އެއްކޮށް ހިސާބު ޖަހާލުމުން، ގައުމީ މަޖިލިހުގެ ސާފު މެޖޯރިޓީ ރައީސް ސާލިހުގެ އަތްޕުޅުގައި އޮތްކަމެވެ.

އެމްޑީޕީގެ މައުމީ މަޖިލިހުގެ ބައްދަލުވުމެއް ކުރިޔަށް ދަނީ

 

ގައުމީ މަޖިލިސް އިންތިޚާބަށްފަހު، ބަރުލަމާނީ ނިޒާމު ގެނެވިދާނެކަމަށް އޮތް އުންމީދުތަކަށް ފަނޑުކަން!

ރާއްޖޭގަ މިހާރު އޮތް ވެރިކަމުގެ ނިޒާމު އުވާލާ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ގިނަ ބަޔަކު ސިފަކުރަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެހެން ގޮތެއް ނެތިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއްގެ ގޮތުގައެވެ. އަދި ބައެއް ސިޔާސީ ފަރާތްތަކުން މިސައްކަތް ސިފަ ކުރައްވާފައިވަނީ، އެމަނިކްފާނު ފެންމަތީގައި އޮންނަވަންވެގެން ކުރައްވަމުން ގެންދަވާ މަސައްކަތަކެއްގެ ގޮތުގައިވެސް މެއެވެ.

އަދި ގިނަބައެއްގެ ނަޒަރުގައި، ދައުރުގެ މެދުތެރެއިން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަޝީދު މަސައްކަތް ފެއްޓެވި ހަގީގީ ސަބަބަކީ، ރިޔާސީ ނިޒާމެއްގައި، އާންމު ރައްޔިތުންގެ ވޯޓަކުން ފުރިހަމަ ތާއީދެއް ހޯއްދަވައިގެން ރާއްޖޭގެ ވެރިކަމަށް ނަޝީދަށް ދެން ވަޑައިނުގެންނެވޭނޭކަން އަމިއްލަފުޅަށް ޖައްސަވާ ހިސާބުތަކުންވެސް ރަގަޅަށް ފަހުމް ވެވަޑައިގަންނަވާތީ ކަމަށްވެސް ގިނަބަޔަކު ދަނީ ގަބޫލު ކުރުމުންނެވެ.

އެހެންނަމަވެސް، އެމްޑިޕީގެ ގައުމީ މަޖިލިސް އިންތިޚާބުގެ ކުރިންވެސް ގިނަބަޔަކު ހިސާބު ޖައްސަވާފައިވާ ފަދަދިން، ގައުމީ މަޖިލިސް އިންތިޚާބަށްފަހު އެމަޖިލީހުގެ މެޖޯރިޓީ ރައީސް ސާލިހުގެ ފެކްޝަނަށް ލިބިގެން ދިއުމާއެކު، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު އަބުރާ،ލުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މިވަނީ ފަޑުކަމެއް އައިސްފައެވެ. އަދި އެއްފަހު ޚުދު ނަޝީދުވެސް ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވަމުން ގެންދަވަނި އިހުނަށްވުރެ މަދުން ކަމުގައި ގިނަބަޔަކު ބުނަމުން ދާއިރު، ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް ބަރުލަމާނީ ޓީމުން ބާއްވަމުން އައި ބައްދަލުވުންތައް ވެސް ގައުމީ މަޖިލިސް އިންތިޚާބަށްފަހު ފެނިގެން ގޮސްފައެއް ނުވެއެވެ.

ކޮންމެއަކަސް، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ރައީސް ސާލިހުގެ ތާއީދު އޮތް މަސައްކަތްތަކެއް ނޫންކަން ފާއިތުވެދިޔަ ތަނުގައި ނަޝީދުގެ މި މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ސާލިހު ދައްކަވާފަ ހުރި ވާހަކަފުޅުތަކުން ވަނީ ވަރަށް ބޮޑަށް ސާފުވެގެން ސާފުވެގެން ގޮސްފައެވެ. އެހެންކަމުން ސަރުކާރުގެ ތާއީދު ނެތި، އަދި ސަރުކާރު ހިމެނޭ ކޯލިޝަންގެ އެއްވެސް ސިޔާސީ ޕާޓީއެއްގެވެސް ތާއީދެއް ނެތި، މިމަސައްކަތް ކާމިޔާބު ވެގެން ދިއުމުގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ތާޢީދާއި އެއްބާރުލުން ނަޝީދަށް އިންތިހާއަށް މުހިންމު ވެގެންދާނެ ކަމީ ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.

ބަރުލަމާނީ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން، ގައުމީ މަޖިލިސް މެމްބަރަކު ޕެޓިޝަންގައި ސޮއި ކުރެއްވުމުން އުފާ ފާޅުކުރަނީ

އެހެންކަމުން، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބަށްފަހު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް އަބުރާލުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މިވަނީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ކަމުގައި ގަބޫލު ކުރަންޖެހެއެވެ. އަދި މި ގޮންޖެހުންތައް، މިހާތަނަށް ކުރިޔަށް ގެންދަމުން އައި ބަރުލަމާނީ ކެމްޕޭނުންވެސް ފެންނާން އޮތްއިރު، ބަރުލަމާނީ ކެމްޕޭން ނަގާ ކޮޅަށްޖަހާ، ކާމިޔާބުގެ އައްސޭއަކަށް ވާސިލް ވުމަކީ، ކަށިން ހިތްވަރު ނެރެގެން މެނުވީ ފަސޭހައިން އިތުރަށް ކުރިޔަށް ގެންދެވެން އޮތް މަސައްކަތެއްގެ ގޮތުގައި ފެންނާނެތް ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ