އިނގިރޭސި ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ސައުތެމްޓަމް ބަލިކޮށް، ޗެލްސީން ލީގުގެ އެއްވައަށް ޖެހިލައިފިއެވެ.
ޗެލްސީން މިމެޗު ކާމިޔާބު ކުރީ 3 -1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލީޑު ނަގާފައެވެ. 9 ވަނަ މިނިޓްގައި މި ގޯލް ކާމިޔާބުކުރީ ޑިފެންޑަރު ޗަލަބާއެވެ. ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ސައުތެމްޓަންގެ ގޯލްކީއްޕަރު ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.
މެޗުގެ 41 ވަނަ މިނިޓްގައި ޗެލްސީގެ ޓިމޯ ވާނާ ޖެހި ގޯލު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ގޯލެއް ނޫންކަމަށެވެ. މިގޯލް ޖެހުމުގެ ކުރިން ބޯޅަ ހޯދާފަިއވަނީ ފައުލްކޮށްގެން ކަމަށް ރެފްރީ ވަނީ ނިންމާފައެވެ. މެޗުގެ ދެވަނަ ހާފުގައި ސައުތެމްޓަނުންވެސް ވަނީ ކުރިއަށް ޖެހި ގޯލެއް ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްފައެވެ. ސައުތެމްޓަނުން މެޗުގެ ނަތީޖާ އެއްވަރު ކުރީ ޗިލްވެލް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީއަކުން ކެޕްޓަން ޖޭމްސް ވާޑްއެވެ.
ސައުތެމްޓަންގެ ގޯލަށްފަހު ކުރިއަށް ޖެހި ޗލްސީން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. މެޗުގެ 77 ވަނަ މިނިޓްގައި ސައުތެމްޓަންގެ ކެޕްޓަން ޗެލްސީ ޖޯޖީނިއޯއަށް ކުރި ނުރައްކާތެރި ފައުލާއި ގުޅިގެން އޭނާއަށްވަނީ ރަތްކާޑު ދައްކައި ދަނޑު ފޮނުވާލާފައެވެ. މިއާއިއެކު ޗެލްސީން ވަނީ ސައުތެމްޓަންގެ ގޯލަށް ނުރައްކާކޮށް 84 ވަނަ މިނިޓްގައި ލީޑު ނަގާފައެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ ޓިމޯ ވާނާއެވެ. އޭގެ 5 މިނިޓްފަހުން 89 ވަނަ މިނިޓްގައި ޗިލްވެލް ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ފުޅާކޮށްފައެވެ.
މި ނަތީޖާއާއެކު ޗެލްސީވަނީ 16 ޕޮއިންޓާއިއެކު ލީގުގެ އެއްވައަށް ޖެހިލާފައެވެ. ދެވަނާގައި އޮތް މެންޗެސްޓަ ޔުނައިޓެޑުން ވަނީ މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެއްވަރު ވެފައެވެ. 14 ޕޮއިންޓާއިއެކު މެންޗެސްޓަރ ޔުނައިޓެޑާއި، ލިވަޕޫލް އަދި އެވަޓަން އޮތީ 2 ވަނައިގައެވެ. މާދަމާރޭ ލިވަޕޫލް ވާދަކުރާނީ 13 ޕޮއިންޓާއިއެކު ލީގުގެ ފަސްވަނާގައި އޮތް މެންޗެސްޓަރ ސިޓީ އާއިއެވެ.