ދިހަ އަހަރުގެ ކުދިން ކަންމައްޗަށް ގިނަވާންފަށައިފި، ކަންބޮޑުވުން އިންތިހާ: ސިފާ

ދިހަ އަހަރުގެ ކުދިން ކަންމައްޗަށް ގިނަވާންފަށައިފި، ކަންބޮޑުވުން އިންތިހާ: ސިފާ

Author
މުޙައްމަދު ޖިމީ
02 އޮކްޓޯބަރ 2021 11:08
0

މާލޭގެ ކަންމަތިތަކަށް 10 އަހަރުގެ ކުދިންވެސް ގިނަވާން ފަށައިފިކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑޫވުން މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީ މާލެ ދާއިރާއަށް އިންތިާޚބުވެވަޑައިގެންނެވި ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ އެ ކަންބޮޑުވުން ފާޅުކުރެއްވީ، ޒުވާނުންގެ މެދުގައި އޮންނަ "ގޭންގު" ތަކުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

ސިފާ ވިދާޅުވީ، 10 އަހަރުގެ ކުދިން ކަންމައްޗަށް ގިނަވާން ފަށައިފިކަމަށެވެ. ވެހިކަލްތަކާއި ހިނގާ މީހުންނަށް އުނދަގޫވާވަރަށް މަގު އޮންނަނީ އޮލަވެފައިކަމަށާއި، ފާޅުގައި ވިއްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެއްސެއް ބޭރު މީހެއް ނޭނގޭ، އެންމެން އުޅެނީ އެ ވިޔަފާރީގައި. ކަންބޮޑވުން އިންތިހާއަށް.

– ސިފާ މުޙައްމަދު

އިއްޔެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ރާއްޖެ އަމާންކަމާއެކު ބޭއްވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ "ގޭންގް"ތަކުގެ މައްސަލަތައް ކަަމަށެވެ. އެހެންކަމުން "ގޭންގު"ތަކުގެ މައްސަލައަށް ބޮޑު ހައްލެެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ ގޭންގުތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން އެމައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި ފަސްނުޖެހޭނެ ކަމަށާއި އެކަމުގެ ނަތީޖާ ނެރޭނެކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.