މަޖިލިސް މެމްބަރުންގެ ރައްޓިހިންނަށް އެއާޕޯޓް ވީއައިޕީ ބޭނުންކުރެވޭ ގޮތް ހެދުމަށްވުރެ މުޖުތަމައުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއާޕޯޓް ވީއައިޕީ ބޭނުން ކުރެވޭ ގޮތް ހެދުން މާ އައުލާންކަން ބޮޑުކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެއާރޕޯޓްގެ ވީއައިޕީ މަޖިލިސް މެމްބަރުންގެ ރައްޓިހިންނަށް ބޭނުން ކުރެވޭ ގޮތް ހެދުމާއި ގުޅޭގޮތުން އެމްޑީޕީ މެމްބަރުންގެ މެދުގައި ކުރެވެމުންދާ ބަހުސްއާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ރައްޓިހިންނަށް ވީއައިޕީ ބޭނުން ކުރެވޭ ގޮތް ހެދުމަށްވުރެއް އާންމު ރައްޔިތުންނަށް ވީއައިޕީ ބޭނުން ކުރެވޭ ގޮތް ހެދުމަށް މާ ހެޔޮކަން ބޮޑުކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މުޖުތަމައުގައި ތިއްބެވި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވީއައިޕީގެ ޚިދުމަތް ދިނުން މާ އައުލާކަން ބޮޑުކަމަށެވެ.
މަޖިލިސް މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓް ވީއައިޕީ ބޭނުންކުރެވޭ ނަމަ، ޢާއްމު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހެދުން މާ ހެޔޮކަން ބޮޑު، ވަކިން ޚާއްޞަކޮށް ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުން މާއައުލާ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި މިއަދު ކުރެވެމުންދާ ބަހުސްގައި މެމްބަރު އިކްރާމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް "އިއްޒަތްތެރި" މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަމެއް ނުލިބޭކަމަށެވެ. މެމްބަރުންނަކީ އާދައިގެ މީހުންނަށްވެސް ދަށް ބައެއްކަމަށް އޭނާ ވަނީ ބުނެފައެވެ. އިކްރާމް ވިދާޅުވީ މެމްބަރުންނަށް އިއްޒަތްތެރި ލަގަބު ދީފައި އެކަން ނުލިބޭނަމަ "ނިކަމެތި" މެމްބަރުން ކިޔުންވެސް މާ ރަނގަޅު ވާނެކަމަށެވެ.
އިކްރާމްގެ ވާހަތަކަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މެންބަރު އިކްރާމުގެ ޝަކުވާތަކާ ގުޅިގެން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ ގާނޫނުތަކާއި މަޖިލީހުގެ ގަވައިދު ފާސްކުރަނީ މެންބަރުން ކަމަށްވާތީ މަޖިލީހުގެ އިދާރާއިން ލާޒިމުކުރާ ކަމެއް ނެތް ކަމަށެވެ. އަދި ކިއުގައި ޖެހިވަޑައިނުގެން މެންބަރުންނަށް ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ގާނޫނާއި ގަވައިދުތަކަށް ގެނެވޭނެ ބަދަލުތަކުގެ ތަފްސީލަކަށް ވެސް އީވާ އެދިވަޑައިގެންނެވިއެވެ.
މަޖިލިސްގެ މެމްބަރުންގެ މެދުގައި ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ކުރެވޭ މިބަހުސްގައި މަޖިލިސް ރައީސްވެސް ވަނީ މެމްބަރުންނަށް ރައްޔިތުން ފާޑުކިޔަނީ މާބޮޑަށް ބޮޑާވާތީކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ މެމްބަރުން ކުރާ ދަތުރު ދަތުރުތަކުގައި ވީއައިޕީ ލައުންޖު ބޭނުން ކުރާއިރު، އެކުގައިދާ އެކުވެރިންނަށްވެސް އެތަން ބޭނުން ކުރެވޭ ގޮތަށް އެމްޑީޕީގެ ކޮންޓްރޯލް އޮންނަ އާންމު ކޮމެޓީން ނިންމުން ގިނަ ރައްޔިތުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ