ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރެއްވި ޢަބްދުﷲ ޞާދިޤަކީ އައްޑޫގެ މަސައްކަތްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އަދި އެންމެ ޤާބިލް ބޭފުޅާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޞާދިޤަށް މަރުޙަބާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޢަބްދުﷲ ޞާދިޤަކީ ހިންގުންތެރި އަދި ޤާބިލް ބޭފުޅެއްކަމަށެވެ. އައްޑޫ ސިޓީގައި ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީވެސް ޞާދިޤްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
Abdulla Sodiq akee hinguntheri adhi qaabil beyfulheh. Addu City gai sarukaaruge masakkaiythah belehettumah enme ekasheegenva eh beyfulheh. Marhaba @SobeAbdulla
— Mohamed Nasheed (@MohamedNasheed) October 3, 2021
އީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ސ.ހިތަދޫ، ކައުސަރު، ޢަބްދުﷲ ޞާދިޤު އައްޔަންކުރެއްވީ މިއަދުއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޞާދިޤަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
ޢަބްދުﷲ ޞާދިޤު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައެވެ.
މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޢަބްދުﷲ ޞާދިޤު ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.
ސޯބެއަށް ސްޓޭޓް މިނިސްޓަރުކަން ދީފައިވާއިރު، މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް ވާދަކޮށް ނާކާމިޔާބީއާއި ކުރިމަތިވި، އަނަސް އަބްދުއް ސައްތާރަށްވެސް ވަނީ ސްޓޭޓް މިނިސްޓަރުކަން ދެއްވާފައެވެ. ނިމިދިޔަ ކައުންސިލް އިންތިޚާބުން ނާކާމިޔާބުވި އެމްޑީޕީގެ ގިނަ ބޭފުޅުންނަށް އެކި މަޤާމުތައް ދަނީ ދެމުންނެވެ.
ކޮމެންޓު ފޮނުވާ