ފޮރިންގ މިނިސްޓްރީ ހިންގެވުމުގައި އެންމެ އިސްކޮށް ސްޓޭޓް މިނިސްޓަރު ޚަލީލު

ފޮރިންގ މިނިސްޓްރީ ހިންގެވުމުގައި އެންމެ އިސްކޮށް ސްޓޭޓް މިނިސްޓަރު ޚަލީލު

Author
ހުސެއިން
03 އޮކްޓޯބަރ 2021 04:33
0

ރާއްޖޭގެ ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު، އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތަށް އިންތިޚާބުވެ، ފާއިތުވި ސެޕްޓެމްބަރުމަހު 14ވަނަ ދުވަހު ރަސްމީކޮށް އެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ފޮރިން މިނިސްޓްރީ ހިންގެވުމުގައި އެންމެ އިސްކޮށް، ރަސްމީގޮތުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާޒް އަހުމަދު ޚަލީލް (އަންދު) ކަމުގައި ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ ފޮރިންގ މިނސިްޓަރ އަބުދުﷲ ޝާހިދު އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތަށް އިންތިޚާބު ވެވަޑައިގަތުމަށް ފަހު، އެމަގާމުގައި ދެމި ހުންނަވާނީ 1 އަހަރުގެ މުއްދަތަކަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމުއްދަތުގައި އެމެރިކާގެ ނިއުޔޯކުގައި ދިރިއުޅުއްވުމަށްޓަކާ ޝާހިދު މިހާރުވަނީ ނިއުޔޯކުގައި ދިރިއުޅުއްވުމުގެ ހުރިހާ އިންތިޒާމްތަކެއްވެސް 1 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސަވާފައެވެ.

އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތު ކާމިޔާބު ވެވަޑައިގަތުމަށްފަހު ޝާހިދު ވިދާޅުވެފައިވަނީ، އެމަގާމަކީ ދާއިމީ ވަޒީފާއަކަށް ނުވާތީ ފޮރިންގ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ގަސްތު ނުކުރައްވާ ކަމުގައެވެ. ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ އެއީ ރަމްޒީ މަގާމަށް ވާތީއެވެ.

ދައުލަތުގެ ވަޒީރުން، ވުޒާރާތަކުގެ މަސައްކަތުގައި އަމަލީ ގޮތުން ނުއުޅާވާ ދުވަސްވަރު، އެ ވުޒާރާއެއް ވަގުތީގޮތުން ހިންގެވުން އާންމު ގޮތެއްގައި ދައުލަތުގެ އެހެންވަޒީރަކާ ރައީސުލްޖުމުހޫރިއްޔާ މަތިކުރެއްވުން އެއީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލް ކުރެވުމުން އަންނަ އުސޫލެކެވެ. އަދި އެފަދަ ހާލަތްތަކުގައި، އެވުޒާރާއެއްގެ މަސައްކަތްތަކުގައި ކެބިނެޓަށް ޖަވާބު ދާރީވުމާއި، އަދި ރަސްމީ ހައިސިއްޔަތުން އެ ވުޒާރާއެއް ތަމްސީލު ކުރައްވަނީވެސް ވަގުތީގޮތުން ވުޒާރާ ހިންގެވުން ރައީސުލްޖުމުހޫރިއްޔާ ހަވާލުކުރައްވާ ވަޒީރެވެ.

އެހެންނަމަވެސް، ރާއްޖޭގެ ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށްފަހު، ފޮރިންގ މިނިސްޓްރީ ރަސްމީގޮތުން ތަމްސީލު ކުރައްވަމުން ގެންދަވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލެވެ. މީގެތެރޭގައި، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އާންމު މަޖިލިހުގައި ތަގުރީރު ކުރެއްވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ގިނަ ބައްދަލުވުންތަކުގައާއި އަދި އެނޫން އިވެންޓް ތަކުގައިވެސް ފޮރިންގ މިނިސްޓްރީ ތަމްސީލު ކުރައްވާފައިވަނީވެސް ސްޓޭޓް މިނިސްޓަރު ޚަލީލުކަން ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް، ޝާހިދު އާންމު މަޖިލިހުގެ ރިޔާސަތާ ހަވާލުވެ ހުންނަވާ އެއް އަހަރުގެ މުއްދަތަށް ފޮރިންގ މިނިސްޓްރީ ހިންގެވުން ރަސްމީކޮށް ސްޓޭޓް މިނިސްޓަރު ޚަލީލާ ހަވާލުރައްވާފައިވާ ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އަދި މި މުއްދަތުގައި، ޚާރިޖީ ވުޒާރާގެ ފަރާތުން ކެބިނެޓަށް ޖަވާބުދާރީ ވެވަޑައިގަންނަވާނީ ކޮންބޭފުޅެއް ކަމެއްވެސް ރައީސް އޮފީހުން ހާމަ ކޮށްފައެއް ނުވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.